މުޒާހަރާތައް ރޫޅާލުމަށް ފުލުހުން ހަރަކާތްތެރިވާއިރު ހާލަތާއި ނުބައްދަލު ބާރުގެ ބޭނުން ނުހިފުމަށް ޕޮލިސް އިންޓެގްރިޓީ ކޮމިޝަނުން ގޮވާލައިފި އެވެ.

ކޮމިޝަނުން ނެރުނު ބަޔާނެއްގައި ބުނަނީ ފުލުހުންގެ އަމަލުތައް އާންމު ރައްޔިތުންގެ އިތުބާރު ލިބޭ ގޮތަށް ބަހައްޓަން ޖެހޭ ކަމަށެވެ. އަދި ފުލުހުންގެ ވާޖިބުތައް އަދާކުރުމަށް އާންމު ރައްޔިތުންގެ އެހީތެރިކަމާއި އެއްބާރުލުން ދިނުމަށް ވެސް ކޮމިޝަނުން ވަނީ އިލްތިމާސްކޮށްފަ އެވެ.

އިއްޔެ މާލޭގައި ހިނގައިދިޔަ ހަމަ ނުޖެހުންތަކުގައި ބަލަން ޖެހޭކަން ކަން ބަލާ ތަހުގީގު ކުރަމުން އަންނަ ކަމަށް ވސް ކޮމިޝަނުން ބުންޏެވެ.

ކޮމިޝަނުން ބުނީ އިއްޔެ ހިނގަދިޔަ ހަމަ ނުޖެހުމުގައި ފުލުހުންނާއި އާންމުންގެ އިތުރުން އަދި ދައުލަތުގެ ބައެއް ތަކެއްޗަށް ގެއްލުންތައް ލިބިފައިވާތީ އެކަން ބަލާ ތަހުގީގު ކުރަމުން އަންނަ ކަމަށާއި މާލެ އާއި އަތޮޅު ތަކުގައި ބޮޑެތި ހަމަ ނުޖެހުންތައް ހިނގާ ފުލުންނާއި އާންމުނަށް ބޮޑެތި ގެއްލުންތައް ތަކެއް ލިބިފައިވާ ކަމަށެވެ. އަދި އެކަންކަން ހަށުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށެވެ.

އަދި ރަށްރަށުގައި ފުލުންގެ މަސައްކަތްތަކަށް ހުރަސް އެޅުމަށް ހިންގާފައިވާ ޣައިރުގާނޫނީ އަމަލުތައް ފާހަގަކޮށް އެފަދަ އަމަލުތައް ތަކުރާރު ނުކުރުމަށް ވެސް ކޮމިޝަނުން މިއަދު ގޮވާލި އެވެ.

އިއްޔެ އެމްޑީޕީން ނިކުމެ ހިންގި ހަމަ ނުޖެހުމުގައި މާލޭއާ އަތޮޅު ތަކުގައި ހުރި ފުލުހުންގެ މަރުކަޒުތަކަށް އެކި ވަރުގެ ގެއްލުންތައްދީފައިވާއިރު ފުލުހުންނާއި އާންމުންނަށް އެކިވަރުގެ ގެއްލުންތައް ވަނީ ލިބިފަ އެވެ.