މިހާރު މާލެ ތެރޭގައި ހިނގަމުންދާ ހަމަނުޖެހުންތައް ހުއްޓުވުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ވީހާ ވެސް އަވަހަކަށް ކޮށްދެއްވުމަށް ސަރުކާރަށާއި ކަމާ ބެހޭ ދައުލަތުގެ އެންމެހާ މުވައްސަސާތަކަށް ޑީއާރުޕީން ގޮވާލައިފި އެވެ.

ޑީއާރުޕީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ މިހާރު ހިނގަމުންދާ ސަރުކާރަކީ ޣައިރު ގާނޫނީ ސަރުކާރެއް ކަމަށް ބުނެ އެމްޑީޕީން ހިންގަމުންދާ ހަމަނުޖެހުންތަކަށް އަވަސް ފިޔަވަޅެއް އެޅުމަށް ސަރުކާރާއި ކަމާ ބެހޭ ފަރާތްތަކަށް ގޮވާލާ ކަމަށެވެ.

"އެމްޑީޕީ އިން އިސްނަގައިގެން ރާއްޖޭގެ އެކި ސަރަހައްދުގައި ސަރުކާރާ ދެކޮޅަށް ހިންގަމުންގެންދާ ހަމަނުޖެހުންތަކުގައި ކުށެއްނެތް އެތައް ބަޔަކަށް އަނިޔާ ވަމުންދާ އިރު، މިހަމަނުޖެހުންތައް ހުއްޓުވުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ވީހާ ވެސް އަވަހަކަށް ކޮށްދެއްވުމަށް ސަރުކާރަށާއި ކަމާ ބެހޭ ދައުލަތުގެ އެންމެހާ މުވައްސަސާތަކަށް ގޮވާލަމެވެ."

އަދި އެމްޑީޕީން އިސްނަގައިގެން އިއްޔެ ހިންގާފައިވާ ހަމަ ނުޖެހުމުގައި ރައްޔިތުންގެ ބައެއް ފަރާތްތަކަށާއި ސަލާމަތީ ބާރުތަކުގެ ބައެއް ފަރާތްތަކަށް ޖިސްމާނީ ގޮތުން އަނިޔާވަމުންދާތީ ޑީއާރުޕީން ވަނީ މި ބަޔާނުގައި ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

މީގެ އިތުރުން އެމްޑީޕީން ހިންގާ އަމަލުތައް ހުއްޓާލުމަށް ވެސް ޑީއާރުޕީން އެމްޑީޕީއަށް ގޮވާލާފައިވެ އެވެ.