09 Feb 2012, 16:25
އަހުމަދު ނާއިފް އަދި ހުސެން ހަސަން
ރައީސުލްޖުމްހޫރިއްޔާ ކަމުން އިސްތިއުފާދެއްވުމަށް އެމަނިކުފާނު ރައްޔިތުން މަޖިލީހަށް ލިޔުއްވި ސިޓީ ވެސް ލިޔުއްވީ ސިފައިން އެމަނިކުފާނު ވަށާލައި މަޖުބޫރު ކުރުވައިގެން ކަމަށާއި ރައީސް އޮފީހުން ވެސް އަދި އެމަނިކުފާނު ވެސް އިސްތިއުފާ ދެއްވިކަން ރައްޔިތުން މަޖިލީހަށް އަންގާފައި ފޮނުވި ސިޓީއެއް ނޯންނާނެ ކަމަށް ކުރީގެ ރައީސް މުހަންމަދު ނަޝީދު ވިއްދާޅުވެއްޖެ އެވެ.
ކްރިމިނަލް ކޯޓުން އެ މަނިކުފާނު ހައްޔަރު ކުރުމަށް އަމުރު ނެރުނުކަމުގެ ހަބަރު ފެތުރުމާ އެކު އަމިއްލަފުޅު ގެ، ކެނެރީގޭގައި ހުންނަވައި ރާއްޖެއާއި ބޭރުގެ މީޑިޔާ ތަކާއި ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ އިސްތިއުފާގެ ސިޓީ ލިޔުއްވަން އެންގީ ސިފައިން އެމަނިކުފާނު ވަށާލައިގެން ތިބެ ކަމަށާއި ސިޓީ ލިޔުއްވެވީ ސިފައިން ދިން ގަނޑެއްގައި އެމީހުން ބުނި ގޮތަށް ކަމަށެވެ. އަދި ވިދާޅުވީ އިސްތިއުފާދެއްވި ސިޓީ ފޮނުވީ އެމަނިކުފާނު ނޫން ކަމަށެވެ.
"އެމީހުން [ސިފައިން] އަޅުގަނޑު ގޮވައިގެން ރައީސް އޮފީހަށް ދިޔައީ. އަޅުގަނޑު އަތަށް ގަނޑަކާއި ގަލަމަކާއި ދެއްވީ. އަޅުގަނޑު އެގަނޑުގައި އެމީހުން ބުނިގޮތަށް ސިޓީއެއް ލިޔުނީ. އަދި ސޮއި ކުރީ. އަޅުގަނޑު އެ ސިޓީ އަޅުގަނޑުގެ ސެކެރެޓަރީއަތަށް ދިނުމަށް މަސައްކަތް ކުރިން. ސިފައިން އަޅުގަނޑު އަތުން އަތުލައިގެން އެ ސިޓީ ގެންގޮސް ސިފައިން މަޖިލީހަށް ލީ. ތިޔަބޭފުޅުން މިހާރު މަޖިލީހުން ބެއްލެވިއަސް އެނގޭނެ އަޅުގަނޑު ވެސް އަދި ރައީސް އޮފީހުންވެސް އެތަނަށް ފޮނުވި ސިޓީއެއް ނޯންނާނެ،" ނަޝީދު ވިދާޅުވި އެވެ.
ކުއްލި އިންގިލާބަކުން ވެރިކަން ވައްޓާލިކަމަށް ތުހުމަތު ކުރައްވާ ރައީސް ވިދާޅުވީ އެމަނިކުފާނު އިސްތިއުފާދެއްވަން ޖެހޭ ކަމަށް ވިދާޅުވީ ސިފައިންގެ ތެރޭގައި ކުރިން އުޅުއްވި ބޭފުޅެއް ވަޑައިގެން އަތުގައި ހިތްޕަވާފައި ކަމަށާއި އެ ވަގުތު ޕާޓީގެ މެންބަރުންނާއި މަޝްވަރާކުރެއްވުމަށް ވެސް އެއްވެސް ފުރުސަތެއް ލިބިވަޑައިނުގެންނެވި ކަމަށެވެ.
