ދިއްލީ (އޭޕްރިލް 29): އިންޑިއާގެ ކޮވިޑް-19 ބަލިމަޑުކަމުގެ ހާލަތާ ގުޅިގެން ހެލްތު މިނިސްޓަރު ހާޝް ވަރުދަން އިސްތިއުފާ ދެއްވުމަށް އިދިކޮޅު ކޮންގްރެސް ޕާޓީން ގޮވާލައިފި އެވެ.

ކޮންގްރެސް ޕާޓީގެ ތަރުޖަމާނު ސުޕްރިޔާ ޝްރިނަތޭ ވިދާޅުވި ގޮތުގައި މިނިސްޓަރު ވަރުދަން ވަނީ ބަލިމަޑުކަމާ ކުރިމަތިލުމުގައި ފެއިލްވެފަ އެވެ. އަދި ގައުމު މިހާރު ގޮސްފައި އޮތް ހާލަތަށް ޒިންމާވާ މީހުން ބޮޑުވަޒީރު ނަރެންދުރަ މޯދީ ފާހަގަ ކުރައްވާ، އެމީހުން ސަރުކާރުން ބޭރު ކުރަން ޖެހެ އެވެ.

"ހަ މީހެއްގެ މަރާ ހެދި އުރުދުންގެ ހެލްތު މިނިސްޓަރަށް އިސްތިއުފާ ދެއްވޭ ނަމަ ޑރ. ހާޝް ވަރުދަންވެސް އިސްތިއުފާ ދެއްވަން ޖެހޭ. އަދި ތިޔަ ބޭފުޅާއަށް އިސްތިއުފާ ނުދެއްވޭ ނަމަ ދެން ބޮޑުވަޒީރު މޯދީ އެބަ ޖެހޭ ތިޔަ ބޭފުޅާ މަގާމުން ދުރުކުރަން،" ޝްރިނަތޭ ވިދާޅުވި އެވެ.

މީގެ އިތުރުން އިންޑިއާގައި ކޮވިޑް ފެތުރޭ މިންވަރު އިތުރު ވަމުންދާ ކަމުގެ އިންޒާރު ކޮންގްރެސްގެ ލީޑަރެއް ކަމަށްވާ ރާހުލް ގާންދީ މީގެ ކުރިން ދެއްވުމުން އޭނާއަށް ވަރުދަން މަލާމާތް ކުރެއްވި ކަމަށާއި މިހާރު ގައުމު އޮތް ހާލަތާ ހެދި އޭނާ މާފަށް އެދިވަޑައިގަންނަވަން ޖެހޭ ކަމަށް ވެސް ތަރުޖަމާނު ވިދާޅުވި އެވެ.

އިންޑިއާގައި މިއަހަރު ފެށުނު އިރު ކޮވިޑްގެ ކޭސްތައް މަދުވުމުން އެގައުމުގައި ރައްކާތެރި ކަމުގެ ފިޔަވަޅުތައް ލުއި ކުރި އެވެ. އޭގެ ސަބަބުން ގިނަ އަދަދެއްގެ މީހުން މާސްކު އެޅުން މަދުކޮށް، ބޮޑެތި އެއްވުންތަކުގައި ބައިވެރިވާން ފެށި އެވެ. އަދި މާޗް މަހު ބައެއް ސްޓޭޓް އިލެކްޝަންތަކާ ގުޅިގެން ބޭއްވި ކެމްޕޭން ހަރަކާތްތަކާއި އެތައް މިލިއަން މީހުން ބައިވެރިވެ، ހިންދޫ ދީނީ ހަފްލާއަކާއި ނުރައްކާތެރި އާ ވޭރިއެންޓުތަކާ ގުޅިގެން އެގައުމުގައި ކޮވިޑްގެ ކޭސްތަކާއި މަރުތައް ރެކޯޑު އަދަދުތަކަށް މައްޗަށް އަރަން ފެށި އެވެ.

އިންޑިއާއިން މިހާތަނަށް ކޮވިޑް ޖެހިފައިވާ މީހުންގެ އަދަދު 18 މިލިއަނަށް އަރާފައިވާ އިރު ބަލީގައި މަރުވި މީހުންގެ އަދަދު ވަނީ ދެ ލައްކައަށް ވުރެ އިތުރުވެފަ އެވެ.