12 Jul 2010, 05:56
10:00
ރައްޔިތުންގެ މަޖިލީހުގެ މުލަކު ދާއިރާގެ މެމްބަރު އަދި ޕީއޭގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ގެއަށް ބަޔަކު ކަޅުތެޔޮ ޖަހައިފި އެވެ.
ޔާމީން ދިރިއުޅުއްވާ ގ. ދޫވެހީގެ ދޮރާށީގެ ފުރާޅަށާއި ގޭގެ ބެލްކަންޏަށާއި ޔާމީންގެ ކާރުކޮޅަށް ރޭ ދަންވަރުގެ ވަގުތެއްގައި ބަޔަކު ކަޅުތެޔޮ ޖެހުމުން ފުލުހުންގެ ޓީމަކުން ގޮސް ވަނީ މައްސަލަ ބަލައިފަ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ ޔާމީންގެ ގެއަށް ކަޅުތެޔޮ ޖެހި މައްސަލައިގައި އަދި އެއްވެސް މީހަކު ހައްޔަރުކޮށްފައިނުވާ ކަމަށެވެ. އަދި އެކަން ކޮށްފައި ވަނީ ކޮން ބައެއް ކަމެއް ވެސް އެނގިފައިނުވާ ކަމަށް ފުލުހުން ބުނެ އެވެ.
މިދިޔަ ހަފްތާ ތެރޭގައި ވެސް ބަޔަކު ވަނީ ދަންވަރުގެ ވަގުތެއްގައި ދެ ގާބުރި އެއްލާ ޔާމީންގެ ގޭގެ ދޮރެއްގެ ބިއްލޫރިގަނޑު ތަޅާލާފަ އެވެ. އެ މައްސަލައާ ގުޅިގެން ވެސް އެއްވެސް މީހަކު ފުލުހުން ހައްޔަރުކޮށްފައެއްނުވެ އެވެ.