ކޮވިޑް ކޭސްތަކާ ގުޅިގެން މިވަގުތު އަރާ ފޭބުން މަނާކޮށްފައިވާ ތ. ކިނބިދޫގައި ކަރަންޓީންގައި ހުރި ޒުވާނަކު މަރުވެއްޖެ އެވެ.

ކޮވިޑަށް ޕޮޒިޓިވްވެފައިވާ އެހެން މީހަކާ ކޮންޓެކްޓް ވެގެން ކަރަންޓީންގައި ހުރި އުމުރުން 33 އަހަރުގެ ޒުވާނާ މަރުވީ، މިއަދު ހެނދުނުގެ ވަގުތެއްގަ އެވެ.

އެކަން ކިނބިދޫ ކައުންސިލްގެ ރައީސް ހަސަން މުހައްމަދު "ސަން"އަށް ކަށަވަރުކޮށްދެ އެވެ.

ހަސަން މުހައްމަދު ވިދާޅުވީ، އޭނާ މަރުވެފައިވަނީ ކަރަންޓިންގެ 14 ދުވަސް ހަމަވެގެން ކޮވިޑަށް ޓެސްޓުކުރުމަށް ރޭގެ ވަގުތެއްގައި ސާމްޕަލްވެސް ނަގާފައި ވަނިކޮށެވެ. އެހެން ނަމަވެސް އަދި އެ ސާމްޕަލްގެ ނަތީޖާ ނުލިބޭ ކަމަށް އޭނާ ބުންޏެވެ.

ކިނބިދުއިން ކޮވިޑް ކޭސްތަކެއް ފެނިގެން އެރަށް މޮނީޓަރިން ހާލަތައް ގެނެސްފައިވަނީ މި މަހުގެ 11 ވަނަ ދުވަހު އެވެ. އެފަހުން މިހާތަނަށް 54 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފަ އެވެ.