30 Apr 2021, 14:10
މިހާރު ކުރިއަށްދާ އޭ ލެވެލް އިމްތިހާނުގެ ގިނަ ޕޭޕަރުތަކެއް ލީކުވެއްޖެ އެވެ.
'ސަން' އަށް ވަނީ ގިނަ ޕޭޕަރުތަކެއްގެ ސްކޭން ކޮޕީ ލިބިފަ އެވެ. އަދި ޕޭޕަރުތަކާ ގުޅޭގޮތުން ދަރިވަރުން މަޝްވަރާ ކުރާ ގްރޫޕެއްގެ ސްކްރީންޝޮޓްތައް ވެސް ވަނީ ލިބިފަ އެވެ.
ލީކުވެފައިވާ ޕޭޕަރުތަކުގެ ތެރޭގައި މިއަދު މެންދުރު ފަހު ރާއްޖޭގައި ހަދާ ބަޔޮލޮޖީ ޔުނިޓް ފަހެއްގެ ޕޭޕަރު ވެސް ހިމެނެ އެވެ.
އޭގެ އިތުރުން ފިޒިކްސް، މެކޭނިކްސް، ސްޓެޓިސްޓިކްސް، ބިޒްނަސް، އަދި ކެމިސްޓްރީ ޕޭޕަރުތަކެއްވެސް ދަރިވަރުން އަންނަނީ ދައުރުކުރަމުންނެވެ.
އެޑިއުކޭޝަން މިނިސްޓްރީން ބުނެފައި ވަނީ ރާއްޖޭގެ އެއްވެސް އިމްތިހާނު ސެންޓަރަކުން އޭލެވެލް އިމްތިހާނުގެ ޕޭޕަރެއް ލީކު ވެފައި ނުވާނެ ކަމަށެވެ.
އެޑިއުކޭޝަން މިނިސްޓްރީ އިން ރޭ ބުނީ މިހާރު ރާއްޖޭގައި ކުރިއަށްދާ އެޑެކްސެލް އިންޓަނޭޝަނަލް އޭލެވެލް އިމްތިހާނުގެ ސުވާލު ކަރުދާސްތައް ރައްކާތެރިކަމާއެކީ ބަލަހައްޓަމުންދާ ކަމަށެވެ. ސުވާލު ކަރުދާސްތަކުގެ ރައްކާތެރިކަމަށް އަޅާފައިހުރި ފިޔަވަޅުތައް ހަމަޖެހިފައިހުރ އުސޫލުތަކާ އެއްގޮތަށް ކަމަށްވެސް އެޑިއުކޭޝަނުން ބުންޏެވެ.
"ނަމަވެސް އޭލެވެލް އިމްތިހާނު ކަރުދާހެއް ކޮންމެވެސް ގައުމަކުން ލީކު ވެގެން އުޅޭ ކަމުގެ ހަބަރު ވަނީ އަޅުގަނޑުމެންނަށްވެސް ލިބިފައި. މި ވާހަކަތަކާ ގުޅިގެން ބަލަންޖެހޭ ކަންތައްތައް ބަލަމުން ދާކަމުގައި މައުލޫމާތަށްޓަކައި ދަންނަވަން،" އެ މިނިސްޓްރީގެ މީޑިއާ އޮފިޝަލަކު ވިދާޅުވި އެވެ.