02 May 2021, 10:15
ސްޕެނިޝް ލީގުގައި އެންމެ ފަހުން ގްރަނާޑާއާ ދެކޮޅަށް އަމިއްލަ ދަނޑުގައި ކުޅެ ބަލިވި މެޗުގައި ބާސެލޯނާގެ ކޯޗު ރޮނާލްޑް ކޫމަންއަށް ދެއްކި ރަތްކާޑާ ގުޅިގެން ދެ މެޗަށް ސަސްޕެންޑް ކުރުމަށް ލީގުގެ އިންތިޒާމީ ކޮމިޓީން ނިންމުމުން އެކަން ބަދަލު ކުރުމުގެ މަސައްކަތް ބާސެލޯނާއިން ފަށައިފި އެވެ.
ލީގުގެ ވާދަވެރިކަން އިންތިހާއަށް ބޮޑުވެފައިވާ އިރު، ގްރަނާޑާ މެޗުން މޮޅުވެގެން ބާސެލޯނާއަށް އޮތީ އެއްވަނައަށް އެރުމުގެ ފުރުސަތު ލިބިފަ އެވެ. އެކަމަކު އެމެޗުން ބަލިވުމާ އެކު ބާސެލޯނާއަށް މިހާރު އޮތީ އަމިއްލަ ބާރު ގެއްލިފަ އެވެ. ލީގުގެ ތިންވަނާގައި ބާސެލޯނާ މިވަގުތު އޮތް އިރު، ކުރިއަށް އޮތް ފަސް މެޗުން އެ ޓީމު މޮޅުވެގެން ވެސް އެއްވަނަ އަށް އެރޭނީ ދެވަނާގައި އޮތް ރެއާލް މެޑްރިޑް މެޗަކުން ޕޮއިންޓެއް ގެއްލުވާލައިފި ނަމަ އެވެ.
ބާސެލޯނާގެ ކޭމްޕް ނޫ ސްޓޭޑިއަމުގައި ފަހަތުން އަރައި 1-2 އިން ގްރަނާޑާ މޮޅުވި މެޗުގައި ބާސާގެ ކޯޗު ކޫމަން ބެންޗުން ފޮނުވާލީ ރެފްރީގެ ނިންމުންތަކަށް ނުރުހުމުގައި ބަސްބުނުމުންނެވެ. އަދި އެ ރަތްކާޑާ ގުޅިގެން އިތުރު ދެ މެޗަށް ކޫމަން ސަސްޕެންޑްވާ އިރު، ލީގު ރޭހުގެ އެންމެ ބޮޑު މެޗެއްގެ ގޮތުގައި އޮތް އެތުލެޓިކޯ މެޑްރިޑް މެޗުގައި ވެސް ކޫމަންއަށް ބާސާ ބެންޗުގައި ނީންދެވޭނެ އެވެ.
"އަހަރެންނަކަށް ނުވިސްނޭ ރަތް ކާޑެއް ދައްކަން ޖެހުނު ސަބަބެއް. އަދަބު ދިން ސަބަބެއް ކަމަށް ދެއްކީ ހަތަރުވަނަ މެޗު އޮފިޝަލަށް ނުރުމުގައި ބަސްބުނުން. އެކަމަކު ރެފްރީއަށް ތިބުނާ ވަރުގެ ރަށްދެއް ނުދެން." ކޫމަން ބުންޏެވެ.
ކޫމަން ބުނީ، އޭނާގެ ރެތް ކާޑަކީ ހަތަރުވަނަ ރެފްރީ މެޗުގެ ތަރިއަކަށް ވުމަށް ބޭނުން ވެގެން ކުރި ކަމެއް ކަމަށް ދޭހަވާ ކަމަށެވެ.
ކޫމަންއަށް ދެ މެޗުގެ ސަސްޕެންޝަނެއް އައިސްފައިވާކަން އެނގުމާ އެކު ބާސެލޯނާއިން މިހާރު ވަނީ އެ މައްސަލަ އިސްތިއުނާފުކުރުމަށް އެދިފަ އެވެ. ބާސެލޯނާއިން ދިފާއެއްގެ ގޮތުގައި ބުނަނީ މީގެ ކުރިން ކޫމަން އެއްވެސް ފަހަރަކު ރަތް ކާޑު ދައްކާފައި ނުވާ ކަމަށެވެ.