02 May 2021, 17:48
ޒަރޫރީ ބޭނުމެއްގައި ނޫނީ އެއްރަށުން އަނެއް ރަށަށް ދަތުރު ކުރުން މަނާކޮށްފި އެވެ.
ޑިރެކްޓަ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ސޮއިކުރައްވައި މިއަދު ނެރުއްވި އެންގުމުގައި ވަނީ ޒަރޫރީ ބޭނުންތަކަށާއި، ސިއްހީ ފަރުވާ ހޯދުމަށް ޓަކައި މެނުވީ، މާލެ، ހުޅުމާލެ، ވިލިމާލެ، ތިލަފުށި އަދި ގުޅީފަޅު ފިޔަވައި މީހުން ދިރިއުޅޭ އެއްރަށުން އަނެއް ރަށަށް ދަތުރުކުރުމަކީ މަނާ ކަމެއް ކަމަށެވެ.
އެގޮތަށް ހަމަޖެއްސިނަމަވެސް ރައްޔިތުންނަށް ބޭނުންވާ ކާބޯތަކެއްޗާއި އެނޫންވެސް ޒަރޫރީ ތަކެތި ފޯރުކޮށް ދިނުމަށް ކުރާ ދަތުރުތަކާއި މަސައްކަތްތަކަށް، ލޯކަލް ކައުންސިލްތަކުން މަގުފަހިކޮށްދިނުމަށް ވަނީ އަންގާފަ އެވެ.
އެ ފިޔަވަޅު އަޅާފައި ވަނީ އަންނަ އަންގާރަ ދުވަހުން ފެށިގެން އެއް ހަފްތާގެ މުއްދަތަށެވެ.
އެ ފިޔަވަޅު އެޅިޔަސް، މިހާރުވެސް އޮންނަ އުސޫލުގެ ދަށުން 10 ދުވަހުގެ މުއްދަތަށް ކަރަންޓީނުވާގޮތަށް މާލެއިން ރަށްރަށަށް ދަތުރު ކުރެވޭނެ އެވެ. އަދި ރަށް ރަށުން މާލެއަށް ދަތުރު ކުރުމަށް އެއްވެސް ހުރަހެއް ނެތެވެ.
މިފަދަ ފިޔަވަޅެއް އަޅާފައި ވަނީ ރާއްޖޭގެ ގިނަ ރަށްތަކުން ކޮވިޑަށް މީހުން ޕޮޒިޓިވްވެފައިވާތީ އެވެ.
ކޮވިޑްގެ ކޭސްތައް ފެންނަ ރަށްތައް ދުވަހެއް ދުވަހަކަށް އަންނަނީ އިތުރުވަމުންނެވެ. ކޮވިޑްގެ ކޭސްތައް ފެނި މާލެ ފިޔަވައި އެންމެ އާބާދީ ބޮޑު ދެ ސިޓީ ކަމުގައިވާ އައްޑޫ ސިޓީ އާއި ކުޅުދުއްފުށި ސިޓީ ވެސް ވަނީ މޮނިޓަރިންގެ ހާލަތަށް ގެނެސްފަ އެވެ. އަދި 22 ރަށެއް ވެސް ވަނީ މޮނިޓަރިންގެ ހާލަތަށް ގެނެސްފަ އެވެ.