ރާއްޖެއިން މިއަދު އިތުރު 402 މީހުން ކޮވިޑް19އަށް ޕޮޒިޓިވްވެއްޖެ އެވެ.

އެޗްޕީއޭއިން ބުނީ މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން ޕޮޒިޓިވްވި 174 މީހުންނާއި އަތޮޅުތަކުން ޕޮޒިޓިވްވި 179 މީހުންނާއި ރިސޯޓުތަކުން ޕޮޒިޓިވްވި ހަ މީހުންނާއި ސިނާއީ ރަށްރަށުން ޕޮޒިޓިވްވި 43 މީހުން ކަމަށެވެ.

މިއަދުގެ ކޭސްތަކާއެކު ރާއްޖެއިން މިހާތަނަށް މި ބަލި ޖެހުނު މީހުންގެ އަދަދު ވަނީ 30،237 އަށް އަރާފަ އެވެ.

އެކްޓިވް ކޭސްތަކުގެ އަދަދު 5،221 އަށް އަރާފައިވާއިރު، އޭގެ ތެރެއިން ހޮސްޕިޓަލްތަކުގައި ފަރުވާދެމުންދަނީ 161 މީހުންނަށެވެ.

މިއަދު ބަލިން ރަނގަޅުވެފައިވަނީ 159 މީހުންނެވެ. އަދި ރަނގަޅުވި މީހުންގެ ޖުމުލަ އަދަދަކީ 24،934 އެވެ.

މިރޭގެ ވަގުތެއްގައި ކޮވިޑަށް ފަރުވާދެމުންދިޔަ އިތުރު މީހަކު މަރުވެފައިވާއިރު، މިބަލީގައި ރާއްޖެއިން މަރުވި މީހުންގެ ޖުމުލަ އަދަދަކީ 74 އެވެ.