ސީރިއާއާއި އަފްޣާނިސްތާނުގެ ދާހިލީ ހަނގުރާމައަށް އެ ދެ ގައުމަށް ދިޔަ ދިވެހި އަންހެނަކާއި އޭނާގެ ހަތަރު ދަރިން ތުރުކީއިން ހައްޔަރު ކުރުމުން އެ އާއިލާ އަނބުރާ ރާއްޖެއަށް ގެނައުމުގެ މަސައްކަތް ދިވެހި ފުލުހުން ފަށައިފި އެވެ.

މިރޭ ފުލުހުން ނެރުނު ބަޔާނެއްގައި ބުނީ، ހަތަރު ދަރިންނާއެކު ސީރިއާއިން ތުރުކީއަށް ވަދެ އެ ގައުމުގައި ގަވާއިދާ ހިލާފަށް އުޅެމުން ދަނިކޮށް ތުރުކީ ފުލުހުން ދިވެހި އަންހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

އެ އަންހެން މީހާގެ ދަރިންނަކީ އަފްޣާނިސްތާނާއި ސީރިއާގެ ހަނގުރާމައިގައި އުޅުނު ދިވެހި ދެ ފިރިހެނަކަށް ލިބިފައިވާ ހަތަރު ދަރިނެވެ. އޭގެ ތެރެއިން އެންމެ ހަނގު ދެ ކުދިން އުފަންވީ އަފްޣާނިސްތާނާއި ސީރިއާގައި ކަމަށް މިހާތަނަށް މައުލޫމާތު ލިބިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އެ އަންހެން މީހާގެ ދަރިން އަނބުރާ ރާއްޖެއަށް ގެނައުމުގެ އިންތިޒާމުތައް ހަމަޖެއްސުމަށް ފުލުހުންގެ ޓީމެއް ތުރުކީގައި ހަރަކާތްތެރިވަމުންދާ ކަމަށް ފުލުހުން ނެރުނު ބަޔާނުގައިވެ އެވެ.

އަދި ސީރިއާއާއި އަފްޣާނިސްތާނުގައި އުފަންވި ދެ ކުދިންނަކީ އަންހެން މީހާގެ ދަރިންކަން ކަށަވަރު ކުރުމަށްޓަކައި ކުރަން ޖެހޭ މަސައްކަތް ކުރަމުންދާ ކަމަށްވެސް ފުލުހުން ބުންޏެވެ.

އެތަނުން ދިވެހި ރަށްވެހިކަން އޮތް ފަރާތްތަކަށް ދަތުރު ކުރަން ބޭނުންވާ ލިޔުންތައް ތައްޔާރުކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ. އަދި ރާއްޖެއިން ބޭރުގައި އުފަންވި ކުދިންގެ ރަށްވެހިކަމާއި ރަޖިސްޓްރޭޝަނާ ގުޅޭ ކަންކަން ހަމަޖެއްސުމަށް ގާނޫނީ ހައްލުތަކެއް ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށްވެސް ބުންޏެވެ.

ފުލުހުން ބުނި ގޮތުގައި އެ އާއިލާ ރާއްޖެ ގެނައުމަށްފަހު، ދީނީ ގޮތުން ހައްދުފަހަނައަޅާފައިވާ މީހުން ރިހެބިލިޓޭޓުކޮށް މުޖުތަމައުއަށް ނެރުމަށް ގާއިމް ކުރި ނޭޝަނަލް ރިއިންޓަގްރޭޝަން ސެންޓަރުގައި ބޭތިއްބުމަށްވެސް ދަނީ މަސައްކަތް ކުރަމުންނެވެ.

ހަނގުރާމައިގެ މާހައުލުގައި އުޅެފައިވުމުން އެ އާއިިލާއަށް ނަފްސާނީ ގޮތުންނާއި ސިއްހީ ގޮތުން ބޮޑެތި މައްސަލަތަކާ ކުރިމަތިވެފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.

ޖިހާދު ކުރަން ކަމަށް ބުނެ މުސްލިމް ގައުމުތަކުގައި ހިނގާ ދާހިލީ ހަނގުރާމަތަކުގައި ބައިވެރިވާން ގިނަ އަދަދެއްގެ ދިވެހިން ފިލައިގެން އެ ގައުމުތަކަށް ގޮސްފައިވެ އެވެ. އަދި އެފަދަ ހަނގުރާމަތަކުގައި ބައެއް މީހުން މަރުވެސްވެފައިވެ އެވެ. އެގޮތަށް މަރުވާ މީހުންގެ އަނބިން އެ ގައުމުތަކުގައި ބޭރު މީހުންނާ އިނދެގެންވެސް އުޅެ އެވެ.

ކައުންސިލަރުންނާއެކު ސަރުކާރުން 2019 ވަނަ އަހަރު ބޭއްވި "ވިޔަވަތި ރާއްޖެ" މަހާސިންތާގައި ފުލުހުންނާއި ސިފައިން ގުޅިގެން ހުށަހަޅައިދިން ޕްރެޒެންޓޭޝަނެއްގައި ބުނެފައި ވަނީ ސީރިއާގެ ހަނގުރާމައަށް ގޮސްފައިވަނީ 173 ދިވެހިން ކަމަށެވެ. އޭގެ ތެރެއިން މިހާރު ސަލާމަތުން ތިބި މީހުންގެ 91 ޕަސެންޓަކީ އަންހެނުންނާއި ކުޑަކުދީން ކަމަށް އެ ދުވަހު ސަލާމަތީ ބާރުތަކުން ބުންޏެވެ.