29 Apr 2021, 16:16
ރާއްޖޭގައި ކޮވިޑް ވެކްސިން ސްޓޮކް ހުރި މިންވަރު ހާމަނުކޮށް، ވެކްސިންއަށް ނުޖެހޭނެ ކަމުގެ ޔަގީންކަން ހެލްތު މިނިޓްރީން ދީފި އެވެ.
ރާއްޖެއިން ކޮވިޝީލްޑް ވެކްސިން ހުސްވެދާނެ ކަމުގެ ބިރު ވަނީ ހީވެފަ އެވެ. އެއާއެކު މާލެ ސިޓީގެ ވެކްސިން ސެންޓަރުތަކުގެ ކިއު ލައިންތައް ވަނީ ދިގުވެފަ އެވެ.
މިއަދު އެޗްއީއޯސީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިން ތަކުރާރުކޮށް ސުވާލު ކުރުމުން ވެސް ކޮވިޑް ވެކްސިން ސްޓޮކް ހުރި މިންވަރު ހާމަ ކުރުމަށް ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. ޝާހު މާހިރު ވަނީ ދެކޮޅު ހައްދަވައިފަ އެވެ. އޭނާ ވިދާޅުވީ، އެ މައުލޫމާތަކީ މުހިންމު މައުލޫމާތެއް ނޫން ކަމަށެވެ.
"ސްޓޮކްގައި ހުރި އަދަދެއް ނޫން މުހިންމީ. ހުޓުމެއްނެތި ވެކްސިން ޕްރޮގްރާމައިގެން [ކުރިއަށް] ދިޔުން މުހިންމީ،" ޝާހް ވިދާޅުވި އެވެ.
އެ މައުލޫމާތު ނުދިން ނަމަވެސް ޑރ. ޝާހް މާހިރު ދެއްވި ޔަގީން ކަމަކީ، ވެކްސިން އެމެންނަށް ވެސް ލިބޭނެ ކަމަށާއި ރާއްޖެއިން ވެކްސިން ހުސްނުވާނެ ކަމަށެވެ.
"ކޮންމެ ބެޗެއް ނިމޭ އިރަށް އަނެއް ބެޗު ވެކްސިން ދިވެހިރާއްޖެއަށް ލިބޭނެ. އެގޮތަށް ޕްލޭންކޮށްގެން އަޅުގަނޑުމެން އެކަންތައް ކުރިއަށް މިގެންދަނީ. އެހެންވީމަ އެއްވެސް ބޭފުޅަކު އެކަމާ ފިކުރު ބޮޑުވެވަޑައިނުގަންނަވާ،" ޝާހް މާހިރު ވިދާޅުވި އެވެ.

ޑރ. ޝާހް މާހިރު ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަނީ --- ފޮޓޯ/ އެޗްއީއޯސީ
ވެކްސިން ސްޓޮކް ހުރި މިންވަރުގެ މައުލޫމާތު ހާމަ ކުރުމަށް ތަކުކުރާކޮށް "ސަން"އިން ކުރަމުން ވެސް ޝާހް މާހިރު ވިދާޅުވީ، ބޭނުންވާ ވަރަށް ތިން ވައްތަރުގެ ވެކްސިން ވެސް އެބަހުރި ކަމަށެވެ. އެ އެހެން ނަމަވެސް އެ ތިން ވައްތަރުގެ ވެކްސިން ހުރި މިންވަރު އޭނާ ހާމައެއް ނުކުރެ އެވެ.
އިންޑިއާގައި ކޮވިޑް ހާލަތާ ގުޅިގެން އެގައުމުން ވަނީ ވެކްސިން އެހެން ގައުމަތަކަށް ބޭރުކުރުން ހުއްޓާލާފަ އެވެ. އެއާއެކު ރާއްޖެއަށް ވެކްސިން އިތުރަށް ލިބުމުގެ ދަތިކަމެއް އައިސްދާނެތީ، ރައްޔިތުންގެ ތެރޭގައި ނުތަވަސްކަމެއް ވަނީ އުފެދިފަ އެވެ.
އެކަމާ ގުޅޭ ގޮތުން ޝާހް މާހިރު ވިދާޅުވީ، ވެކްސިންގެ އެހެން ބެއްޗެއް އަންނަވާއިރަށް މިހާރު ހުރި ވެކްސިން އިން ފުދޭނެ ކަމަށެވެ. އަދި އިތުރަށް ވެކްސިން ހޯދުމަށް ތަފާތު އެކި މަސައްކަތްތައް ކުރަމުން އަންނަ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
"ކޮވެކްސް ފެސިލިޓީން ވެކްސިން އިތުރަށް ގަތުމަށްޓަކައި އަޅުގަނޑުމެން އިތުރަށް ކުރަންޖެހޭ ކަންކަން ވެސް މިދަނީ ކުރަމުން. އެެހެންވީމަ ވެކްސިން ހުސްވެގެން ޕްރޮގްރާމު ކުރިއަށް ނުގޮހެއް ނޯންނާނެ. އެ އިތުބާރު އަޅުގަނޑުމެނަށް އެބަ އޮތް މިހާރު ހުރި ލެވެލްގައި ސްޓޮކާ އެކު މެނޭޖްކުރެވޭނެ،" ޝާހް ވިދާޅުވި އެވެ.
ރާއްޖެ އިން މިހާތަނަށް 80،000 މީހުން ވަނީ ވެކްސިންގެ ދެވަނަ ޑޯޒް ފުރިހަމަކޮށްފައެވެ.