"އަޅުގަނޑަށް އޭރު އެއްވެސް މީހަކާއި ވާހަކައެއް ވެސް ނުދެއްކޭ. އަޅުގަނޑަށް މަޝްވަރާ އެއްވެސް ނުކުރެވޭ. އަޅުގަނޑު އެފަދަ ނިންމުންތައް ނިންމަވާއިރު ޕާޓީއާ މަޝްވަރާ ނުކޮށް އެކަންތައްތަކެއް ނުކުރަން. އެވަގުތު އަޅުގަނޑަށް ދެން ފެނުނު އެންމެ ރަނގަޅު ގޮތަކީ އަޅުގަނޑާއި ރައްޔިތުންނަށް އެންމެ ރަނގަޅުގޮތް އަޅުގަނޑު އޭރު ދެންނެވީ. އަޅުގަނޑު ގަބޫލެއް ނުކުރަން އެއީ ތަފްސީލަށް ދާން އެންމެ ރަނގަޅު ވަގުތު ކަމަކަށް،" ސަން އޮންލައިނުން ދެންނެވި ސުވާލެއްގެ ޖަވާބުގައި ރައީސް ނަޝީދު ވިދާޅުވި އެވެ. "އެވަގުތު މިނިސްޓަރުން ކޮޅެއް ވަޑައިގެންނެވި އެތަނަށް. އެކަމަކު އަޅުގަނޑަށް އެބޭފުޅުން ކައިރީގައި ވެސް ކަން އޮތީ މިހެން ނޫންގޮތަކަށް ކަން ދެންނެވޭކަށް ނެތް،"
އާއިލާގެ ބޭފުޅުންނާއި އަދި ޕާޓީގެ އިސްފަރާތްތަކާއެކު ހުންނަވާ އަދި ބޭރުގެ ގިނަ މީޑިޔާތަކުގެ ތެރޭގައި ހުންނަވައި ވިދާޅުވީ އެމަނިކުފާނު ހައްޔަރުކޮށްގެން ކްރިމިނަލް ކޯޓަށް ގެންދެވޭނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށާއި އެ ކޯޓުން ނެރެފައި ވަނީ ޣައިރު ގާނޫނީ އަމުރެއް ކަމަށެވެ. އަދި ވިދާޅުވީ އެމަނިކުފާނު އެކަމާ މެދު ކަންބޮޑުވެވަޑައިގެން ހުންނެވި ކަމަށެވެ.
"އަޅުގަނޑު މިހުރީ ކަންބޮޑުވެފައި. އަޅުގަނޑަށް އެނގޭ އަޅުގަނޑަށް ދެވެން މިއުޅޭތަން. އެ ބޭފުޅުންނަކަށް މިއަދަކު ނެތް އާރާއި ބާރު ބޭނުންކޮށްގެނެއް ނޫނީ ވެރިކަން ކުރެވޭކަށް. އަޅުގަނޑު އެ ކަން ސިފަކުރާނީ [ކްރިމިނަލް ކޯޓްގެ އަމުރަކީ ވެސް] އެއީ ބަޣާވާތެއް ގޮތަށް. ކުރީގެ ވެރިން ހައްޔަރުކޮށްގެން ޑިމޮކްރަސީއެއް ގެނެވިދާނެ ކަމަށް ގަބޫލެއެއް ނުކުރެވޭ،" ނަޝީދު ވިދާޅުވި އެވެ.
ސިފައިންގޭގެ ތެރޭގައި އެދުވަހު ކަންވީގޮތް ކިޔައި ދެއްވަމުން ރައީސް ވިދާޅުވީ "ސިފައިން ގެއަށް ވަން ހިސާބުން އެމަނިކުފާނަށް ފެނިވަޑައިގަތީ އާދައިގެ ހެދުމުގައި ތިއްބެވި ބައެއް ކަމަށާއި އޮފިސަރެއް ވެސް ފެނިވަޑައިނުގެންނެވި" ކަމަށެވެ. އަދި އެމަނިކުފާނު ސިފައިންގޭގައި އިންނެވި ތަނުން ނުކުމެ ވަޑައިގަތް އިރު ސިފައިން ތިބީ ވަށައިލައިގެން ކަމަށާއި އެއްވެފައިވާ މީހުންގެ ގަޔަށް ބަޑި ޖެހުމަށް ބަޑި ގުދަނުގެ ތަޅުދަޑި ދިނުމަށް އެމީހުން އެދުނު ކަމަށާއި އެކަމަކު އެގޮތް ބޭނުން ނޫން ވާހަކަ ވިދާޅުވި ކަމަށެވެ. އަދި ފުލުހުންގެ ގަޔަށް ރަބަރު އުންޑަ ޖަހަން އަމުރު ނުކުރައްވާ ކަމަށް ވެސް ވިދާޅުވި އެވެ.
