28 Apr 2021, 13:46
ވޮޝިންޓަން (އެޕްރީލް 28) : އިސްރާއީލުގެ ރައްޔިތުންގެ ގޮތުގައި އިސްރާއީލުގައި ދިރިއުޅޭ ފަލަސްތީނު ދަރިކޮޅުުގެ މީހުންނާމެދު އިސްރާއީލު ކަންތައްކުރަނީ ނަސްލީ އިމްތިޔާޒުގެ އުސޫލުން ވަރަށް ލާއިންސާނީ ގޮތެއްގައި ކަމަށް އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ އެމެރިކާގެ ޖަމްއިއްޔާ އެއްކަމަށްވާ ހިއުމަން ރައިޓްސް ވޮޗް އިން ބުނެފިއެވެ.
އިސްރާއީލުގެ އިންސާނީ ހައްގުތަކަށް އަލިއަޅުވާލައި އެޖަމްއިއްޔާއިން ނެރުނު ރިޕޯޓެއް ބުނާގޮތުން އިސްރާއީލުން ގެންދަނީ އެގައުމުގެ އަރަބި ދަރިކޮޅުގެ މީހުން (ފަލަސްތީނު ދަރިކޮޅުގެ އިސްރާއީލު ރައްޔިތުން) ގެ މައްޗަށް ބާރުވެރިކަން ފޯރުވައި ނިކަމެތި ކުރުމަށްޓަކައި އެމީހުންނާ ދެކޮޅަށް ނަސްލީ އިމްތިޔާޒުގެ ޖަރީމާތައް ފުޅާދާއިރާއެއްގައި ހިންގަމުންނެވެ.
މީގެއިތުރުން އިސްރާއީލު ވެރިވެގެންފައިވާ ފަލަސްތީނުގެ ހުޅަނގު އައްސޭރިއާއި ޣައްޒާގައި ދިރިއުޅޭ ފަލަސްތީނު ރައްޔިތުންނާ ދެކޮޅަށްވެސް އިސްރާއީލުން އަނިޔާވެރި އަމަލުތައް ހިންގައި ހަނގުރާމައިގެ ޖަރީމާކަމަށް ބެލެވޭ ލާއިންސާނީ އަމަލުތައް ފުޅާދާއިރާއެއްގައި ހިންގަމުން ގެންދިޔުމަށް ހުއްޓުމެއް ނާންނަ ކަމަށްވެސް ހިއުމަން ރައިޓްސް ވޮޗް އިން ތުހުމަތުކޮށްފައިވެއެވެ.

އިސްރާއީލުން ފަލަސްތީނުގެ ޣައްޒާއަށް ހަމަލާދެނީ
އިސްރާއީލު ވެރިވެގެންފައިވާ ފަލަސްތީނުގެ ހުޅަނގު އައްސޭރިއާއި ޣައްޒާގެ ރައްޔިތުންނާ ދެކޮޅަށް އިސްރާއީލުން ހަނގުރާމައިގެ ޖަރީމާތައް ހިންގާ މައްސަލަ ތަހްގީގް ކުރުމުގެ މަސައްކަތް އިންޓަނޭޝަނަލް ކްރިމިނަލް ކޯޓު (އައިސީސީ) އިންވަނީ ފަށާފައެވެ. މިކަން އައިސީސީ ން ކުރިޔަށް ގެންދާތީ ޓްރަމްޕްގެ ދުވަސްވަރު އެމެރިކާއިންވަނީ އައިސީސީގެ ޕްރޮސެކިއުޓަރުންނާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައްއަޅައި އެމީހުން އެމެރިކާއަށް ވަނުންވެސް މަނާކޮށްފައެވެ.
ނަމަވެސް އެމެރިކާގެ މިހާރުގެ ރައީސް ޖޯ ބައިޑެންގެ ސަރުކާރުންވަނީ މިއީ ލަދުވެތި ކަމަކަށްވާތީ ޓްރަމްޕްގެ ދުވަސްވަރު އިސްރާއީލުގެ ޖަރީމާތައް ފޮރުވުމަށްޓަކައި އައިސީސީ އަށް ކުރިމަތިކުރި ފިއްތުންތައް ނިމުމަކަށް ގެނަސް އައިސީސީގެ ޕްރޮސެކިއުޓަރުންނާ ދެކޮޅަށް އެޅި ދަތިކުރުމުގެ ފިޔަވަޅުތައް އުވާލާފައެވެ.

