އިއްޔެ މެންދުރުން ފައްޓައިގެން ކުރީގެ ރައީސް މުހައްމަދު ނަޝީދު އިސްކޮށް ހުންނަވައި އެމްޑީޕީން ކުރި މުޒާހަރާއަށް ފަހު ރާއްޖޭގެ ކަންކޮޅުތަކުގައި ހިންގި ހަމަނުޖެހުންތަކުގައި ޒިންމާވާ ފަރާތްތައް ހޯދައި ޓެރަރިޒަމް ގާނޫނުގެ ދަށުން ފިޔަވަޅު އަޅާނެ ކަމަށް މިހާރުގެ ހޯމް މިނިސްޓަރު ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެ އެވެ.

ކޯސްޓްގާޑް ބިލްޑިންގްގައި މިއަދު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން މިނިސްޓަރު ވިދާޅުވީ ރާއްޖޭގައި މިހާރު ހިގަމުން އަންނަ ހަމަނުޖެހުންތަކުގެ އަސްލަކީ އިސްތިއުފާ ދެއްވި ރައީސް މުހައްމަދު ނަޝީދާއި އެމްޑީޕީގެ އިސް ފަރާތްތަކުން އިސްވެ ތިބެ ގާނޫނާ ހިލާފަށް ކުރި މުޒާހަރާ ކަމަށެވެ. އަދި އެ މުޒާހަރާއަށް ފަހު ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ރައްޔިތުންގެ މުދަލަށާއި ވަކިވަކި ފަރުދުންނަށް ބޮޑެތި ގެއްލުންދީ ހިންގާފައިވާ ހަމަނުޖެހުންތަކަކީ ޓެރަރިޒަމަށް މަގުފަހިވާ އަމަލުތަކެއް ކަމަށާއި އެ އަމަލުތައް ހިންގި ފަރާތްތަކާއި ހަމަނުޖެހުން ހިންގުމަށް ވާގިވެރިވި ފަރާތްތައް ވެސް ހޯދައި އެމީހުންނާ ދޭތެރޭ ފިޔަވަޅު އަޅާނެ ކަމަށެވެ.

"މިޔަކީ (ރައްޔިތުންގެ މުދަލަށް ގެއްލުންދިނުމަކީ) މިނިވަންކަމުގެ ހުދޫދުގެ ތެރޭގައި ކުރާ ކަންތަކެއް ނޫން. ކުރެވޭނެ ކަމެއްވެސް ނޫން. މިއީ އެގިވަޑައިގަންނަވާނެ ފަދައިން ރާއްޖޭގެ ޓެރަރިޒަމާ ބެހޭ ގާނޫނުގެ ދެވަނަ މާއްދާގެ (ޅ) ގެ ދަށުން މިއީ ޓެރަރިޒަމްގެ ކަންތައްތައް،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ރާއްޖެ އަށް އައިސްފައި މިވާ ވަސީލަތްތަކާއި ތަރައްގީ އަކީ ބޮޑެތި ހަރަދުތައް ކޮށްގެން ގިނަ އަހަރުތަކަކުން އައިސްފައިވާ ތަރައްގީ އާއި ވަސީލަތް ކަމަށާއި ނަމަވެސް އިއްޔެ އާއި ރޭގައި ހިންގި ހަމަނުޖެހުންތަކުގައި އެތަކެއްޗަށް ގެއްލުންދީ ހަލާކުކޮށްލުމުން އަނބުރާ އެތަކެތި އިޔާދަ ކުރަން އަނެއްކާ ވެސް ވަގުތު ނަގާނެ ކަމަށެވެ. އަދި ވިދާޅުވީ އެ ތަކެއްޗަކީ ރައްޔިތުންގެ ފައިސާ އިން ހޯދައިފައިވާ ތަކެއްޗާއި މުދާ ކަމަށާއި އެކަމުގެ ސަބަބުން ކުށްކުރާ ފަރާތްތައް ހޯދައި ތަހުގީގު ކުރުމަށް ގޮންޖެހުންތަކާ ކުރިމަތިވެފައިވެ، ރާއްޖޭގެ ހުރިހާ ރައްޔިތުން އެކަން އިހުސާސްކުރަން ޖެހޭނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

"މިއަދު މިސާލަކަށް މީހުންގެ ޖާނަށް އަރައިގެން، މީހުންގެ މުދަލަށް ގެއްލުންދީގެން ކަމެއް ހިނގައިފި ނަމަ އެކަންތައްތައް ތަހުގީގުކުރުމުގެ އިންތިޒާމް މިވަނީ އެތައްގުނައަކަށް ފަހަތަށް ޖެހިފައި. މީގަ ހަގީގީ ގެއްލުން ވެގެން މިދޔައީ ރައްޔިތުންނަށް،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ އެއްވެ އުޅުމަށާއި ހިޔާލުފާޅު ކުރުމަށް ގާނޫނު އަސާސީ ހުއްދަކުރާ ކަމަށާއި ނަމަވެސް އެކަންތައްތައް ކުރަން ޖެހެނީ ގާނޫނު އަސާސީގެ 16 ވަނަ މާއްދާ ބަޔާންކުރާ ގޮތަށް، އުފެދިފައިވާ ގާނޫނުތަކާއި ހަމަޖެހިފައިވާ އިންފާރުތަކުގެ ތެރޭގައި ކަމަށެވެ. އަދި މުޒާހަރާ ކުރުމާއި ކަންކަމަށް ހަޅުތާލުކުރުމަށް މިސަރުކާރުގައި ހުރަސް ނާޅާނެ ކަމަށާއި އެފަދަ ކަންތައް ކުރުމުގެ އިންތިޒާމް ފަހިކޮށް ދެއްވާނެ ކަމަށް ވެސް މިނިސްޓަރު ޑރ. ޖަމީލު ވިދާޅުވި އެވެ.

"ހާއްސަ ގޮތެއްގައި ރާއްޖޭގެ ކަންކޮޅުތަކުގައި، އެގޮތުން އައްޑު އަތޮޅާއި އެހެން ބައެއް ސަރަހައްދުތަކުގައި ބޮޑެތި ގެއްލުންތަކެއް މީހުންގެ މުދަލަށް މިވަނީ ދީފައި. މުޒާހަރާ ކުރުމުގެ ހައްގު ލިބިގެންވާއިރުގައި ރައްޔިތުންގެ މުދަލަށް އަނިޔާކޮށް ގެއްލުން ދިނުމަކީ ލިބިގެންވާ ހައްގުތަކެއް ނޫން،" މިނިސްޓަރު ވިދާޅުވި އެވެ.

ޖަމީލު އިތުރަށް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު އެމަނިކުފާނާއި މިނިސްޓަރުކަން ހަވާލުކުރެއްވީ ގައުމު ވަރަށް ހަލަބޮލި ވެފައިވާ ދަނޑިވަޅެއްގައި ކަމަށާއި ނަމަވެސް ރާއްޖޭގައި އަމަން އަމާންކަން ދަމަހައްޓައި ގާނޫނީ އިމުގެ ތެރެއަށް ހުރިހާ ފަރާތްތަކެއްގެ ވެސް އަމަލުތައް ގެނައުމަށް މިއަދުން ފެށިގެން މަސައްކަތް ފައްޓަވާނެ ކަމަށެވެ.