29 Apr 2021, 11:08
ގދ. ތިނަދޫ އިން ކޮވިޑް19ގެ އިތުރު ކޭސްތަކެއް ފެނި، އެ ރަށުން ވައިރަހަށް ޕޮޒިޓިވްވީ މީހުންގެ ޖުމްލަ 10 އަށް އަރައިފި އެވެ.
ތިނަދޫގައި ހުންނަ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުން ބުނީ، އެ ރަށުގައި ހޯމް ކަރަންޓީނުގައި ހުރި އިންޑިއާ ރައްޔިތެއް، ހޯމް ކަރަންޓީން މުއްދަތު ހަމަވުމަށް ފަހު މިމަހު 26 ވަނަ ދުވަހު ނެގި ސާމްޕަލެއް ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ.
އެއާ އެކު އެ ކޭސްގެ ކޮންޓެކްޓް ޓްރޭސިންގް ހެދި އިރު، ޑައިރެކްޓު ކޮންޓެކްޓުން ފާހަގަވި ކަމަށާއި އަދި އޭގެ ތެރެއިން ހަތަރު ސާމްޕަލެއް މިއަދު ވައިރަހަށް ޕޮޒިޓިވްވެފައިވާ ކަމަށް ވެސް ހޮސްޕިޓަލުން ބުންޏެވެ.
ހޮސްޕިޓަލުން ބުނީ މިހާރު އެރަށުގެ އެކްޓިވް ކޭސްގެ އަދަދު 10 އަށް އަރާފައިވާ ކަމަށެވެ.
ތިނަދޫއިން ކަރަންޓީނުގައި ނެތް ފަރާތެއް ކޮވިޑް19 އަށް ޕޮޒިޓިވްވުމާ އެކު މި މަހުގެ 25 ވަނަ ދުވަހު އެ ރަށް އަނެއްކާ ވެސް ވަނީ މޮނިޓަރިންގް ހާލަތަށް ގެންގޮސްފަ އެވެ.
ތިނަދޫއިން ކޮވިޑް19ގެ ކޭސްތަކެއް ފެނިފައިވާތީ، ރަށުގެ ހާލަތު ދެނެގަތުމަށް ޓަކައި ރެންޑަމް ސާމްޕަލް ނެގުމުގެ މަސައްކަތް ރޭ ވަނީ ފަށައިފަ އެވެ.
ރާއްޖޭގައި އަނެއްކާ ވެސް ކޮވިޑް19ގެ ނަންބަރުތައް މައްޗަށް ދާން ފަށާފައި ވާއިރު، އަތޮޅުތެރެއިން ފެންނަ ކޭސްތައް ވެސް ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ.