ރާއްޖޭގެ އެއްވެސް އިމްތިހާނު ސެންޓަރަކުން އޭލެވެލް އިމްތިހާނުގެ ޕޭޕަރެއް ލީކު ވެފައި ނުވާކަމަށް އެޑިއުކޭޝަން މިނިސްޓްރީ އން ބުނެފި އެވެ.

މިހާރު ކުރިއަށްދާ އޭއެސް/އޭލެވެލް އިމްތިހާނުތަކުގެ ބައެއް މާއްދާ ތަކުގެ ޕޭޕަރު ލީކުވެފައިވާ ކަމަށް ދަނީ ވާހަކަ ދެކެވެމުންނެވެ.

އެކަމާ ގުޅޭގޮތުން އެޑިއުކޭޝަން މިނިސްޓްރީ އިން މިރޭ ބުނީ މިހާރު ރާއްޖޭގައި ކުރިއަށްދާ އެޑެކްސެލް އިންޓަނޭޝަނަލް އޭލެވެލް އިމްތިހާނުގެ ސުވާލު ކަރުދާސްތައް ރައްކާތެރިކަމާއެކީ ބަލަހައްޓަމުންދާ ކަމަށެވެ. ސުވާލު ކަރުދާސްތަކުގެ ރައްކާތެރިކަމަށް އަޅާފައިހުރި ފިޔަވަޅުތައް ހަމަޖެހިފައިހުރ އުސޫލުތަކާ އެއްގޮތަށް ކަމަށްވެސް އެޑިއުކޭޝަނުން ބުންޏެވެ.

މިނިސްޓްރީ އިން ބުނީ އޭލެވެލްގެ ސުވާލުކަރުދާހެއް ރާއްޖޭގެ އެއްވެސް އިމްތިހާނު ސެންޓަރަކުން ލީކުވެފައިނުވާ ކަމަށެވެ.

"ނަމަވެސް އޭލެވެލް އިމްތިހާނު ކަރުދާހެއް ކޮންމެވެސް ގައުމަކުން ލީކު ވެގެން އުޅޭ ކަމުގެ ހަބަރު ވަނީ އަޅުގަނޑުމެންނަށްވެސް ލިބިފައި. މި ވާހަކަތަކާ ގުޅިގެން ބަލަންޖެހޭ ކަންތައްތައް ބަލަމުން ދާކަމުގައި މައުލޫމާތަށްޓަކައި ދަންނަވަން،" އެ މިނިސްޓްރީގެ މީޑިއާ އޮފިޝަލަކު ވިދާޅުވި އެވެ.

އައިއޭއެލް ފިޒިކްސް ޕޭޕަރު 1 ލީކުވެފައިވާ ކަމަށް ވަނީ އަޑު ފެތުރިފައެވެ. އަދި ޕޭޕަރުގެ ސްކޭން ކޮޕީ އެއް ދައުރުވަމުންދާ ކަމަށް ބައެއް މީޑިއާތަކުން ވަނީ ރިޕޯޓު ކޮށްފަ އެވެ.