"އޭރު އެތާ ތިބީ ފުލުހުންނެއް ނޫން. އެއީ އަމިއްލައަށް ގާނޫނު އަތްމައްޗަށް ލައިގެން ތިބި ބަޔެއް. އަޅުގަނޑު ފުލުހުން ގަޔަށް ބަޑިޖަހާކަށް އަމުރެއް ނުކުރަން،" ނަޝީދު ވިދާޅުވި އެވެ.
ރައީސް ނަޝީދު ވިދާޅުވީ މަގުމަތިން ސަރުކާރެއް ވައްޓާލެވިގެން ނުވާނެ ކަމަށާއި ސަރުކާރެއް ވައްޓާލަން ޖެހޭނީ އިންތިހާބަކުން ނޫނީ ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ކަމަށެވެ. އަދި މިއަދު މިއޮތް ސަރުކާރަކީ ގާނޫނީ ސަރުކާރެއް ކަމަށް ބެލެވޭނެ ޖާގައެއް ނެތް ކަމަށާއި އިންތިހާބެއް އިއުލާން ކުރަން ޖެހޭ ކަމަށެވެ.
"އިންތިހާބެއް އިއުލާން ކުރުން އޮތް ގޮތަކީ. އަޅުގަނޑު އެ އިންތިހާބެއްގައި ކުރިމަތިވެސް ލާނަން. އަދި ކާމިޔާބު ވެސް ކުރާނަން،" ނަޝީދު ވިދާޅުވި އެވެ.
ހައްޔަރުކުރުމުގެ ކުރިން މަނިކުފާނުގެ ފަހު ބަހަކީ ކޮބައިތޯ ސަން އޮންލައިނުން ސުވާލު ދެންނެވުމުން ވިދާޅުވީ "އަޅުގަނޑު މިދަންނަވަނީ ތަކުރާރުކޮށް އެއްވެސް ބޭފުކު ގާނޫނީ އިމުން ބޭރުން އެއްވެސް ކަމެއް ނުކުރައްވައްޗޭ. މިއީ މަޑުމައިތިރިކަމާ އެކު މަސައްކަތް ކޮށް ވިސްނުންތެރިކަމާ އެކު މަސައްކަތް ކުރަންވީ ދަނޑިވަޅު. އަޅުގަނޑު އަދިވެސް ތަކުރާރު ކުރަން އެއްވެސް ބޭފުޅަކު ގާނޫނީ އިމުގެ ބޭރުން އެއްވެސް ކަމެއް ނުކުރައްވާތި!"
ކުރީގެ ރައީސް ވިދާޅުވީ ކްރިމިނަލް ކޯޓްގެ އަމުރު އަދި އެމަނިކުފާނަށް އލިބިވަޑައި ނުގަންނަވާ ކަމަށާއި އެކަން އެނގިވަޑައިގަތީ މީޑިޔާގެ ޒަރިއްޔާއިން ކަމަށެވެ.
"އަޅުގަނޑު މިއިނީ ދަބަސް ވެސް ޕެކްކޮށްގެން،" ނަޝީދު ވިދާޅުވި އެވެ. "އަޅުގަނޑު މި ރާއްޖެ ދޫކޮށެއް ނުދާނަން. އަޅުގަނޑު މަރުވަންޏާ މަރުވާނީ މިތާ. އަޅުގަނޑަށް ޔަގީންކަން އެބައޮތް ލަންކާއަކީ އެންމެނަށް ވެސް ރައްކާތެރިތަނެއްކަން. އަޅުގަނޑުގެ އާއިލާއަށް ވެސް."
އެމަނިކުފާނު ހައްޔަރުކުރަން އުޅޭ ކަމުގެ ހަބަރު ފެތުރުމާ އެކު އެމްޑީޕީއަށް ތާއީދު ކުރާ މީހުން ވަނީ ކެނެރީގެ ހިމެނޭ ސަރަހައްދަށް ގޮސްފަ އެވެ. ނަމަވެސް ސިފައިން ވެސް އަދި ފުލުހަކުވެސް އެގޭ ކައިރިން ފެނިފައެއް ނުވެ އެވެ. އެކަމަކު ރައީސް ނަޝީދުގެ ސެކިއުރިޓީން އެގޭތެރެއިން ތިއްބެވެ. ކްރިމިނަލް ކޯޓުގެ އަމުރަށް ފުލުހުން ތަބާވާނެ ކަންވެސް ނުވަތަ ނޫންކަންވެސް އަދި ވަނީ ކަށަވަރު ނުވެ އެވެ.
