ރައީސް މުހައްމަދު ނަޝީދު އިސްވެ އެމްޑީޕީގެ އެކްޓިވިސްޓުނާއި އެކު މަގުމައްޗަށް ނިކުންނަވައި އިއްޔެ އާއި ރޭ ހިންގި ހަމަނުޖެހުންތައް ޕީޕިއެމުން ކުށްވެރި ކޮށްފިއެވެ.

ޕީޕީއެމްގެ ތަރުޖަމާނު މުހައްމަދު ޝަރީފު ހުސައިން (މުންދު) މިއަދު ވިދާޅުވީ އެމްޑީޕީން ހިންގާ ހަމަނުޖެހުތައް ހުއްޓާލުމަށް ރައީސް ނަޝީދުގެ ކިބައިން އެދޭ ކަމަށާއި ރާއްޖޭގެ ދާހިލީ ހަމަޖެހުން ގާއިމުކުރަން މިހާރުގެ ސަރުކާރުން ކުރައްވާ މަސައްކަތަށް އެއްބާރުލުން ދެއްވާ ގައުމީ އެއްބައިވަންތަކަމުގެ ސަރުކާރުގައި ޖާގަ ދެއްވުމަށް ފުރުސަތު ހުށައަޅާފައިވާ ދަނޑިވަޅެއްގައި އެ ފުރުސުތުގެ ބޭނުންހިއްޕަވައިގެން ގައުމު ކުރިއަށް ގެންދިއުމަށް މަސައްކަތް ކުރަން އެދޭ ކަމަށެވެ.

"ހަމަނުޖެހުންތައް ހިންގި ފަރާތްތަކަށް އެކަންތައް ތަކުރާރު ނުކުރުމަށް ނަސޭހަތްތެރިވަން. ރައީސް ނަޝީދަށާއި އެމަނިކުފާނުގެ ޕާޓީގެ ބޭފުޅުންނަށް އަޅުގަނޑުމެން ތަކުރާރުކޮށް ދަންނަވާލާނީ ރާއްޖޭގެ ދާހިލީ ހަމަޖެހުން ގާއިމުކުރެއްވުމަށް އާ ރައީސް ޑރ މުހައްމަދު ވަހީދު ފައްޓަވާފައިވާ މަސައްކަތްޕުޅުތައް ކުރެއްވުމަށް އެއްބާރުލުން ދެއްވުމަށް ވިދާޅުވެފައިވާ ދަނޑިވަޅެއްގައި ޒިންމާދާރުކަމާއިއެކު އެއްބައިވަންތަ ކަމުގެ ސަރުކާރުގައި ބައިވަޑައިގެން ރައްޔިތުންނަށް ފައިދާހުރި މަސައްކަތްތަކެއް ކޮށްދެއްވާށޭ،" މުންދު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އިއްޔެ އާއި ރޭ ރާއްޖޭގެ ކަންކޮޅުތަކުގައި ހިންގި ހަމަނުޖެހުންތަކުގައި އެކި އެކި އޮފީސްތަކާއި ކޯޓުތަކަށް ގެއްލުން ދީ ބައެއް ތަންތަން ހުޅުޖަހައި އާއްމު ރައްޔިތުންނަށް އެކިވަރުގެ އަނިޔާ ވެފައިވުން ދޭހަކޮށްދެނީ ގައުމުގެ ސުލްހަ މަސްލަސްކަމާއި ރައްޔިތުންގެ ފުރާނަ އާއި މުދާ ރައްކާތެރިކޮށްދިނުމަށް ރައީސް ނަޝީދު އެއްގޮތަކަށްވެސް ނުވިސްނެވުން ކަމަށެވެ.

"މިދޔަ އަންގާރަ ދުވަހު އިސްތިއުފާ ދެއްވުމަށް ފަހު ރައީސް ނަޝީދު ވިދާޅުވީ އެމަނިކުފާނު އިސްތިއުފާ ދެއްވީ ގައުމުގައި ހަމަނުޖެހުން ތަކަށް ފުރުސަތު ނުދެއްވުމުގެ ގޮތުން ކަމަށް. ނަމަވެސް ޖެހިގެން އައިދުވަހު ޕާޓީގެ އެކްޓިވިސްޓުން ގޮވައިގެން މަގުމައްޗަށް ނުކުމެ ވަޑައިގެން އަމަލުކުރެއްވި ގޮތުން އެދައްކަވައިދެނީ ގައުމުގެ ސުލހަމަސްލަސްކަމާއި ރައްޔިތުންގެ ފުރާނައާއި މުދާރައްކާތެރި ކޮށްދިނުމަށް ރައީސް ނަޝީދު އެއްގޮތަކަށް ވެސް ނުވިސްނާ ކަމުގެ ހެއްކެއް،"

މުންދު ވިދާޅުވީ ރައީސުލްޖުމުހުރިއްޔާ މުހައްމަދު ވަހީދުގެ ސަރުކާރަށް ޕީޕީއެމުން އިތުބާރު އޮތް ކަމަށާއި އެ ސަރުކާރު އެކުލަވާލުމުގައި ހުރިހާ ޕާޓީތަކުން އެއްބާރުލުން ދެއްވައި ގައުމަށް ދިމާވެފައިވާ ކަންކަމުން އަރައިގަނެ ގާނޫނީ ވެރިކަމެއް ދެމެހެއްޓުމަށް ކުރާ މަސައްކަތުގައި ގައުމީ ދިފާއި ބާރުތަކަށް އެއްބާރުލުން ދިނުމަށް ހުރިހާ ސިޔާސީ ޕާޓީތަކެއްގެ ކިބައިން އެދޭ ކަމަށެވެ.