09 Feb 2012, 15:59
ސިޔާސީ ގޮތުން މާލެ ތެރޭގެ ކަންތައްތައް ހަލަބޮލިކަމުން އަންނަ ހޮނިހިރު ދުވަހު ފެށުމަށް ނިންމި 15 ވަނަ އޮފީސް އަދި ކުންފުނިތަކުގެ ބާސްކެޓްބޯޅަ މުބާރާތް ފެށުން ފަސްކޮށްފި އެވެ.
ބާސްކެޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެމްބީއޭ) ގެ އޮފިސަލަކު ވިދާޅުވީ، މުބާރާތް އަންނަ ހޮނިހިރު ދުވަހުގެ ރޭ ފެށުމަށް ނިންމި ކަމުގައިވިޔަސް މުބާރާތް ފަސްކުރަން ޖެހުނީ މާލެ ތެރޭގެ ހާލަތު މިހާރު ހުރިގޮތުން ކަމަށާއި އެހެން ކަމުން މިހާރު ނިންމާފައި ވަނީ މިމަހުގެ 18 ވަނަ ދުވަހު މުބާރާތް އަލުން ފެށުމަށް ކަމަށެވެ.
މުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ ދެ ޑިވިޝަންއަކަށް ބަހާލައިގެން އެއްބުރު ކުޅުމަށްފަހު، ކޮންމެ ޑިވިޝަނަކުން އެންމެ މޮޅު ޓީމެއް ފައިނަލަށް ދަތުރު ކުރާގޮތަށެވެ. އަދި މުބާރާތުގެ މެޗްތައް ކުޅުމަށް ހަމަޖެހިފައި ވަނީ ކުޅިވަރު އެކުވެނި އައުޓްޑޯ ކޯޓުގައެވެ.
މުބާރާތުގެ ފުރަތަމަ ޑިވިޝަނުގައި ވާދަކުރާ ޓީމްތަކަކީ ޖީއެމްއާރް މާލޭ އިންޓަނޭޝަނަލް އެއާޕޯޓާއި ޑިޕާޓްމަންޓް އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަނާއި މޯލްޑިވްސް ޕޮލިސް ސާވިސަސް އަދި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އެވެ.
ދެ ވަނަ ޑިވިޝަނުގައި ވާދަކުރާ ޓީމްތަކަކީ މާލޭ ހެލްތު ސާވިސަސް ކޯޕަރޭޝަނާއި ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އާއި އައިލެންޑް އޭވިއޭޝަން ސާވިސަސް ލިމިޓެ ޑެވެ.