ގުދުސް (އޭޕްރިލް 30): އިސްރާއީލްގެ އުތުރުގައި ހުންނަ މެރޮން ފަރުބަދައިގެ ތިރީގައި ރޭ ބޭއްވި ޔަހޫދީ ދީނީ ހަފްލާއެއްގައި ތޮއްޖެހި، ފިތިގެން 44 މީހަކު މަރުވެއްޖެ އެވެ.

އިސްރާއީލްގެ ކަމާ ބެހޭ އިދާރާތަކުން ބުނި ގޮތުގައި އެ ހާދިސާ ހިނގީ އަހަރަކު އެއް ފަހަރު ޔަހޫދީ ދީނަށް ތަބާވާ މީހުން އެއްވެ، އަޅުކަންކޮށް، ނެށުން ފަދަ ހަރަކާތްތަކުގައި ބައިވެރިވާ ދީނީ ހަފްލާއެއްގަ އެވެ. އަދި މި އަހަރު އެ ހަފްލާގައި ބައިވެރިވާން 10،000 މީހުންނަށް ހުއްދަ ދިން ނަމަވެސް 100،000 މީހުން ރޭ މެރޮން ފަރުބަދަ ކައިރިއަށް ޖަމާވި ކަމަށް ހަފްލާ އިންތިޒާމު ކުރި ފަރާތްތަކުން ލަފާ ކުރެ އެވެ.

އެ ހާދިސާ ހިނގީ ހަފްލާ ބާއްވަމުން ދިޔަ ސްޓޭޑިއަމްގެ މަތިން ބަޔަކު ކައްސާލުމުން އެމީހުންނާ އެއްކޮށް އިތުރު މީހުންވެސް ވެއްޓުމުންނެވެ. އަދި ތޮއްޖެހުން ކުޑަ ކުރުމަށްޓަކައި މީހުން ސްޓޭޑިއަމްއިން ދާން އެންގުމުން ގިނަ އަދަދެއްގެ މީހުން އެއް ފަހަރާ ދާން މަސައްކަތްކޮށް، ފުނިޖެހުމުންނެވެ.

މެރޮން ފަރުބަދައިގެ ތިރީގައި ބޭއްވި އެއްވުމުގައި ފިތިގެން 44 މީހަކު މަރުވެފައިވާ ކަމަށް އޮފިޝަލުން ބުނޭ -- ފޮޓޯ: އީޕީއޭ

އިސްރާއީލްގެ އެމާޖެންސީ ސާވިސެސް، އެމްޑީއޭއިން ބުނި ގޮތުގައި އެ ހާދިސާގައި ސީރިއަސް އަނިޔާތައް ލިބުނު 38 މީހަކަށް އެ ސަރަހައްދުގައި ފަރުވާ ދިނެވެ. އަދި ސީރިއަސް އަނިޔާ ލިބުނު ހަ މީހަކާއި ކުދި އަނިޔާތައް ލިބުނު ގިނަ އަދަދެއްގެ ބަޔަކު ހޮސްޕިޓަލްތަކަށް ގެންގޮސްފައިވެ އެވެ.

އެ ހަފްލާއަކީ އިސްރާއީލްގައި ކޮވިޑް-19 ފެތުރެން ފެށި ފަހުން އެންމެ ގިނަ އަދަދެއްގެ މީހުން ބައިވެރިވި ހަރަކާތެވެ. އަދި އެ ހަފްލާއަށް ހުއްދަ ދިނީ އެގައުމުން އާބާދީގެ 54 ޕަސެންޓަށް ކޮވިޑް ވެކްސިންގެ ދެ ޑޯޒް ދީ، ރައްކާތެރިކަމުގެ ފިޔަވަޅުތައް ލުއި ކުރި ފަހުންނެވެ.