28 Apr 2021, 22:42
މިއަދު ރާއްޖެއިން އަނެއްކާވެސް ރެކޯޑު އަދަދަކަށް ކޮވިޑަށް މީހުން ޕޮޒިޓިވްވެ، ކޮވިޑް ޖެހުނު ރާއްޖޭގެ ޖުމްލަ އަދަދު 29،000 ހުރަސްކޮށްފި އެވެ.
އެޗްޕީއޭގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން ވޭތިވެދިޔަ 24 ގަޑި އިރު، 464 މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ. މިއީ މިހާތަނަށް އެއް ދުވަސް ތެރޭ އެންމެ ގިނަ އަދަދަކަށް މީހުން ޕޮޒިޓިވްވި ދުވަހެވެ.
އިއްޔެ އިރުއޮއްސި 6:00އިން މިއަދުގެ އިރުއޮއްސި 6:00އަށް ނެގި 3،948 ގިނަ މީހުން ޕޮޒިޓިވްވެފައި ވަނީ މާލޭ ސިޓިންނެވެ. އެގޮތުން މާލޭ ސިޓީން 207 މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިްވްވެފަ އެވެ.
އެހެނިހެން ރަަށްތަކުން 146 މީހަކު ޕޮޒިޓިވްވިއިރު، ރިސޯޓުތަކުން 14 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ. ސިނާއީ ރަށްތަކުން 93 މީހަކު ޕޮޒިޓިވްވި އިރު، ސަފާރީތަކުން ތިން މީހަކު ވަނީ ޕޮޒިޓިވްވެފައެވެ. އޭގެ އިތުރުން ހަދަމުންދާ ރަށަކުން އެކަކު ވަނީ ޕޮޒިޓިވްވެފަ އެވެ.
މިއަދު ކޮވިޑަށް ޕޮޒިޓިވްވި މީހުންނާއެކު ރާއްޖޭއިން ޖުމްލަ ބަލި ޖެހުނު މީހުންގެ އަދަދަކީ، 29،052 އެވެ. އޭގެ ތެރެއިން 24،499 މީހަކު ވަނީ ބަލިން ރަނގަޅުވެފަ އެވެ.
މިއަދު ރެކޯޑު މުގުރާލައި 450 އަށްވުރެ ގިނަ މީހުން ޕޮޒިޓިވްވި އިރު، އިއްޔެވެސް ރެކޯޑު އަދަދަކަށް ކޮވިޑަށް މީހުން ޕޮޒިޓިވްވެފައިވެ އެވެ. އެގޮތުން އިއްޔެ 386 މީހަކު ޕޮޒިޓިވްވެފައިވެ އެވެ. އެއީ އެހާތަނަށް އެންމެ ގިނަ މީހުން ޕޮޒިޓިވްވި ދުވަހެވެ.
މިހާރު ބަލި ޖެހިފައި ތިބި މީހުންގެ އަދަދަކީ، 4،009 އެވެ. އޭގެ ތެރެއިން 119 މީހަކަށް ފަރުވާ ދެމުން އަންނަނީ ހޮސްޕިޓަލުގައި އެޑްމިޓް ކޮށްގެންނެވެ.
މިއަދު ދެމީހަކު ބަލި ޖެހިގެން މަރުވި އިރު ޖުމްލަ މަރުވި މީހުންގެ އަދަދު ވަނީ 73އަކަށް އަރާފަ އެވެ.