ކޮވިޑް19ގެ ސަބަބުން ބަލި ބޮޑުވެދާނެ ހައި ރިސްކު ގައިދީން ވަގުތީގޮތުން ގޭ ބަންދަށް ބަދަލު ކުރާނެ ކަމަށް ކޮމިޝަނާ އޮފް ޕްރިޒަންސް އަހުމަދު މުހައްމަދު ފުޅު ވިދާޅުވެއްޖެއެވެ.

ޕްރިޒަންސް ކޮމިޝަނަރު މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޖަލުތަކުގައި ކޮވިޑު ފެތުރުން ކޮންޓްރޯލު ކުރުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން ޖަލުތަކުގައި ތިބި ގައިދީންގެ ތެރެއިން ހައި ރިސްކު މީހުން ވަގުތީ ގޮތުން ގޭ ބަންދަށް ބަދަލު ކުރާނެ ކަމަށެވެ.

މިއި ރައްކާތެރިކަމުގެ ގޮތުން އަޅާ ފިޔަވަޅެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ޖަލުތަކުގައި ތިބި ގައިދީންގެ ތެރެއިން ހައި ރިސްކު ގައިދީން ގެއަށް ބަދަލު ކުރާނެކަން ނިންމާފައިވާއިރު މާފުށީ ޖަލުގައި ކޮވިޑް ފެތުރެމުންދާތީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އެ ޖަލުގައި ހުކުމް ތަންފީޒު ކުރައްވަމުން ގެންދެވި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު ވެސް މިރޭ ވަނީ ގޭބަންދަށް ބަދަލުކޮށްފައެވެ.

ކަރެކްޝަންސް އިން ބުނީ ރައީސް ޔާމީން ގޭ ބަންދަށް ބަދަލު ކުރީ މާފުށީ ގައި ހަލުވިކަމާއެކު ކޮވިޑް-19 ފެތުރެމުންދާއިރު، މާފުށީ ޖަލުގެ އޮފިސަރުން ވެސް ޕޮޒިޓިވްވަމުންދާތީ ކަމަށެވެ.