28 Apr 2021, 12:00
އއ. މަތިވެރިން 171 މީހުން ކޮވިޑަށް ޕޮޒިތިވް ވެފައިވާއިރު އެ ރަށުގެ ދެބއިކުޅަ އެއްބައި ގެ ހުރީ ކަރަންޓީނުގައި ކަމަށް މަތިވެރި ކައުންސިލުން ބުނެފި އެވެ.
މަތިވެރި ކައުންސިލްގެ ރައީސް އިސްމާއިލް އާތިފް މިއަދު "ސަން" އަށް ވިދާޅުވީ ކޮވިޑުގެ ހާލަތު ރަށުގައި ގޯސް ކަމަށެވެ. ކޮންމެ ދުވަހަކުވެސް ގިނަ ބަޔަކު ބައްޔަށް ޕޮޒިތިވް ވަމުންދާއިރު، ހައިރިސްކު ކޭސް އެއް ނެތް ކަން އޭނާ ފާހަގަ ކުރެއްވި އެވެ.
ނަމަވެސް ހައިރިސްކު ކޭސް އެއް އައިސް ރަށުގައި އެޑްމިޓްކޮށްގެން ފަރުވާދޭން ޖެހިއްޖެ ހާލަތެއްގައި ދަތިތައް ކުރިމަތިވާނެކަން އާތިފް ފާހަގަ ކުރެއްވިއެވެ.
"ހެލްތު ސެންޓަރުގައި ހަތަރު އެނދު ހުންނާނީ. އެތަނުގައި ކޮވިޑް ބަލިމީހަކު އެޑްމިޓް ކޮށްފި ނަމަ ތަން ބަންދުވާނެ ދެއްތޯ. ދެން މިރަށާ ކައިތީ އޮންނާނީ ވެލިދޫ ފެސިލިޓީ. އަތޮޅު ހޮސްޕިޓަލް ނޫނީ ފެސިލިޓީ އަށް ބަލިމީހާ ފޮނުވަން ޖެހޭނީ. އެފަދަ ހާލަތަކަސް ބަލާއިރު އޮކްސިޖަން ވެސް އެކަށީގެންވާ މިންވަރަކަށް ނުހުންނާނެ،" އާތިފް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ހެލްތު މިނިސްޓްރީގެ ވެރިން ކައުންސިލާއި ހެލްތު ސެންޓަރާއެކު އޮންލައިން ބައްދަލުވުމެއް ބޭއްވި ކަމަށާއި އެ ބައްދަލުވުމުގައި ރަށަށް ބޭނުންވާ ބޭހާއި ޓެސްޓް ކިޓް އަދި ޕީޕީއީ ކިޓް ފޯރުކޮށްދޭނެ ކަމުގެ ޔަގީންކަން ދިން ކަމަށެވެ.
މަތިވެރިން ކޮވިޑް ކޭސްތަކެއް ފެނި އެ ރަށް މޮނީޓަރިން އަށް ލާފައިވަނީ މި މަހުގެ 21 ވަނަ ދުވަހު އެވެ.
ކައުންސިލްގެ ރައީސް ވިދަޅުވީ ރަށަށް ބަލި ފެތުރުނީ ރަށަށް ގޮސް އުޅޭ ފަތުރުވެރިން، ހެދިފައިވާ ގައިޑްލައިންތަކަށް ތަބައަ ނުވާތީ ކަމަށް ބެލެވޭ ކަމަށެވެ. އެގޮތުން އާންމުން ގޮސް އުޅޭ ފިހާރަ، ކެފޭ ތަކަށް ފަތުރުވެރިން ގޮސް ހަދާކަމަށާއި ރަށުތެރޭ އެމީހުން އުޅުނީ މާސްކު ނާޅާ ކަމަށް ވެސް އާތިފް ވިދާޅުވިއެވެ.
"ބަލި އައުމުގެ ކުރިން ރަށުތެރޭ ވެސް މީހުން އުޅުނީ މާސްކު ނާޅާ. ފަތުރުވެރިންވެސް ގައިޑްލައިން ތަކަށް އަމަލު ނުކުރޭ،" އޭނާ ވިދާޅުވިއެވެ.
މަތިވެރިން ފެނުނު ކޭސްތަކުގެ ތެރޭގައި ގިނައީ ގެސްޓްހައުސް ތަކުން ފެނުނު ކޭސްތައް ކަމަށްވެސް ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.
މަތިވެރި ކައުންސިލުގެ ރައީސް އާތިފް ވިދާޅުވީ ރަށުގެ ރައްޔިތުންގެ ފަރާތުން އެއްބާރުލުން ލިބޭ ކަމަށާއި ރައްކާތެރިކަމުގެ ފިޔަަޅުތަކަށް ރައްޔިތުން މިހާރު ބޯލަނބާ ކަމަށެވެ.
"ރަށުގެ ހާލަތު މި ހިސާބަށް ދިޔައިރު ސަރުކާރުގެ އިސް ވެރިޔަކު ގުޅާ ހާލު ބަލައިފައެއް ނުވޭ. އެއީ ޝަކުވާ އެއް. ހަމަ ގައިމުވެސް އަޅުގަނޑަށް ގުޅާ ރަށުގެ ހާލު ބަލައިފައެއް ނުވޭ،" އާތިފް ވިދާޅުވި އެވެ.