30 Apr 2021, 16:27
މުމްބާއީ (އޭޕްރިލް 30): އިންޑިއާގެ އެންމެ ބޮޑު ސިޓީ ކަމަށްވާ މުމްބާއީއަށް ކޮވިޑް-19 ވެކްސިން ލިބުން ދަތިވެ، ހުރިހާ ވެކްސިން ސެންޓަރެއް މިއަދުން ފެށިގެން ތިން ދުވަހަށް ބަންދުކޮށްފި އެވެ.
އިންޑިއާ އަކީ ދުނިޔެއިން އެންމެ ގިނަ އަދަދަކަށް ވެކްސިން އުފައްދާ ގައުމު ކަމަށްވީ ނަމަވެސް އެގައުމުގެ ކޮވިޑް ވެކްސިން ޕްރޮގްރާމް ބާރު ސްޕީޑުގައި ކުރިއަށްގެންދަން ބޭނުންވާ ވަރަށް މިހާރު ވެކްސިން ރައްކާ ކުރެވިފައި ނެތެވެ.
އިންޑިއާގައި ބޭނުން ކުރަން މިހާތަނަށް ހުއްދަ ދީފައި ވަނީ އެސްޓްރާޒެނެކާ ވެކްސިންގެ ފޯމިއުލާ ބޭނުންކޮށްގެން އެގައުމުގެ ސެރަމް އިންސްޓިޓިއުޓުން އުފައްދާ ކޮވިޝީލްޑާއި އެގައުމުގެ ބާރަތު ބަޔޯޓެކްއިން އުފައްދާ ކޯވެކްސިން އާއި ރަޝިއާގެ ސްޕަޓްނިކް ފަހެއް ވެކްސިންއަށެވެ. އޭގެ ތެރެއިން ސްޕަޓްނިކް ފަހެއް އަންނަ މަހު އެގައުމުގައި ދޭން ފަށާނެ ކަމަށް ރަޝިއާގައި ހުންނަވާ އިންޑިއާގެ ސަފީރު ވިދާޅުވި އެވެ.
އިންޑިއާއިން މިހާރު ކޮވިޑް ވެކްސިން ޖަހަމުން އަންނަނީ ހެލްތު ވޯކަރުންނާއި ފްރޮންޓްލައިން ވޯކަރުންނާއި 45 އަހަރުން މަތީގެ މީހުންނަށެވެ. އަދި އެގައުމުން މިހާތަނަށް ވެކްސިން ޖަހާފައި ވަނީ އާބާދީގެ ނުވަ ޕަސެންޓަށެވެ. އޭގެ ތެރެއިން ޑޯޒްތައް ފުރިހަމަކޮށްފައި ވަނީ އެންމެ 1.8 ޕަސެންޓު މީހުންނެވެ. އެހެންކަމުން އިންޑިއާގެ ސަރުކާރުން ވަނީ މާދަމާއިން ފެށިގެން 18 އަހަރުން މަތީގެ އެންމެންނަށްވެސް ކޮވިޑް ވެކްސިން ޖެހޭނެކަން އިއުލާންކޮށް، އޮންލައިންކޮށް ރެޖިސްޓާ ކުރުމަށް ހުޅުވާލާފަ އެވެ. ނަމަވެސް ބައެއް ސިޓީތަކުން ވަނީ ވެކްސިން ލިބުމުގައި ދަތިތަކެއް ހުރުމުން ވެކްސިން ޕްރޮގްރާމް ފުޅާ ކުރުން ލަސް ކުރަން ޖެހޭ ކަމަށް ބުނެފަ އެވެ.
އިންޑިއާގައި މި އަހަރު ފެށުނު އިރު ކޮވިޑްގެ ކޭސްތައް މަދުވުމުން އެގައުމުގައި ރައްކާތެރިކަމުގެ ފިޔަވަޅުތައް ލުއި ކުރުމާ އެކު ގިނަ އަދަދެއްގެ މީހުން އެއްވުންތައް ބާއްވާ، މާސްކު އެޅުން މަދު ކުރުމުން މިދިޔަ މަހު އެގައުމުގައި ކޭސްތައް އިތުރުވާން ފެށި އެވެ. އަދި ކޮވިޑްގެ އާ ވޭރިއެންޓުތައް ފެނި، ބައެއް ސްޓޭޓް އިލެކްޝަންތަކާ ދިމާކޮށް ބޮޑެތި ކެމްޕޭން ހަރަކާތްތައް ބޭއްވުމާއި އުއްތަރަކަންޑުގައި އޮތް ހިންދޫ ދީނީ ހަފްލާއެއްގައި އެތައް މިލިއަން މީހުން ބައިވެރިވުމުގެ ސަބަބުން ކޮވިޑް ކޮންޓްރޯލް ނުވެ، ފެތުރިގެން ދިޔުމަށް މަގުފަހިވި އެވެ.
އޭގެ ސަބަބުން ވީހާވެސް އަވަހަށް ގިނަ ބަޔަކަށް ވެކްސިން ޖެހުމަށްޓަކައި މިދިޔަ މަހު އިންޑިއާއިން ވަނީ ކޮވިޝީލްޑްގެ ބޮޑެތި އެކްސްޕޯޓުތައް މަޑު ޖައްސާލާފަ އެވެ.
އިންޑިއާގައި މިހާތަނަށް 18.8 މިލިއަން މީހުންނަށް ކޮވިޑް ޖެހި، ބަލީގައި 208،000އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ.