ރައީސް އޮފީހުގެ އެންޓި ޓެރަރިޒަމް ކޮންސަލްޓަންޓްގެ މަގާމުގައި ހުންނެވި އައިޝަތު ނޫޝީން ވަހީދާއި ޗީފް އެކްޒެކެޓިވް ޓު ވައިސް ޕްރެޒިޑެންޓްގެ މަގާމުގައި ހުންނެވި ނަޒްރާ ނަސީމަށް މަގާމުގެ ކުރިއެރުން ދީފިއެވެ.

ކޮންސަލްޓަންޓެއްގެ ގޮތުގައި ހުންނެވި ނޫޝީންއަށް ރައީސް އޮފީހުން ދީފައިވާ އާ މަގާމަކީ އެ އޮފީހުގެ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒާސް އޮފީހުގެ ސެކްރެޓަރީގެ މަގާމެވެ. މިއީ ސްޓޭޓް މިނިސްޓަރު ފެންވަރުގެ މަގާމެކެވެ.

ރައީސް އޮފީހުން މިއަދު "ސަން" އަށް ބުނީ ނޫޝިންއަށް އެ މަގާމުން ދިނީ އޭޕްރިލް 4 ވަނަ ދުވަހު ކަމަށެވެ.

މީގެ އިތުރުން ނައިބު ރައީސްގެ އޮފީހުގެ ޗީފް އެކްޒެކެޓިވްކަން ކުރައްވާ، ނައިބު ރައީސްގެ ކޮއްކޯފުޅު ނަޒްރާ ނަސީމްގެ މަގާމަކީ ސްޓޭޓް މިނިސްޓަރު ފެންވަރުގެ މަގާމެއްގެ ގޮތުގައި ވަނީ ކަނޑައަޅާފައެވެ. ރައީސް އޮފީހުން ބުނީ ނަޒްރާގެ މަގާމު ސްޓޭޓް މިނިސްޓަރެއްގެ މަގާމަށް ބަދަލުކުރީ މި އަހަރުގެ ފެބްރުއަރީ އެއްވަނަ ދުވަހު ކަމަށެވެ.

ޔޫތު މިނިސްޓަރު އަހްމަދު މަހުލޫފްގެ އަނބިކަނބަލުން ނަޒްރާއަށް ރައީސް އޮފީހުގެ ވަޒީފާ ހަމަޖެހުނީ 2018 ނޮވެމްބަރުގައެވެ. އޭރު އެ މަގާމަކީ ޑެޕިއުޓީ މިނިސްޓަރު ފެންވަރުގެ މަގާމެކެވެ.

ނަޒްރާއާއި ނޫޝީންސްޓޭޓް މިނިސްޓަރު ފެންވަރަށްބަދަލުކުރުމުން އެބޭފުޅުންނަށް މުސާރައަށް 32،000 ރުފިޔާ އަދި އެލަވަންސްގެ ގޮތުގައި 15،000 ރުފިޔާއާއެކު މަހަކު ޖުމްލަ 47،000 ރުފިޔާ ލިބޭނެއެވެ.

ޑެޕިއުޓީ މިނިސްޓަރު ފެންވަރުގެ މަގާމުތަކުގައި ތިއްބަވާ ބޭފުޅުންނަށް މުސާރައަށް 20،500 ރުފިޔާ އަދި 15،000 ރުފިޔާގެ އެލަވަންސަކާއެކު މަހަކު ޖުމްލަ 35،500 ރުފިޔާ ލިބޭނެއެވެ.

މިހާރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ސްޓޭޓް މިނިސްޓަރު ފެންވަރުގެ މަގާމުތަކުގައި 11 ބޭފުޅުން، އަދި ޑެޕިއުޓީ މިނިސްޓަރު ފެންވަރުގެ މަގާމުތަކުގައި 13 ބޭފުޅުން ތިއްބަވައެވެ.