29 Apr 2021, 14:42
މާލޭގެ ފްލޫ ޕޮޒިޓީވިޓީ ރޭޓް އަދި ސާމްޕަލް ޕޮޒިޓިވިޓީ ރޭޓް ބޮޑުތަން އިތުރުވެފައިވާ ކަމަށާއި މާލޭގައި މިވަގުތު ކޮވިޑް19ގެ ބޮޑު އައުޓްބްރޭކެއް އޮތް ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕް (ޓެގް) އިން ބުނެފި އެވެ.
މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ޓެގްގެ ފަރާތުން ޑރ. ނަޒްލާ މުސްތަފާ ވަނީ މާޗު މަހުގެ 10 ވަނަ ދުވަހުން ފެށިގެން މާލެ ސިޓީގެ ކޮވިޑް ޓްރެންޑުތައް ހިއްސާކުރައްވައިފަ އެވެ.
ސާމްޕަލް ޕޮޒިޓިވިޓީ ރޭޓަށް ބަލާއިރު، މާޗު މަހުގެ 10 ން ފެށިގެން ފުރަތަމަ ހަފްތާގައި އެ ރޭޓް ހުރީ ތިން ޕަސެންޓުގަ އެވެ. ނަމަވެސް ދެ ވަނަ ހަފްތާގައި ސާމްޕަލް ޕޮޒިޓިވިޓީ ރޭޓު ވަނީ ހަޔަކަށް އަރައިފަ އެވެ. އޭގެ ފަހުން ހަ ވަނަ ހަފްތާއާ ހަމައަށް އެ ރޭޓު ހުރީ ފަސް ޕަސެންޓާއި ހަތް ޕަސެންޓާ ދެމެދު އެވެ.
ނަމަވެސް 21 އޭޕްރީލް އިން ފެށިގެން 27 އޭޕްރީލް އަށް ސާމްޕަލް ޕޮޒިޓިވިޓީ ރޭޓް ވަނީ ހަތަކުން 10 އަށް މައްޗަށް އަރައިފަ އެވެ.
ޑރ. ނަޒްލާ ވިދާޅުވީ ކަމާ ބެހޭ ފަރާތްތަކުން މަސައްކަތް ކުރަމުން އަންނަނީ ސާމްޕަލް ޕޮޒިޓިވިޓީ ރޭޓް ފަސް ޕަސެންޓަށް ވުރެ ދަށުގައި ބެހެއްޓުމަށް ކަމަށެވެ.
މުޖުތަމައުގައި ބަލީގެ ހާލަތު ވަޒަންކުރުމަށް ދެން ބަލަނީ ފްލޫ ޕޮޒިޓިވިޓީ ރޭޓް އަށެވެ. ފްލޫ ޕޮޒިޓިވިޓީ ރޭޓަށް ބަލާއިރު، އޭޕްރީލް މަހުގެ ދެ ވަނަ ހަފްތާ އަދި ތިން ވަނަ ހަފްތާގައި ފްލޫ ޕޮޒިޓިވިޓީ ރޭޓު ހުރީ ފަސް ޕަސެންޓުގަ އެވެ.
އެހެން ނަމަވެސް 21 އޭޕްރީލް އިން 27 އޭޕްރީލް އަށް ފްލޫ ޕޮޒިޓިވިޓީ ރޭޓް ވަނީ 14 ޕަސެންޓަށް އަރައިފަ އެވެ.
"އެހެންވީމަ މާލޭގައި ކުރީ ދެ ހަފްތާއަށް ބަލާއިރު ވެސް ފަހު ހަފްތާގައި ފްލޫ ޕޮޒިޓިވިޓީ ރޭޓް ވަނީ ވަރަށް ބޮޑަށް މައްޗަށް އަރާފައި. އޭގެ މާނައަކީ މާލޭގައި ހަމަ ފުދޭވަރަކަށް ބޮޑު އައުޓްބްރޭކެއް އެބަ އުޅެޔޭ،" ޑރ. ނަޒްލާ ވިދާޅުވި އެވެ.
ޑރ. ނަޒްލާ ވިދާޅުވީ މާލެ ސަރަހައްދުގައި ގިނަ އަދަދެއްގެ ބަޔަކު ވެކްސިން ޖަހާފައި ވުމުން، ބަލި ޖެހޭ މީހުން އިތުރުވި ނަމަވެސް، ބަލީގައި ހާލު ސީރިއަސްވާ މީހުން މަދުކަން ފާހަގަކުރެވޭ ކަމަށެވެ.