01 May 2021, 11:37
ޖަލުތަކުގައި ކޮވިޑް-19 ފެތުރޭތީ ގެއަށް ބަދަލު ކުރާނެ ހައި ރިސްކު ގައިދީން ދެނެގަތުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ކޮމިޝަނާ އޮފް ޕްރިޒަންސް އަހުމަދު މުހައްމަދުފުޅު މިއަދު ވިދާޅުވެއްޖެ އެވެ.
ކޮމިޝަނަރު އަހުމަދު މުހައްމަދުފުޅު މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޖަލުތަކުގައި ކޮވިޑް ފެތުރުން ކޮންޓްރޯލު ކުރުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން ޖަލުތަކުގައި ތިބި ގައިދީންގެ ތެރެއިން ހައި ރިސްކު މީހުން ވަގުތީ ގޮތުން ގޭ ބަންދަށް ބަދަލު ކުރާނެ ކަމަށެވެ.
އަހުމަދު މުހައްމަދުފުޅު މިއަދު "ސަން"އަށް ވިދާޅުވީ، މިހާރު ކުރިއަށްދަނީ ގެއަށް ބަދަލު ކުރަން ޖެހޭ ގައިދީން ދެނެގަތުމުގެ މަސައްކަތް ކަމަށެވެ.
އެގޮތުން، ކަރެކްޝަންސްގައި ހުރި ލިޔުންތަކަށް ބަލައިގެން ދާއިމީ ބަލިތަކަށް ފަރުވާ ހޯދާ ގައިދީންނާއި، ސާޖަރީ ހަދާފައި ތިބި ގައިދީން ފަދަ ހައި ރިސްކު ގައިދީންގެ ހާލަތު ދެނެގަތުމަށް ޑޮކްޓަރުން މެދުވެރިކޮށް މަސައްކަތް ކުރަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.
ހައިރިސްކު ގައިދީން ގެއަށް ބަދަލު ކުރާނެ ކަމަށް ބުރާސްފަތި ދުވަހުގެ ރޭ ކޮމިޝަނަރުގެ ވިދާޅުވި އިރު، އެ ރޭ، ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވަނީ ގޭބަންދަށް ބަދަލުކޮށްފަ އެވެ.
ކަރެކްޝަންސްއިން ބުނި ގޮތުގައި އެމަނިކުފާނު ގެއަށް ބަދަލު ކުރީ މާފުށީ ޖަލުގައި ކޮވިޑް ފެތުރެމުންދާތީ އެވެ.
ރާއްޖޭގައި މި ދުވަސްވަރު އާދައާ ހިލާފަށް ގިނަ މީހުން އަންނަނީ ކޮވިޑް-19އަށް ޕޮޒިޓިވްވަމުންނެވެ. އިއްޔެ އެކަނިވެސް، 465 މީހުން ޕޮޒިޓިވްވި އެވެ. އެއީ ރާއްޖޭގައި އެއް ދުވަހާ އެންމެ ގިނަ މީހުން ޕޮޒިޓިވްވި ދުވަހެވެ.
އެޗްޕީއޭގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ބަލި ޖެހިފައި ތިބި މީހުންގެ އަދަދު 4978އަށް ވަނީ އަރާފަ އެވެ. އޭގެ ތެރެއިން 146 މީހުންނަށް ފަރުވާ ދެމުންދަނީ ހޮސްޕިޓަލުތަކުގަ އެވެ.