އިޓަލީ ލީގުގައި އިންޓަ މިލާނުން އެންމެ ފަހުން ރޯމާ އާއި ދެކޮޅަށް ކުޅުނު މެޗުން ބޮޑު ނަތީޖާއަކުން ބަލިވުމުން އިންޓަގެ ސަޕޯޓަރުންނަށް އެކުލަބުގެ ކެޕްޓަން ހާވިއާ ޒެނެޓީ މާފަށް އެދިއްޖެ އެވެ.

މިދިޔަ އާދިއްތަ ދުވަހު އިޓަލީ ލީގުގައި އިންޓަ އާއި ދެކޮޅަށް ކުޅެ ރޯމާ މޮޅުވީ 4-0 ލަނޑުންނެވެ. މިއީ އެންމެ ފަހުން އިންޓަ ކުޅުނު ތިން މެޗުގެ ތެރެއިން ބަލިވި ދެވަނަ މެޗެވެ. މިމެޗަކީ މިސީޒަނުގައި އެޓީމަށް ލިބުނު އެންމެ ބޮޑު ނާކާމިޔާބީ ކަމުގައި ޒެނެޓީ ބުނެފައި ވެއެވެ.

"މިއީ މިސީޒަނުގައި އަހަރެމެންނަށް ލިބުނު އެންމެ ބޮޑު ނާކާމިޔާބީ. މިމެޗުގައި ރޯމާ ވަރަށް ރަނގަޅަށް ކުޅެމުންދިޔަ. އެމީހުން މޮޅުވުން ހައްގު. ޓީމުގެ ފަރާތުން އަހަރެން ސަޕޯޓަރުންގެ ކިބައިން މައާފަށް އެދެން. މިކަހަލަ ނަތީޖާއެއް ތަކުރާރުނުވޭތީ އަހަރެމެން މަސައްކަތް ކުރާނަން." ޒެނެޓީ ބުންޏެވެ.

އިޓަލީ ލީގުގައި އިންޓަ މިވަގުތު އޮތީ ފަސްވަނާގަ އެވެ. ތިންވަނާގައި އޮތް އުދިނޭސީ އާއި އިންޓަ އާއި ދެމެދު ފަސް ޕޮއިންޓްގެ ފަރަގެއް ވެއެވެ. އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގުގެ ޖާގައެއް އިންޓަ އިން ބޭނުންނަމަ އުދިނޭސީ ވައްޓާލުމަށް ފަހު، ލީގުގެ ތިންވަނަ އަށް އަރަން ޖެހޭނެ އެވެ.