ފަލަސްތީނުގެ ގާނޫނު ހަދާ މަޖިލިސް އަދި އިސްރާއީލްގެ ގާނޫނު ހަދާ މަޖިލީހުގައި ތަގުރީރު ކުރެއްވުމުގެ ދައުވަތު، ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދަށް ލިބިވަޑައިގެންފި އެވެ.

އެކަން ހާމަކުރެއްވީ މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މަޖިލިސް ރައީސް އެވެ.

މަޖިލިސް ރައީސް ވިދާޅުވީ ފަލަސްތީނާއި އިސްރާއީލުގެ ޕާލިއަމަންޓުގައި ތަގުރީރު ކުރައްވަން ސިޓީ ލިބިވަޑައިގެންފައި ވީ ނަމަވެސް އެކަމާ މެދު އަދި ވަކި ގޮތެއް ނިންމަވާފައި ނުވާ ކަމަށެވެ.

"އަޅުގަނޑުގެ ހިތަށް ވަތް، އެންމެ ފުރަތަމަ ވިސްނުމަކީ މިބާވަތުގެ ކަމެއް އަޅުގަނޑު ކުރިމައްޗަށް އައީމަ، އަޅުގަނޑު އަމަލުކުރަނެ ގޮތަކީ ވީހާވެސް ގިނަ ބަޔަކާ އެ މައުލޫމާތު ހިއްސާކުރުމޭ. ރައްޔިތުންނަށް އެނގޭނީ ރައްޔިތުން މިސްރާބު ހިފާންވީ ދިމާ،" މަޖިލިސް ރައީސް ވިދާޅުވި އެވެ.

މަޖިލިސް ރައީސް ވިދާޅުވީ ފަލަސްތީނު ރައްޔިތުންގެ މިނިވަންކަމާއި ފަލަސްތީނު ރައްޔިތުންނަށް ދައުލަތެއް ހައްގުކަމާ މެދު އެމަނިކުފާނު ޝައްކު ނުކުރައްވާ ކަމަށެވެ. އަދި މަޖިލީހުގެ އެއްވެސް މެމްބަރަކު ވެސް އެކަމާ އިންކާރު ނުކުރައްވާނެ ކަމަށެވެ.

ފަލަސްތީނު ރައްޔިތުންނަށް އެއްވެސް ގޮތަކަށް އެހީތެރިކަމެއް ދެވެން އޮތް ނަމަ، ދިވެހީން އެދޭނީ އެގޮތަށް ކަމަށް ވެސް މަޖިލިސް ރައީސް ވިދާޅުވި އެވެ.

"އެ އެހީތެރިކަން އަޅުގަނޑުމެން ފޯރުކޮށްދެވެން އޮތް މަގަކީ ކޮބައިތޯ އެއީ މި މަޖިލީހުގެ މެމްބަރުން ވެސް ވިސްނަވާން ޖެހޭނެ ކަމެއް. އަދި އަޅުގަނޑު ވެސް ވިސްނާން ޖެހޭނެ ކަމެއް،" މަޖިލިސް ރައީސް ވިދާޅުވި އެވެ.

މަޖިލިސް ރައީސް ވިދާޅުވީ އެ މައްސަލާގައި އެމަނިކުފާނު ގޮތެއް ނިންމަވާނީ ވީހާވެސް ގިނަ ރައްޔިތުންގެ ހިޔާލު ހޯއްދެވުމަށް ފަހު ކަމަށެވެ.