09 Feb 2012, 17:57
ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމުން އިސްތިއުފާ ދެއްވަންޖެހުނީ މަޖުބޫރު ހާލަތެއްގައި ކަމަށްވާތީ ގާނޫނީ ގޮތުން އެ މައްސަލާގައި މަޝްވަރާ ކުރެއްވުމަށް ފަހު އެމަނިކުފާނުގެ ގާނޫނީ ވަކީލުން ސުޕްރީމް ކޯޓަށް މައްސަލަ ހުށަހަޅުއްވާނެ ކަމަށް ގަބޫލުފުޅު ކުރައްވާ ކަމަށް ކުރީގެ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
"އަޅުގަނޑު އުންމީދު ކުރަން [އަޅުގަނޑުގެ] ގާނޫނީ ވަކީލުން އެކުގައި މަޝްވަރާ ކުރެވިގެން ސުޕްރީމް ކޯޓަށް ވެސް ހުށަހެޅިދާނެ ކަމަށް. އަޅުގަނޑުމެންގެ އެބައޮތް ގާނޫނީ ވަކީލުންގެ ޓީއެމް އެހެންވީމަ އެ ޓީމުން މަސައްކަތް ކުރާނެ،" ރައީސް ނަޝީދުގެ އާއިލީ ގެކޮޅު، ގ. ކެނެރީގޭގައި ނޫސްވެރިންނަށް މިއަދު މައުލޫމާތު ދެއްވަމުން ވިދާޅުވި އެވެ.
ކުރީގެ ބަންޑާރަ ނައިބު ހުސްނު ސުއޫދު ޓީވީއެމްއަށް ދެއްވި އިންޓަވިއުގައި ވިދާޅުވެފައި ވަނީ ރައީސް ނަޝީދަށް މަޖުބޫރު ކުރުވައިގެން ވެރިކަމުން ދުރުކުރުކޮށްފައިވާ ނަމަ މިހާރުގެ ސަރުކާރާމެދު ސުވާލު އުފެއްދިދާނެ ކަމަށެވެ. އަދި މަޖޫބޫރުން ރައީސް ނަޝީދު ވެރިކަމުން ދުރުކޮށްފައިވާނަމަ އެ މައްސަލަ ބެލޭނީ ސުޕްރީމް ކޯޓުން ކަމަށެވެ.
ރައީސް ނަޝީދުގެ ސަރުކާރުގެ ބަންޑާރަ ނައިބުކަން ކުރެއްވެވި ސުއޫދު ވިދާޅުވެފައި ވަނީ ގާނޫނު އަސާސީގައިވާ ގޮތުން ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުންނަ ބޭފުޅަކު އިސްތިއުފާ ދެއްވަން ބޭނުންފުޅު ވެއްޖެ ނަމަ، އެ ސިޓީ ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ލިބިވަޑައިގަތުމުން ނޫނީ ރައީސަކު ވެރިކަމުން އިސްތިއުފާދެއްވެވި ކަމަށް ނުވާނެ އެވެ.
ގާނޫނު އަސާސީގެ 121 ވަނަ މާއްދާގެ (ހ)ގައި ބުނަނީ ރައީސުލްޖުމްހޫރިއްޔާ އޭނާގެ މަގާމުން އިސްތިއުފާދޭން ބޭއްނުންވެއްޖެ ނަމަ ސިޓީއަކުން އެކަން ބަޔާންކޮށް ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ހުށަހަޅައި އެ ސިޓީ ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ލިބުމުން ރައީސުލްޖުމްހޫރިއްޔާ އެ މަގާމުން ވަކިވާނެ ކަމަށެވެ.
ރައީސް ނަޝީދު މިއަދު ވިދާޅުވީ އެމަނިކުފާނު މަގާމުން އިސްތިއުފާ ދެއްވި ސިޓީއެއް މަޖިލީހަށް ފޮނުވާފައި ނުވާނެ ކަމަށެވެ.