30 Apr 2021, 23:41
ރާއްޖެ އަންނަ ހުރިހާ ފަރާތްތަކުން ވެސް ޕީސީއާރް ނެގަޓިވް ޓެސްޓް ނަތީޖާ ގެންނަން ޖެހޭގޮތަށް ހަމަޖައްސައިފި އެވެ.
ޑިރެކްޓާ ޖެެނެރަަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު މިރޭ ނެރުއްވި އެންގުމެއްގައި ވަނީ މި މަހުގެ ތިން ވަނަ ދުވަހުން ފެށިގެން، ފަތުރުވެރިންނާއި، ވެކްސިންގެ ދެ ޑޯޒް ހަމަކޮށްފައިވާ މީހުން ހިމެނޭހެން ރާއްޖެއަށް އަންނަ ހުރިހާ ފަރާތްތަކުން 96 ގަޑިއިރު (ހަތަރު ދުވަސް) ނުވާ ޕީސީއާރް ނެގަޓިވް ނަތީޖާއެއް ހޯދައިގެން ނޫނީ ރާއްޖެއަށް ދަތުރު ނުކުރެވޭނެ ކަމަށެވެ.
ޕީސީއާރް ޓެސްޓު ނަތީޖާ ބޭނުން ނުވާނީ ހަމައެކަނި އުމުރުން އެއް އަހަރުން ދަށުގެ ކުދިންނަށް ކަމަށް އެ އެންގުމުގައިވެ އެވެ.
މީގެ ކުރިން އޮންނަ ގޮތުން ނަމަ ވެކްސިންގެ ދެ ޑޯޒް ހަމަކޮށްފައިވާ ފަރާތްތަކަށް ރާއްޖެ އައުމަށް ޕީސީއާރް ޓެސްޓު ހަދާކަށް ނުޖެހެ އެވެ.
ނަމަވެސް، މި ފަހުން އިންޑިއާގައި ވަރަށް ބޮޑަށް ކޮވިޑް-19 ފެތުރުމުން އެ ގައުމުން އަންނަ މީހުން ޕީސީއާރް ޓެސްޓު ހަދަން ޖެހޭ ގޮތަށް ހަމަޖެއްސި އެވެ.
މިދިޔަ ހަފްތާގެ ތެރޭގައި ރާއްޖޭގެ ކޮވިޑް ކޭސްތައް ވަނީ އަނެއްކާވެސް ވަރަށް ބޮޑަށް އިތުރުވެފަ އެވެ. އެގޮތުން މިއަދު އެކަނިވެސް، 465 މީހުން ބައްޔަށް ޕޮޒިޓިވްވި އެވެ. މިއީ ރާއްޖޭގެ ރެކޯޑެކެވެ.
އެޗްޕީއޭއިން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާ ގޮތުން މިހާތަަނަށް ރާއްޖޭގައި 100،000އަށް ވުރެ ގިނަ މީހުންނަށް ވަނީ ވެކްސިިންގެ ދެވަނަ ޑޯޒް ޖަހާފަ އެވެ.