02 May 2021, 15:52
ރާއްޖެއިން ގަނެފައިވާ ކޮވިޑް-19 ވެކްސިނެއް ކަމަށްވާ އެސްޓްރާޒެނެކާ ވެކްސިންގެ 700،000 ޑޯޒް ރާއްޖެ ގެނެވޭނީ އަންނަ މަހުގެ ތެރޭގައި ކަމަށް ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ވިދާޅުވެއްޖެ އެވެ.
އެސްޓެރަޒެނެކާގެ ސިންގަޕޫރުގެ ކުންފުންޏެއް ކަމަށްވާ އެސްޓްރާޒެނެކާ ސިންގަޕޯ ޕީޓީއީ އެލްޓީޑީ އިން 700،000 ޑޯޒް ވެކްސިން ގަންނަން މިދިޔަ ޑިސެމްބަރުގައި ދިވެހި ސަރުކާރުން ވަނީ އެއްބަސްވެފަ އެވެ.
ރޭ ޕީއެސްއެމްގެ "ރާއްޖެ މިއަދު" ޕްރޮގްރާމުގައި ވާހަކަފުޅު ދައްވަކަވަމުން މިނިސްޓަރު ނަސީމް ވިދާޅުވީ، އެސްޓްރާޒެނެކާ ވެކްސިން ރާއްޖެ އަންނާނީ ޖޫން މަހުގެ ތެރޭގައި ކަމަށެވެ. ނަމަވެސް، ޖޫން މަހުގެ ކޮން ދުވަހެއްގައި ކަން އެނގިވަޑައިނުގަންނަވާ ކަމަށް ވިދާޅުވި އެވެ.
"އެސްޓްރަޒެނެކާ އަޅުގަނޑުމެންނަށް ޖޫން މަހުގެ ތެރޭގައި ލިބެން ފަށާނެ. ޖޫން ކޮން އިރަކު ކަމެއް ނޭނގެ އަޅުގަނޑުމެންނަށް ލިބޭނީ. އެހެންނަމަވެސް ލިބުނީމަ އަޅުގަނޑުމެންނަށް ހިތްހަމަޖެހިގެން މިކަމާ ދޭތެރޭގައި އުޅެވޭނެ،" ނަސީމް ވިދާޅުވި އެވެ.
ނަސީމް ވިދާޅުވީ، ހުރިހާ އެންމެނަށް ވެސް ދެ ވަނަ ޑޯޒް ޖެހުމަށް ވެކްސިން ލިބޭނެ ގޮތް ހަމަޖައްސާފައިވާ ކަމަށެވެ. އެކަމަށް ދައްޗެއް ނާރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ނަސީމް ވިދާޅުވީ، ކޮވިޝީލްޑް ވެކްސިން ހޯދަން ޖެހެނީ އިންޑިއާ އިން ކަމަށާއި އިންޑިއާ މިހާރު އޮތް ހާލަތާ ހެދި އެ ވެކްސިން ލިބުމަށް އުނދަގޫ ކަމަށެވެ.
އެސްޓްރާޒެނެކާގެ އިތުރުން، ސަރުކާރުން ވަނީ ކޮވިޝީލްޑްގެ 300،000 ޑޯޒް ގަންނަން އިންޑިއާގެ ސިރަމް އިންސްޓިޓިއުޓާއެކު ސޮއިކޮށްފަ އެވެ. އޭގެ ތެރެއިން 100،000 ޑޯޒް ވަނީ ލިބިފަ އެވެ.
މިހާރު ރާއްޖޭގައި ޖަހަމުންދަނީ ކޮވިޝީލް، ސައިނޯފާމް އަދި ފައިޒާ ވެކްސިނެވެ. އެޗްޕީއޭ އިން އެންމެ ފަހުން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިހާތަނަށް ފުރަތަމަ ޑޯޒް 296،961 މީހަކަށް އަދި 102،589 މީހަކަށް ވެކްސިންގެ ފުރަތަމަ ޑޯޒް ވަނީ ދީފަ އެވެ.