ރާއްޖޭގެ ވެރިކަން ބަދަލުވުމަށް ފަހު މާލެ އާއި އަތޮޅުތެރޭގެ ބައެއް ފަރާތްތަކުން ހިނގައި ދިޔަ ކަންތައްތައް އަދާލަތު ޕާޓީން ކުށްވެރިކޮށްފި އެވެ.

އަދާލަތު ޕާޓީ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އިއްޔެ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިނގާ ދިޔަ "ލާއިންސާނީ އަދި ޓެރަރިޒަމްގެ އަމަލުތައް" އެޕާޓީން ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ.

".... ރާއްޖޭގެ އެކިކަންކޮޅުތަކުގައި ހިނގައި ދިޔަ ލާއިންސާނީ އަދި ޓެރަރިޒަމްގެ އަމަލުތައް އަދާލަތު ޕާޓީގެ ފަރާތުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރަމެވެ. އަދި އެއްވެސް ދިވެހި ރައްޔިތަކަށް އަނިޔާކޮށް، މުދަލަށާއި ތަކެއްޗަށް ގެއްލުން ދިނުމަކީ އަދާލަތު ޕާޓީ އިން ގަބޫލުކުރާނެ ކަމެއް ނޫން ކަމުގައި ދަންނަވަމެވެ،" އަދާލަތުގެ ބަޔާނުގައިވެ އެވެ.

އިއްޔެ ހިނގި ފަދަ ކަންތައްތައް ތަކުރާރުވިޔަ ނުދިނުމަށާއި ކެތްތެރިވުމަށް ރާއްޖޭގެ ރައްޔިތުންނަށް އަދާލަތު ޕާޓީގެ ބަޔާނުގައި ގޮވާލާފައިވެ އެވެ. އަދި ފުލުހުންނާއި ސިފައިން ވެސް ގާނޫނީ އިމުގެ ތެރެއިން މަސައްކަތް ކުރުމަށް ނަސޭހަތްތެރިވާ ކަމަށް ވެސް އެބަޔާނުގައިވެ އެވެ.

އަދާލަތުން ބުނެފައި ވަނީ މިވަގުތަކީ ބަދަލުހިފުމާއި ދެކޮޅުވެރިކަން އިސްކުރަންވީ ވަގުތެއް ނޫން ކަމަށެވެ. އަދި މިއީ ގައުމީ މަސްލަހަތު އިސްކޮށް އެއްބައިވަންތަ ވާންވީ ވަގުތެއް ކަމަށް ދެކޭ ކަމަށް ވެސް އެބަޔާނުގައިވެ އެވެ.