29 Apr 2021, 16:02
ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އުވާލުމުގެ ބާރު މަޖިލީހަށް ދޭން، މިއަދު މަޖިލީހުގެ ޖަލްސާގައި ނެގި ވޯޓަށް ތާއީދެއް ނުލިބުނެވެ.
އާންމު ސިއްހަތުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ޖުޑީޝަރީ ކޮމިޓީން ފާސްކޮށް މަޖިލީހަށް ފޮނުވީ، ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ދިގު ދެންމުމާއި އުވާލުމުގެ ބާރު މަޖިލީހަށް ލިބޭ ގޮތަށެވެ.
އެެހެން ނަމަވެސް ބިލު މިއަދު މަޖިލީހުން ފާސްކުރީ، ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ދިގުދެންމުމަށް މަޖިލީހަށް ބާރު ލިބޭ އެ މާއްދާ އުނިކުރަމަށެވެ. މަޖިލީސް ތަޅުމުން ގެނައި އިސްލާހުތަކާއެކު މުޅި ބިލަށް 39 މެމްބަރުން ވޯޓު ދެއްވި އެވެ. އެ ބިލު އެ އިސްލާހުތަކާއެކު ފާސް ނުކުރުމަށް 29 މެމްބަރަކު ވޯޓު ދެއްވިއިރު، ވަކިކޮޅަކަށް ވޯޓު ނުދެއްވާ އެއް މެމްބަރަކު އިންނެވި އެވެ.
އާންމު ސިއްހަތުގެ ގާނޫނު މިހާރު އޮންނަ ގޮތުން ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމުގެ ބާރު އޮންނަނީ ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތްގެ ލަފާގެ މަތިން ސިއްހަތާ ބެހޭ ވަޒީރަށެވެ. އަދި އެކަމަށް މަޖިލީހުގެ ދައުރެއް ނޯވެއެވެ.
އޭގެ ބަދަލުގައި ޖުޑީޝަރީ ކޮމިޓީން ނިންމީ، ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާއަށް ދިނުމަށެވެ. އަދި ގާނޫނު އަސާސީގައި ބުނާ ކުއްލި ނުރައްކަލުގެ ހާލަތާއި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތާ އެއްގޮތް ކުރުމަށެވެ. އެގޮތަށް އެއްގޮތް ކުރުމުން މަޖިލީހުން ރައީސްގެ ގަރާރު ފާސްކުރަން ޖެހެ އެވެ.
ފުނަދޫ ދާއިރާ މެމްބަރު މުހައްމަދު ޝާހިދު ހުށަހެޅުއްވީ، އެ ބިލުގެ 33 ވަނަ މާއްދާ އާއި 34 ވަނަ މާއްދާ އުނިކުރުމަށެވެ. އެއީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމުގެ ބާރު ރައިސުލްޖުމްހޫރިއްޔާއަށް ދިނުމާށާއި ދެމެހެއްޓުމުގެ ބާރު މަޖިލީހަށް ދިނުމާ ގުޅޭ މާއްދާތަކެވެ. އެ ހުށަހެޅުމަށް ތާއީދު ކުރެއްވީ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް އެވެ. އެ ހުށަހެޅުންތައް ފާސްވީ، 37 މެމްބަރުންގެ ވޯޓުންނެވެ.
އެ ބާރު މަޖިލީހަށް ނެގުމާ މެދު އެމްޑީޕީ މަޖިލިސް މެމްބަރުންގެ މެދުގައިވެސް އޮތީ ބަހުސްއަކަށް ވެފަ އެވެ. އަދި މިއަދުގެ މަޖިލިސް ޖަލްސާ ފެށުނު އިރުވެސް އެމްޑީޕީ ޕީޖީ ގުރޫޕުގައިވެސް އެކަމަށް ގޮތެއް އޮތީ ނުނިމި އެވެ.
ބިލުގައި ހިމެނޭ އެހެން ކަންކަމަށް ބަލާއިރު، ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި ހަރަދުކުރުމަށް ދައުލަތުގެ ބަޖެޓުގައި ހިމަނާފައިވާ މިންވަރަށްވުރެ އެ ހާލަތުގައި ކުރަން ޖެހޭ ހަރަދު އިތުރުވާނަމަ، އިތުރަށް ބޭނުންވާ ފައިސާގެ މިންވަރުގެ ތަފްސީލު ބަޔާންކޮށް މަޖިލީހަށް ހުށަހެޅުމަށް ބިލުގައި ބުނެފައިވެ އެވެ. އަދި މަޖިލީހުން ހަރަދު ކުރުމަށް ހުއްދަ ކުރާ މިންވަރަށް މެނުވީ، ހަރަދުކޮށްގެން ނުވާނެ ކަމަށް މަޖިލީހުން މިއަދު ވަނީ ފާސްކޮށްފައެވެ.
އޭގެ އިތުރުން އެ ފައިސާ ހަރަދު ކުރަންވާނީވެސް، މަޖިލީހުން ކަނޑައަޅާ އުސޫލުގެ މަތިން ކަމަށްވެސް ބިލުގައި ބުނެ އެވެ. އަދި މިހާރު އިއުލާންކޮށްފައިވާ ސިއްހީ ކުލި ނުރައްކަލުގެ ހާލަތުގައި އެ ހަރަދު ކުރުމާ ގުޅޭ އިސްލާހަށް އަމަލު ކުރަން ލާޒިމްވާ ގޮތަށް ބިލުގައި ހިމަނާފައިވެއެވެ.