އިނގިރޭސި ގައުމީ ޓީމުގެ ހުސްވެފައިވާ ކެޕްޓަންގެ މަގާމު ފުރުމުގެ ޝަގުވެރިކަމެއް ނެތް ކަމަށާއި އެމަގާމަށް އެކަށޭނެ އެހެން ކުޅުންތެރިންތަކެއް ވެސް އެބަތިބި ކަމަށް މެންޗެސްޓާ ސިޓީ އަށް ކުޅެމުންދާ ގޯލް ކީޕަރު ޖޯ ހާޓް ބުނެފި އެވެ.

އިނގިރޭސި ގައުމީ ޓީމުގެ ކެޕްޓަން ކަމުން މިދިޔަ ހުކުރު ދުވަހު ޖޯން ޓެރީ ދުރުކުރުމުން އެމަގާމު އަދިވެސް އޮތީ ހުސްކޮށެވެ. ޓެރީ އަތުން ގައުމީ ޓީމުގެ ކެޕްޓަން ކަން އަތުލީ ކިޔުޕީއާރުގެ ޑިފެންޑަރު އެންޓަން ފާޑިނަންޑާއި ނަސްލީ ގޮތުން ދިމާކުރުމުގެ ކުށުގައި ހިނގަމުންދާ މައްސަލަތަކާއި ގުޅިގެންނެވެ.

"އިނގިރޭސި ކެޕްޓަން ކަމުގެ މަގާމަށް އަހަރެންގެ ނަން ހިމެނޭ ނަމަ އުފާކުރާނަން. އެކަމަކު ގައުމީ ޓީމުގެ ކެޕްޓަން ކުރުމުގެ އެއްވެސް ޝައުގުވެރިކަމެއް ނެތް. ގައުމީ ޓީމުގެ ކެޕްޓަންކަން ކުރުމަށް އަހަރެންނަށް ވުރެ ގާބިލު ކުޅުންތެރިންތަކެއް އެބަތިބި. އަހަރެން ހަމައެކަނި ބޭނުމީ މެންސިޓީ އަށާއި އިނގިރޭސި ގައުމީ ޓީމަށް ކާމިޔާބީ ހޯދައިދޭން،" ހާޓް ބުންޏެވެ.

ގިނަ އަނިޔާތަކަކާއި ކުރިމަތިލަމުންދާ ލިވަޕޫލްގެ ކެޕްޓަން ސްޓީވަން ޖެރާޑަކީ އެމަގާމަށް އެންމެ އެކަށޭނެ އެއް ކުޅުންތެރިޔާކަމަށް ގިނަ ރިޕޯޓްތަކަކުން ބުނެއެވެ. ކެޕްޓަންކަން ރިއޯ ފާޑިނަންޑް ބޭނުންނުވާކަން ހާމަކުރުމުން ދެން އެމަގާމު ލިބުން އެންމެ ގާތީ ސްކޮޓް ޕާކާ ނޫނީ ފްރޭންކް ލަމްޕާޑަށެވެ.