ކޮވިޑަށް ފަރުވާ ހޯދަމުން ދިޔަ 39 އަހަރުގެ ފިރިހެނަކު މަރުވެއްޖެ އެވެ.

އެއީ ބަންގްލަދޭޝްގެ މީހެކެވެ.

އޭނާ މަރުވީ ދަރުމަވަންތަ ހޮސްޕިޓަލްގެ 11 ވަނަ ފަންގިފިލާގައި ވެންޓިލޭޓަރުގައި ފަރުވާ ދެމުން ދަނިކޮށް މިރޭގެ ވަގުތެއްގަ އެވެ.

މިއީ ރާއްޖެއިން މި ބަލީގައި މަރުވި 74 ވަނަ މީހާ އެވެ.

ފަހަކަށް އައިސް ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ވަނީ ރިކޯޑު އަދަދަކަށް އިތުރުވެފަ އެވެ.

އެގޮތުން އިއްޔެ އެކަނިވެސް 465 މީހުން ޕޮޒިޓިވްވިވިއިރު، މިއީ އެއް ދުވަހުގެ ތެރޭގައި މީހުން ޕޮޒިޓިވްވި އެންމެ ގިނަ އަދަދެވެ.

އިއްޔެއާ ހަމައަށް ރާއްޖެއިން 29،835 މީހުން ވަނީ ކޮވިޑަށް ޕޮޒިޓިވްވެފަ އެވެ. އަދި މިވަގުތު ބަލި ޖެހިފައިތިބީ 4،978 މީހުންނެވެ.

ވެކްސިންގެ ދެ ޑޯޒު ފުރިހަމަކުރި މީހުންގެ އަދަދު ވަނީ އެއްލައްކަ ހުރަސްކޮށްފަ އެވެ.