ނަމަވެސް ރައީސް ނަޝީދުގެ ސަރުކާރުގައި ވަޒީފާއިން ވަކިކޮށްފައި ހުންނެވި ކުރީގެ އެސިސްޓެންޓް ކޮމިޝަނަރު އަދި މިހާރުގެ ކޮމިޝަނަރު އޮފް ޕޮލިސް އަބްދުﷲ ރިޔާޒު މިއަދު ވިދާޅުވީ ރައީސް ނަޝިދާއި ތޮލްހަތު ހައްޔަރު ކުރުމުގެ ވޮރަންޓަކަށް ފުލުހުން އެދުނު ކަމަށާއި އަދި ކޯޓުން އެ ވޮރަންޓް ދީފައިވާ ކަމަށެވެ. ނަމަވެސް ކޯޓު ވޮރަންޓަކީ ފުލުހުން އަމަލުކުރުމާއި ނުކުރުމުގެ އިހުތިޔާރު ފުލުހުންނަށް ލިބިގެންވާ ކަމެއް ކަމަށާއި އެއީ ކޯޓު އަމުރެއް ނޫން ކަމަށެވެ. އެ އަމުރަށް އަމަލު ކުރައްވާނެ ކަމެއް ނުވަތަ ނޫން ކަމެއް އޭނާ ވިދާޅެއް ނުވި އެވެ.
އިސްތިއުފާ ދެއްވީ ބިރު ދައްކައިގެން ކަމަށް ރައީސް ނަޝީދު ވިދާޅުވި ނަމަވެސް އެމްއެންޑީއެފް މާލޭ އޭރިޔާގެ ކޮމާންޑަރު ބްރިގޭޑިޔާ ޖެނެރަލް އިބުރާހިމް މުހައްމަދު ދީދީ ރޭ ވިދާޅުވީ ކުރީގެ ރައީސް މުހައްމަދު ނަޝީދު ބޭރުގެ ބައެއް މީޑިޔާތަކަށް ދެއްވިކަމަށް ބުނާ އިންޓަވިއުއެއްގައި އެމަނިކުފާނު ރައީސް ކަމުގެ މަގާމުން އިސްތިއުފާ ދެއްވީ ހަތިޔާރު ނަގާނެ ކަމަށް ބުނެ ހަތިޔާރު އެޅި ސިފައިންނާއި ފުލުހުން އެކަމަށް މަޖުބޫރު ކުރުމުން ކަމަށެވެ.
ނަމަވެސް އިބްރާހިމްދީދީ ނުސްވެރިންނަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ކުރީގެ ރައީސް ނަޝީދު ވެރިކަމުން ދުރުކުރުމަށް ހަތިޔާރުގެ ބޭނުންކޮށްގެން އެބޭފުޅުންގެ ތެރެއިން އެއްވެސް މީހަކު އަމުރު ނުކުރާ ކަމަށާއި ރައީސް ނަޝީދު ރާއްޖޭގެ ރައީސްކަމުގެ މަގާމުން އިސްތިއުފާ ދެއްވީ އަމިއްލަ ފުޅަށް ކަމަށެވެ.
"އިއްޔެގެ ހާދިސާގައި އޮޕަރޭޝަން ކޮމާންޑަރެއްގެ ހައިސިއްޔަތުން މަސައްކަތްކުރީ ވެސް އަޅުގަނޑު. އަޅުގަނޑު ދިވެހިރައްޔިތުންނަށް ދޭ ޔަގީންކަމަކީ އެމަނިކުފާނު ވެރިކަމުން ދުރުކުރުމަށް ހަތިޔާރުގެ ބޭނުންކޮށްގެން ދިވެހި ސިފައިންނަށް އެއްވެސް އަމަލެއް ނުހިންގަވާކަން،" ބްރިގޭޑިއާ ޖެނެރަލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ރައީސް ނަޝީދަށް ސިފައިން ބިރުދެއްކި ކަމަށް ބުނެ ދައްކަވާ ވާހަކަތައް ވަރަށް ބޮޑަށް ކުށްވެރިކުރާ ކަމަށާއި އެފަދަ ވާހަކައެއް ދައްކަވައިގެން އުޅޭ ބަޔަކު އެވާހަކަ ދައްކައިގެން އުޅެނީ ހަގީގަތާއި ހިލާފަށް ކަމަށާއި އަދި އެކަމާ ގުޅިގެން ކުރީގެ ރައީސަށް ބަޔަކު އަރުވާފައިވާ މައުލޫމާތަކީ ދޮގު މައުލޫމާތެއް ކަމަށެވެ