ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ފޯކަސް މިވަގުތު ހުންނެވީ ވެރިކަމުގެ ނިޒާމު ބަދަލުކުރުމަށް ވުރެ، ރާއްޖެ އޮތް އިގްތިސޯދީ އަނދަވަޅުން އަރައިގަނެ، ރައްޔިތުންނަށް ވެވަޑައިގެންފައިވާ ވައުދުތައް ފުއްދައިދިނުމަށް ކަމަށް ރައީސް އޮފީހުން ބުނެފި އެވެ.

ވެރިކަން ހިންގުމުގެ ނިޒާމު ބަރުލަމާނީއަށް ބަދަލުކޮށް، ބޮޑުވަޒީރަކަށް ވެވަޑައިގަންނަވަން ބޭނުންފުޅުވާ ކަމަށް ވިދާޅުވެ، އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު ވަނީ މިދިޔަ މަހު ރައީސް ސޯލިހަށް މެސެޖެއް ކުރައްވާފަ އެވެ.

ރައީސް ސޯލިހަށް ފޮނުއްވި މެސެޖެއްގައި ރައީސް ނަޝީދު ވިދާޅުވީ، ވެރިކަން ހިންގުމުގެ ނިޒާމު ބަދަލު ކުރުމާ މެދު މަޝްވަރާ ކުރައްވަން ބޭނުންފުޅުވާ ކަމަށާއި ހަވާސާގައި ހުންނަވަން ބޭނުންފުޅުނުވާ ކަމަށެވެ.

ރައީސް އޮފީހުގައި މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވެރިކަމުގެ ނިޒާމު ބަދަލުކުރުމާ ގުޅޭގޮތުން ނޫސްވެރިން ކުރި ސުވާލަށް ޖަވާބުދެއްވަމުން ރައީސުލްޖުމްހޫރިއްޔާގެ ލީގަލް ކައުންސެލް، އަހްމަދު އަބްދުﷲ އަފީފު ވިދާޅުވީ، ވެރިކަމުގެ ނިޒާމު ބަދަލުކުރުމާ ގުޅޭގޮތުން ސަރުކާރުގެ ތެރޭގައި އެއްވެސް މަޝްވަރާއެއް ކުރެވިފައި ނުވާ ކަމަށެވެ.

"ކުރު ޖަވާބަކީ އެކަހަލަ މަޝްވަރާތަކެއް [ވެރިކަމުގެ ނިޒާމު ބަދަލުކުރުމާ ގުޅޭ މަޝްވަރާތަކެއް] ނުދޭ. ނިޒާމު ބަދަލުކުރުމުގެ ވާހަކައެއް އަޅުގަނޑުމެން ސަރުކާރުގެ ތެރޭގައި ދައްކާފައެއް ނެތް،" އޭނާ ވިދާޅުވި އެވެ.

މަޖިލިސް ރައީސްގެ މެސެޖަށް އިޝާރާތް ކުރައްވައި، ތަރުޖަމާނު މަބްރޫކް މިރޭ ވިދާޅުވީ މިވަގުތު ރާއްޖެ އޮތް ހާލަތުގައި ވެރިކަމުގެ ނިޒާމު ބަދަލުކުރުމަށް ވުރެ، ރައީސް ސޯލިހަށް މުހިންމު ކަންކަން އެބަހުރި ކަމަށެވެ.

"މި ހާލަތުގައި ރާއްޖެ އޮއްވައި، ރައީސްގެ ފޯކަސް ހުރީކީ މިކަމަަކަށް [ނިޒާމު ބަދަލުކުރުމަކަށް] ނޫން. ރައީސް ފޯކަސް ކުރައްވައިގެން ހުންނެވީ އިކޮނޮމިކް ރިކަވަރީއަށް. އަދި ރައީސް ފޯކަސް ކުރައްވައިގެން ހުންނެވީ ރައީސް ވެވަޑައިގެންނެވި ވައުދުތައް ފުއްދުމަށް،" މަބްރޫކް ވިދާޅުވި އެވެ.

އެހެން ނަމަވެސް، ސިޔާސީ މަޝްރަހުގައި ރާއްޖޭގެ މުސްތަގުބަލާ ގުޅޭގޮތުން ކުރަންޖެހޭ މަޝްވަރާތަކަށް އެމަނިކުފާނު އަބަދުވެސް ތައްޔާރަށް ހުންނެވިކަން އެމަނިކުފާނުގެ ވާހަކަފުޅުން ހާމަވާ ކަމަށް މަބްރޫކް ވިދާޅުވި އެވެ. ހަމައެއާއެކު، ނިޒާމު ބަދަލުކުރަން ގިނަ ބަޔަކު ބޭނުންވެ، ރިފަރެންޑަމަކަށް ދާން ޖެހޭ ހިސާބުން އެ މަސައްކަތް ކުރެއްވުމަށް ރައީސް ފަސްޖެހިވަޑައިނުގަންނަވާނެ ކަމަށް ވެސް މަބްރޫކް ވިދާޅުވި އެވެ.

"މިވަގުތު ފޯކަސް އަކީ އެހެން ނަމަވެސް އެއީކީއެއް ނޫން ރައީސްގެ.. އަޅުގަނޑު މި ބުނާ ވާހަކައަކީ، ރައީސްގެ ކީ ޕްރަޔޯރިޓީ އަކަށް މިވަގުތު އޮތީ ވެރިކަން ކުރާ ނިޒާމު ބަދަލު ކުރުމެއް ނޫނޭ. އެއަށްވުރެ މާ މުހިންމު ކަންކަން ކަމަށް ރައީސް އަމިއްލަފުޅަށް ދެކެވަޑައިގެން ހުންނެވީ ރައީސްވެ ވަޑައިގެންނެވި ވައުދުތައް ފުއްދުން. އަދި ރާއްޖެ މިހާރު މި އޮތް ޕޮޒިޝަނުން ރަނގަޅު ޕޮޒިޝަނަކަށް ގެންދިއުން،" މަބްރޫކް ވިދާޅުވި އެެވެ.

އެހެން ނަމަވެސް، ވެރިކަމުގެ ނިޒާމު ބަދަލުކުރުމުގެ މަޝްވަރާތައް އެހެން ސިޔާސީ ބޭފުޅުން ރައީސް އާއެކު ކުރައްވަން ބޭނުންވާނަމަ، އެކަމަށް ރައީސް ތައްޔާރަށް ހުންނެވި ކަމަށް މަބްރޫކް ވިދާޅުވި އެވެ.

މަޖިލިސް ރައީސްގެ މެސެޖާ ގުޅިގެން ރައީސް ސޯލިހު ވިދާޅުވެފައި ވަނީ ބަރުލަމާނީ ނިޒާމެއް ގެނައުމަށް ރައްޔިތުން މަޖިލީހުގެ ރައީސް އެދިވަޑައިގަތް ނަމަވެސް ވެރިކަން ހިންގުމުގެ ނިޒާމް ބަދަލު ކުރެވޭނީ ރައްޔިތުންގެ ވޯޓަކުން ކަމަށެވެ.