ރައީސުލް ޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު މިވަގުތު އެންމެ އިސްކަން ދެއްވަނީ ރާއްޖޭގެ ހަމަޖެހުމާއި އަމާންކަން ޤާއިމްކޮށް، ރައްޔިތުންނަށް ރައްކާތެރިކަން ހޯއްދަވައިދެއްވުމަށް ކަމަށް ރައީސް އޮފީހުން ބުނެފި އެވެ.

ރައީސް އޮފީހުން ބުނީ މިއަދަކީ ރާއްޖޭގެ ހުރިހާ ރައްޔިތުން ކެތްތެރިކަމާއެކު، ޤާނޫނުއަސާސީ ނަގަހައްޓައި، ޤާނޫނުތަކުގެތެރޭގައި ޙަރަކާތްތެރިވުމުގައި، އާ ހިތްވަރަކާއެކު މަސައްކަތް ކުރަންވީ ވަގުތު ކަމަށާއި ރާއްޖޭގެ ހަމަޖެހުމާއި އަމާންކަން ޤާއިމްކޮށް، ރައްޔިތުންނަށް ރައްކާތެރިކަން ހޯއްދަވައިދެއްވުމަކީ، ރައީސުލްޖުމުހޫރިއްޔާ މިވަގުތު އެންމެބޮޑު އިސްކަމެއް ދެއްވާ މަސައްކަތް ކަމަށެވެ.

އަދި ބުނެފައި ގިނަ ސިޔާސީ ޕާޓީތަކެއް ހިމެނޭގޮތަށް، ކެބިނެޓް އެކުލަވައިލެއްވުމުގެ މަސައްކަތް، ރައީސް ކުރައްވަމުން ގެންދަވާ ކަމަށާއި އެމަނިކުފާނުގެ ކެބިނެޓް އެކުލަވައިލެވެންދެން ވެސް ރައްޔިތުންނަށް ސަރުކާރުން ދޭންޖެހޭ ޚިދްމަތްތައް މެދުނުކެނޑި ލިބޭނެ ކަމުގެ ފުރިހަމަ ޔަޤީންކަން ރައީސް ދެއްވާ ކަމަށެވެ.