ޓްރާންސްޕޯޓު އޮތޯރިޓީން ވަކިކުރި ނުވަ މީހަކަށް މުސާރައާއެކު ވަޒީފާ އިޔާދަކޮށްދޭން ވަޒީފާއާ ބެހޭ ޓްރިބިއުނަލުން މިއަދު އަމުރު ކޮށްފި އެވެ.

ޓްރާންސްޕޯޓު އޮތޯރިޓީގައި ވަޒީފާ އަދާ ކުރަމުން ދަނިކޮށް، އެއްވެސް ސަބަބެއް ނެތި ވަޒީފާއިން ވަކިކޮށްފައިވާ ކަމަށް ބުނެ، ސިވިލް ސާވިސްކޮމިޝަނަށް ރައްދުވާ ގޮތަށް ޓްރަބިއުނަލްއަށް ހުށަހެޅި މައްސަލައިގައި އެ ނުވަ މުވައްޒަފުން ތަމްސީލުކޮށްފައިވަނީ، ޕަބްލިކް އިންޓްރެސްޓް ލޯ ސެންޓަރުންނެވެ.

އެޖަމިއްޔާއިން މިރޭ ނެރުނު ނޫސްބަޔާނުގައި ބުނީ، އެ މައްސަލައިގައި ޓްރަބިއުނަލުން ކަނޑައަޅާފައި ވަނީ ނުވަ މީހުން ވަޒީފާއިން ވަކިކޮށްފައިވަނީ މައުޟޫއީ އަދި އިޖުރާއީ އަދުލުވެރިކަން ގައިމުކޮށް ކަމަށެވެ.

އޭގެ އިތުރުން ނުވަ މީހުންނަށް ކުރިން އަދާކުރަމުން ދިޔަ ވަޒީފާއަށް އަލުން އަނބުރާ އިޔާދަކޮށްދުނުމަށާއި ވަޒީފާ އިޔާދަކޮށްދޭ ތާރީހާ ހަމައަށް ލިބެންޖެހޭ މުސާރައާއި އިނާޔަތްތައް ދިނުމަށްވެސް އެފަރާތްތަކަށް ދިނުމަށްވެސް ޓްރަބިއުނަލުން ނިންމާފައިވާ ކަމަށް އެ ބަޔާނުގައި ބުންޏެވެ.

ޓްރަބިއުނަލްގެ އެ ނިންމުމާ ގުޅިގެން އެ ޖަމިއްޔާއިން ވަނީ މަރުހަބާ ކިޔާފައެވެ.

"އަދި މި ނިންމުމަކީ ވަޒީފާއިން ވަކިކުރުމާ ގުޅިގެން ވަޒީފާއަދާކުރުމުގެ ހައްގުން މަހުރޫމުވެފައިވާ ފަރާތްތަކަކަށް އިންސާފު ލިބިގެންދިޔަ ނިންމުމެއްކަން އުފަލާއެކު ފާހަގަ ކުރުމެވެ،" އެ ޖަމިއްޔާގެ ބަޔާނުގައި ބުނެފައިވެ އެވެ.

ޓްރާންސްޕޯޓް އޮތޯރިޓީން ގިނަ މުވައްޒަފުންތަކެއް އެއްފަހަރާ ވަކިކުރި މައްސަލަ ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާއަށް ވަރަށް ބޮޑަށް ފާޑުކިޔުން ވެސް އަމާޒުވި އެވެ. އެ މައްސަލައިގައި އެ މުވައްޒަުން ވަނީ، މިނިސްޓަރު ނަހުކާގެ ޝަކުވާ ރައީސް އޮފީހަށްވެސް ހުށަހަޅާފައެވެ.