ރާއްޖޭގައި ކޮވިޑް19 އަށް ޕޮޒިޓިވްވާ މީހުން އިތުރުވި ނަމަވެސް، ގިނަ ބަޔަކު ކޮވިޑް19 އާ ދެކޮޅަށް ވެކްސިން ޖަހާފައިވާތީ، ބަލީގައި ބޮޑުވަރުވާ މިންވަރު ކުޑަވެފައިވާކަމަށް ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނެފި އެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމަވަމުން، ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕް (ޓެގް) ފަރާތުން ޑރ. ނަޒްލާ މުސްތަފާ ވިދާޅުވީ އޭޕްރީލް މަހުގެ 21 ން 27 އަށް، މާލެ ސަރަހައްދުގެ ޕޮޒިޓިވިޓީ ރޭޓް މާޗު މަހުގެ 10 އިން ފެށިގެން ފުރަތަމަ ހަފްތާގައި އެ ރޭޓް ހުރީ ތިން ޕަސެންޓުގަ އެވެ. ނަމަވެސް ދެ ވަނަ ހަފްތާގައި ސާމްޕަލް ޕޮޒިޓިވިޓީ ރޭޓު 10 ޕަސަންޓަށް އަރާފައިވާ ކަމަށެވެ. އެެ މުއްދަތުގައި ފްލޫ ޕޮޒިޓިވިޓީ ރޭޓް ވަނީ 14 ޕަސެންޓަށް އަރައިފަ އެވެ.

ޑރ. ނަޒްލާ ވިދާޅުވީ މުޖުތަމައުގައި ބަލީގެ ހާލަތު ވަޒަންކުރުމަށް ދެން ބަލަނީ ބަލި ޖެހިގެން ހޮސްޕިޓަލުގައި އެޑްމިޓްކުރަންޖެހޭ މީހުންގެ އަދަދު ކަމަށެވެ. ބަލިވާ މީހުންނަށް ފަރުވާ ދެވޭނެ ކެޕޭސިޓީ ނެތް ނަމަ، ހާލަތު ގޯސްވާނެކަން ފާހަގަކުރައްވައި، ޑރ. ނަޒްލާ ވިދާޅުވީ ޕޮޒިޓިވްވާ މީހުން ގިނަވާނަމަ، އެޑްމިޓްކުރަންޖެހޭ މީހުން ވެސް ގިނަ ވާނެ ކަމަށެވެ.

ނަމަވެސް ރާއްޖޭގައި ކޮވިޑްގެ ހާލަތު އެންމެ ގޯސްވެގެން ދިޔަ އިރު ކޮވިޑް ފެސިލިޓީތަކުގެ 80 ޕަސެންޓަށް ވުރެ ބޮޑަށް ފުރުނު ނަމަވެސް މިފަހަރު އެ ހާލަތަށް ނުދާކަމަށް ޑރ. ނަޒްލާ ވިދާޅުވި އެވެ.

ޑރ. ނަޒްލާ ވިދާޅުވީ ހުޅުމާލޭ ފެސިލިޓީގެ ބެޑް ކެޕޭސިޓީ މިވަގުތު ހުރީ 50 ޕަސެންޓުގައި ކަމަށާއި، ޑީއެޗް11 ގެ އައިސީޔޫ ބެޑް ކެޕޭސިޓީ އަކީ 30 ޕަސެންޓު ކަމަށެވެ.

ޑރ. ނަޒްލާ ވިދާޅުވީ ޖުމްލަކޮށް ބަލާއިރު، ޕޮޒިޓިވްވާ މީހުންގެ 13 ޕަސެންޓާއި 16 ޕަސެންޓު އެޑިމިޓް ކުރަން ޖެހޭ ކަމަށެވެ.

"ނަމަވެސް މިހާރު ވެކްސިން ޖަހަން ފެށި ފަހުން ކޮންމެސް ވަރަކަށް ސިވިއަރިޓީ [ހާލު ބޮޑުވުން] މަދުވެއްޖެ. ނަމަވެސް އޭގެ މާނައަކީ ނަންބަރުތައް އިތުރުވަންޏާ އިތުރު ބެޑްތައް ވެސް އިތުރުވެ ނޫނިއްޔާ ސިވިއާ ކޭސަސް ވެސް އިތުރުވާނެ،" ޑރ. ނަޒްލާ ވިދާޅުވި އެވެ.

މިވަގުތު ރާއްޖޭގެ އެކްޓިވް ކޭސްތައް ހުރީ 4،396 ގައެވެ. އޭގެ ތެރެއިން އެޑިމިޓްކޮށްގެން ފަރުވާ ދެމުން އަންނަނީ 122 މީހަކަށެވެ.

ވެކްސިނުން 60 ޕަސެންޓާއި 70 ޕަސެންޓާ ދެމެދުގެ މިންވަރަކަށް ރައްކާތެރިކަން ފޯރުކޮށްދޭއިރު، ފުރަތަމަ ޑޯޒް ޖަހާތާ 12 ހަފްތާ ވަންދެން ވަރަށް ރަނގަޅަށް އިމިއުނިޓީ ލިބޭނެ ކަމަށާއި، އެ މުއްދަތުގައި ވެކްސިންގެ ދެވަނަ ޑޯޒް ނުޖެހުނު ނަމަވެސް، އަލުން ފުރަތަމަ ޑޯޒް ޖަހަން ނުޖެހޭނެ ކަމަށް ޑރ. ނަޒްލާ ވިދާޅުވި އެވެ.

"ބާރަ ހަފްތާއަށް ފަހު މި ވާގޮތަކީ، ކޮންމެސް ވަރަކަށް އޭގެ ޕްރޮޓެކްޝަން ނުވަތަ ބާރު ދަށްކޮއްލާ. އެހެންވީމަ ބާރަ ހަފްތާ ވާން ވާއިރަށް ދެވަނަ ޑޯޒް ނުޖަހައިފި ނަމަ، ބަލިވުމުގެ ފުރުސަތު އޮންނާނޭ. އެކަމަކު އޭގެ މާނައަކީ ބާރަ ހަފްތާ ފަހުން ވެސް އޭނާއަށް ދެވަނަ ޑޯޒް ޖަހަން ފުރުސަތެއް ލިބިއްޖެއްޔާ، ވީހާވެސް އަވަހަކަށް ދެވަނަ ޑޯޒް ޖަހަންވީ. އޭނަ އަލުން ފުރަތަމަ ޑޯޒް ޖަހާކަށް ނުޖެހޭނެ،" ޑރ. ނަޒްލާ ވިދާޅުވި އެވެ.

ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޝާހު މާހިރު ވިދާޅުވީ ކޭސްތައް އިތުރުވަމުން ދިޔަ ނަމަވެސް، ވެކްސިނޭޝަން ޕްރޮގްރާމް ވަރަށް ރަނގަޅަށް ކުރިއަށް ދާ ކަމަށެވެ.

އެގޮތުން ރާއްޖޭގެ ވެކްސިން ޖެހޭ އާބާދީގެ 67 ޕަސެންޓަށް ފުރަތަމަ ޑޯޒް ދެވިފައިވާ ކަމަށާއި 30 ޕަސެންޓާ ގާތްކުރާ ވަރަކަށް ދެވަނަ ޑޯޒް ދެވިފައިވާ ކަމަށެވެ.

"އެހެންވީމަ މި ބައްޔަށް މިވަގުތު ލިބެން އޮތް ފަރުވާގެ މަސައްކަތް މިދަނީ ވަރަށް ރަނގަޅަށް، ވެކްސިނޭޝަން ޕްރޮގްރާމް ވަރަށް ރަނގަޅަށް މިދަނީ،" އޭނާ ވިދާޅުވި އެވެ.

ދުނިޔޭގެ ނިސްބަތަށް ބަލާއިރުވެސް ވެކްސިނޭޝަންގައި ރާއްޖެ އުޅެނީ ވަރަށް ކުރީގައި ކަމަށާއި ހާޑް އިމިއުނިޓީ ހާސިލްވެ، އިގްތިސޯދަށް ލިބުނު ގެއްލުމާއި، ދަތުރުފަތުރު ކުރުމުގައި ދިމާވި އުނދަގޫތަކުން ސަލާމަތް ވެވޭނީ ވީހާވެސް އަވަހަށް ވެކްސިނޭޝަން ޕްރޮގްރާމް ކުރިއަށް ގެންދެވިގެން ކަމަށް ޑރ. ޝާހް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މިވަގުތު ރާއްޖޭގައި ދެވަނަ ޑޯޒަށް އެލިޖިބަލް ނަމަވެސް، ދެވަނަ ޑޯޒް ނުޖަހާ 20،000 އެއްހާ މީހުން އެބަތިބި ކަމަށެވެ. އެހެންކަމުން ވީ އެންމެ އަވަހަކަށް ވެކްސިން ފުރިހަމަ ކުރުމަށް އޭނާ ވަނީ އިލްތިމާސް ކުރައްވައިފަ އެވެ.

"އެންމެން ޖެހީމަ އޭގެ ފައިދާ މި ފެންނަނީ. އަމާޒަކީ ކުރިއަށް އޮތް މަސްތަކުގެ ތެރޭގައި ވެކްސިނޭޝަން ޕްރޮގްރާމް، 60-70 ޕަސެންޓާ ހަމައަށް އިމިއުނިޓީ ގެންދަން،" ޝާހު ވިދާޅުވި އެވެ.

ރާއްޖޭގެ ހުރިހާ އެންމެނަށް ވާ ވަރަށް ވެކްސިން ލިބޭނެ ކަމަށާއި، ރާއްޖެ ވެކްސިނަށް ނުޖެހޭނެ ކަމުގެ ޔަގީންކަން ޝާހު ވަނީ ދެއްވައިފަ އެވެ.