ކޮވިޑް ޖެހިގެން ދެވަނަ މީހަކު މަރުވެ، ރާއްޖޭގައި މަރުވި މީހުންގެ ޖުމްލަ އަދަދު 73އަކަށް އަރައިފި އެވެ.

"ސަން" އަށް އެނގިފައިވާ ގޮތުގައި މަރުވީ ދަރުމަވަންތަ ހޮސްޕިޓަލްގެ 11 ވަނަ ފަންގިފިލާގައި ފަރުވާ ދެމުންދިޔަ އިންޑިއާގެ ފިރިހެނެކެވެ.

އެޗްޕީއޭ ބުނީ އުމުރުން 50 އަހަރުގެ އެ މީހާ މަރުވެފައި ވަނީ މިރޭ 8:44ގައި ކަމަށެވެ.

އިންޑިއާ މިހާކު މަރުވި އިރު، މިއަދު މެންދުރު ފަހު އުމުރުން 85 އަހަރުގެ އަންހެނަކުވެސް ވަނީ ކޮވިޑް ޖެހިގެން މަރުވެފައެވެ.

މިއަދު ދެ މީހަކު ކޮވިޑް ޖެހިގެން މަރުވި އިރު، ކޮވިޑަށް މިއަދު ޕޮޒިޓިވްވި މީހުންގެ އަދަދުވެސް ވަނީ ރިކޯޑު އަދަދަކަށް މައްޗަށް އަރާފައެވެ. އެގޮތުން ވޭތުވެދިޔަ 24 ގަޑިއިރު ނެގި 3،900އަށްވުރެ ގިނަ ސާމްޕަލްއިން 464 މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ. މިއީ މިހާތަނަށް އެއް ދުވަސް ތެރޭ އެންމެ ގިނަ އަދަދަކަށް މީހުން ޕޮޒިޓިވްވި ދުވަހެވެ.

މިއަދު ޕޮޒިޓިވްވި މީހުންނާއެކު ރާއްޖެއިން މިހާތަނަށް 29،000އަށް ވުރެ ގިނަ މީހުން ވަނީ ކޮވިޑް ޖެހިފައެވެ. އޭގެ ތެރެއިން އޭގެ ތެރެއިން 24،499 މީހަކު ވަނީ ބަލިން ރަނގަޅުވެފަ އެވެ. އަދިވެސް ބަލި ޖެހިފައި ތިބި މީހުން އަދަދަކީ 4،009 އެވެ. އޭގެ ތެރެއިން 119 މީހަކަށް ފަރުވާ ދެމުން އަންނަނީ ހޮސްޕިޓަލުގައި އެޑްމިޓް ކޮށްގެންނެވެ.