28 Apr 2021, 22:13
ވެކްސިން ޖެހުމަށް އޮންލައިންކޮށް ޓޯކަން ދޫކުރުން ހުއްޓާލުމާއެކު ސޯޝަލް ސެންޓަރުގައި ވެކްސިންގެ ދިގު ކިއުލައިން ދަމާލައިފި އެވެ.
މިރޭ ކޮވިޝީލްޑް ވެކްސިންގެ ދެވަނަ ޑޯޒް ޖެހުމަށް ހަމަޖެހިފައިވަނީ މާލެއިން ސޯޝަލް ސެންޓަރުގައި އަދި ހުޅުމާލެއިން ވެކްސިން ސެންޓަރުގަ އެވެ.
އެޗްޕީއޭއިން މިރޭ ބުނީ، އޮންލައިންކޮށް ޓޯކެން ދޫކުރުން ހުއްޓާލައި މިރޭ ނަންބަރު ދޫކުރާނީ ފިޒިކަލްކޮށް އެތަނަށް ދާ ފަރާތްތަކަށް ކަމަށެވެ.

ދެވަނަ ޑޯޒް ޖެހުމަށް މީހުން ކިއު ދަމާލާފައި -- ސަން ފޮޓޯ
އެއާއެކު މާލޭ ސޯޝަލް ސެންޓަރު ކައިރިއަށް ގިނަ ބަޔަކު ވަނީ ޖަމާވެފަ އެވެ. އަދި ކިއުލައިން ވަނީ ތާޖުއްދީން ސުކޫލަށްވުރެ ދުރަށް ދިގުކޮށް ދަމާލާފަ އެވެ.
ކޮވިޝީލްޑް ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި މީހުންނަށް ދެވަނަ ޑޯޒް ފުރިހަމަ ކުރެވޭ މިންވަރަށް މިވަގުތު ރާއްޖޭގައި ވެކްސިން ނެތްކަން ވަނީ ހާމަވެފަ އެވެ.
ރާއްޖޭގައި މިވަގުތު ކޮވިޝީލްޑު ވެކްސިން ހުރީ ކިހާ އަދަދަކަށްތޯ ބެލުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އާ ތަކުރާރުކޮށް ސުވާލު ކުރުމުންވެސް ރަސްމީ ޖަވާބެއް ލިބިފައެއް ނުވެ އެވެ.
ނަމަވެސް އިތުބާރު ހުރި މަސްދަރުތަކުން "ސަން"އަށް އެނގިފައިވާގޮތުގައި މިވަގުތު މާލެ ސަރަހައްދުގައި ހުރީ ކޮވިޝީލްޑުގެ ގާތްގަނޑަކަށް 500 އެއްހާ ޑޯޒް ވެކްސިން އެވެ.
އެޗްޕީއޭގެ ތަފާސްހިސާބުތައް ދައްކާ ގޮތުން އެއް ދުވަހެއްގެ ތެރޭގައި ވެސް ހާހަކާ ގާތްކުރާ އަދަދަކަށް މާލޭ ސަރަހައްދުން އެކަނި މީހުންނަށް އަންނަނީ ވެކްސިން ދެމުންނެވެ. އެހެންކަމުން މިހާރު ހުރި އަދަދަކީ ވެކްސިންގެ ދެވަނަ ޑޯޒް ޖަހަން ޖެހިފައި ތިބި މީހުންނަށް ވެކްސިން ފުރިހަމަ ކުރެވޭ ވަރުގެ އަދަދެއް ނޫނެވެ.
ކޮވިޝީލްޑް ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައިވަނީ އިންޑިއާ ސަރުކާރުން ރާއްޖެއަށް ހަދިޔާކުރި ދެ ލައްކަ ވެކްސިން ޑޯޒުން އަދި ކޮވެކްސް ފެސިލިޓީ އިން ލިބުނު 12،000 ޑޯޒުން ނެވެ.
ދެވަނަ ޑޯޒް ޖަހަން ފަށާފައިވަނީ އިންޑިއާގެ ސީރަމް އިންސްޓިޓިއުޓާއެކު ސަރުކާރުން ވެފައިވާ އެއްބަސްވުމުގެ ދަށުން ގަންނަން ކަނޑައެޅި ތިން ލައްކަ ޑޯޒްގެ ތެރެއިން ރާއްޖެ ގެނައި އެއް ލައްކަ ޑޯޒާއެކު އެވެ. އަނެއް ދެ ލައްކަ ޑޯޒްގެ ވެކްސިން ލިބިފައެއް ނުވެ އެވެ.
އެޗްޕީއޭ އިން އެންމެ ފަހުން އާންމުކުރި ހިސާބުތަކަށް ބަލާއިރު މި މަހުގެ 26 ވަނަ ދުވަހުގެ ނިޔަލަށް 293،429 މީހުން ވަނީ ވެކްސިން ޖަހައިފައެވެ. އޭގެ ތެރެއިން 88،649 މީހުން ވަނީ ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކޮށްފައެވެ.