އެމްޑިޕީގެ މަޖިލިސް މެމްބަރުންގެ ފާޑު ކިޔުންތައް އަބަދުވެސް އަމާޒުވާ، ފިޝަރީޒް މިނިސްޓަރު ޒަހާ ވަހިދު އެ މަގާމުން ވަކިކޮށް، ވަޒީރުންގެ މަޖިލީހަށް ބޮޑެތި ބަދަލުތަކެއް ގެންނަން އުޅޭ ކަން "ސަން"އަށް އެނގިއްޖެ އެވެ.

ކެބިނެޓްގެ ބައެއް ވަޒީރުން އެހެން ވުޒާރާތަކަށް ބަދަލު ކުރުމާއި، މިހާރު ތިބި ބައެއް ވަޒީރުން ވަކިކުރަން ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ކުރިއަށް އޮތް މަދު ދުވަސް ކޮޅެއްގެތެރޭ ނިންމަވާނެ ކަން "ސަން"އަށް ވަނީ ކަށަވަރުވެފަ އެވެ.

"ސަން" އަށް އެނގިފައިވާ ގޮތުގައި ވަކިކުރާ ވަޒީރުންގެ ތެރޭގައި ޒަހާވެސް ހިމެނިވަޑައިގަންނަވަ އެވެ. އޭގެ އިތުރުން އެހެނިހެން ބައެއް ވަޒީރުން އެހެން ވުޒާރާތަކަށްވެސް ބަދަލު ކުރުމަށް ވަރަށް އަވަހަށް ރައީސް ނިންމަވާނެ އެވެ.

ލޯކަލް ކައުންސިލް އިންތިހާބަށް ފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ސޯލިހް ވިދާޅުވީ، ސަރުކާރުގެ ތެރެއިން ރަނގަޅު ކުރަން ޖެހޭ ކަންކަން ބެލުމަށްފަހު ރަނގަޅު ކުރައްވާނެ ކަމަށެވެ.

ރައީސްގެ އެ ވާހަކަަފުޅަށް ރިއާޔަކޮށް ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކު އަޒީޒު މިރޭ "ސަން"ވިދާޅުވީ، އެމަސައްކަތް ރައީސް މިހާރުވެސް ކުރައްވަމުން ގެންދަވާ ކަމަށެވެ.

"ސަރުކާރު ކަންކަން ރަނގަޅު ކުރުމަށް ރައީސް ދަނީ ކޯލިޝަން ލީޑަރުންނާއެކު މަޝަވަރާ ކުރަމުން. ވަރަށް އަވަހަށް ސަރުކާުރުގެ ހިންގުމަށް ބަދަލުތަކެއް އަންނަނާނެ،" ކެބިނެޓްގެ މަގާމުތަކައް ބަދަލުތަކެއް އަންނަން އުޅޭތޯ ސުވާލު ކުރުމުން އެކަން ދޮގު ނުކުރައްވައި މަބްރޫކު ވިދާޅުވި އެވެ.

ޒާހާއަކީ، މި ސަރުކާރުގެ ކޯލިޝަންގައި ހިމެނޭ ރައީސް މައުމޫންގެ ލީޑް ކުރައްވާ އެމްއާރުއެމްގެ ސްލޮޓެއްގައި ވަޒީރުކަމަށް ވަޑައިގެންނެވި ބޭފުޅެކެވެ.

އެނގިފައިވާ ގޮތުގައި ބަދަލުތަކެއް އަންނާނީ އެމްޑީޕީ ފިޔަވައި ދެން ކޯލިޝަންގައި ހިމެނޭ އެހެން ޕާޓީތަކަށް ނިސްބަތްވާ މިނިސްޓަރުން ހިމެނޭ ވުޒާރާތަކަށެވެ.

ކެބިނެޓަަށް ބަދަލުތަކެއް އަންނާނެކަން ޔަަގީންވެފައިވާއިރު، ސައިންސް އެންޑް ޓެލެކޮމިއުނިކޭޝަން މިނިސްޓަރުކަމުން މަލީހް ޖަމާލު މިިދިޔަ މާޗު މަހު އެއް ވަނަ ދުވަހު ވަކިކުރި ފަހުން އެ މާގާމު އަދި އޮތީ ހުސްކޮށެވެ. އެ ވުޒާރާ ވަގުތީ ގޮތުން ހިންގަވަމުން އަންނަނީ، އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް އެވެ.