ރާއްޖެއިން މިއަދު އިތުރު 465 މީހުން ކޮވިޑް19އަށް ޕޮޒިޓިވްވެއްޖެ އެވެ.

އެޗްޕީއޭއިން ބުނީ މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ މާލެއިން 193 މީހުންނާއި އަތޮޅުތަކުން 242 މީހުންނާއި ހިންގަމުންދާ ރިސޯޓުތަކުން ޕޮޒިޓިވްވި 25 މީހުންގެ އިތުރުން ސަފާރީތަކުން ޕޮޒިޓިވްވި ފަސް މީހުން ކަމަށެވެ.

މިއަދުގެ ކޭސްތަކުގެ އަދަދަކީ އެއް ދުވަހުގެ ތެރޭގައި މިހާތަނަށް އެންމެ ގިނަ މީހުން ޕޮޒިޓިވްވި އަދަދެވެ. ކުރިން އެއް ދުވަހުގެ ތެރޭގައި އެންމެ ގިނައިން ޕޮޒިޓިވްވި ދުވަހު ވެފައިވަނީ 464 މީހުންނެވެ.

މިއަދުގެ ކޭސްތަކާއެކު ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ ޖުމުލަ އަދަދު 29،835އަށް ވަނީ އަރާފަ އެވެ.

އެކްޓިވް ކޭސްތަކުގެ އަދަދު 4،978އަށް އަރާފައިވާއިރު، އޭގެ ތެރެއިން ހޮސްޕިޓަލްތަކުގައި ފަރުވާ ދެމުންދަނީ 146 މީހުންނަށެވެ.

މިއަދު 72 މީހުން ވަނީ ބަލިން ރަނގަޅުވެފަ އެވެ. އަދި ރަނގަޅުވި މީހުންގެ ޖުމުލަ އަދަދަކީ 24،775 އެވެ.

މި ބަލީގައި ރާއްޖެއިން މިހާތަނަށް 73 މީހުން ވަނީ މަރުވެފަ އެވެ.

މިއަދުގެ ގިނަ ކޭސްތައް އަތޮޅުތަކުން ފެނިފައިވާއިރު، މިވަގުތު 22 ރަށެއް އޮތީ މޮނީޓަރިން ހާލަތަށް ގެނެސްފަ އެވެ.