ހިއުމަން ރައިޓްސް ވޮޗް ގެ އިންސާނީ ހައްގުތަކާބެހޭ ރިޕޯޓުގައި އެޖަމްއިއްޔާގެ އެކްޒެކެޓިވް ޑިރެކްޓަރު ކެނެތް ރުތު ވިދާޅުވެފައިވާގޮތުން ފަލަސްތީނުގެ ބިންތަކަށް އިސްރާއީލުން ވެރިވެގަނެގެންއުޅޭ އުޅުން ހައްލުނުކުރެވި އެކަން ބައިގަރުނަށްވުރެ ދިގުލައިގެން ދިޔުމުން އެކަމުގެ ނާޖާއިޒު ފައިދާ އިސްރާއީލު ގެންދަނީ ނަގަމުންނެވެ. މިގޮތުން އިސްރާއީލުން ފަލަސްޠީނުގެ ބިންތައް ހިފައި އިސްތިއްމާރުކޮށްގެން އުޅޭއުޅުމަކީ އާދައިގެ ކަމެއްކަމަށް ބައިނަލްއަގްވާމީ މުޖްތަމައުން ދެކެންފަށާފައިވާ ކަމަށްވެސް މި ރިޕޯޓް ބުނެއެވެ.
ފަލަސްތީނުގެ މައްސަލަ ހައްލުކުރުމަށްޓަކައި އިސްރާއީލާއި ފަލަސްތީނާ ދެމެދު ސުލްހަ ގާއިމް ކުރުމަށް ކުރެވޭ މަސައްކަތްވެސް އިސްރާއީލުގެ ހަރުކަށިކަމުން ހުއްޓިފައި އޮންނައޮތުން ވަނީ ދިގުދެމިގެން ގޮސްފައެވެ. މިއާއެކު އެއީ އަޅާނުލާ އާދައިގެ ކަމެއްގެ ގޮތުގައި ދެކެން ފަށާފައިވުމަކީ ފަލަސްތީނުގެ އެތަށް ޖީލެއްގެ އިންސާނީ ހައްގުތައް ގެންލިގެންދާ ކަމެއްކަމަށްވަނީ ވެފައެވެ.
މި ހާލަތާއެކު އިސްރާއީލުން ފަލަސްތީނު ރައްޔިތުންނަށް ކުރާ އަނިޔާތައް ދާއިމީވެ އިސްރާއީލުގައި ދިރިއުޅޭ ފަލަސްތީނު ނަސްލުގެ މީހުންނާ ދެކޮޅަށް އިސްރާއީލު ހިންގާ ނަސްލީ އިމްތިޔާޒުގެ ޖަރީމާތައްވަނީ އަޅުވެތިކުރުމުގެ ޖަރީމާތަކެއްގެ ގޮތުގައި ބެލެވޭ ހިސާބަށް ގޮސްފައި ކަމަށްވެސް އެ ރިޕޯޓްގައިވަނީ ބަޔާންކޮށްފައެވެ.

އިސްރާއީލު ސިފައިން ފަލަސްތީނު މީހެއް ވައްޓާލައި އޭނާގެ ގަޔަށް ކޮޅުފައިން އަރައި އަނިޔާ ކުރަނީ
އިސްރާއީލުންވަނީ އެގައުމުން ފަލަސްތީނު ރައްޔިތުންނާ ދެކޮޅަށް ހިންގާ މިޖަރީމާތަކާ އަދި ލާއިންސާނީ އަމަލުތައް ހިޔުމަން ރައިޓްސް ވޮޗް އިން ބޭޒާރުކޮށްލުމުން އެކަމާމެދު ރުޅިއައިސް އެޖަމްއިއްޔާގެ ރިޕޯޓަށް ފާޑުކިޔާފައެވެ. މިއާއެކު އެމެރިކާގެ ޚާރިޖީ ވުޒާރާއިންވެސްވަނީ އިސްރާއީލުގެ ލާއިންސާނީ ޖަރީމާތައް ދިފާއުކޮށް އިސްރާއީލުގެ އަނިޔާވެރިކަން ފޮރުވަން މަސައްކަތްކުރާގޮތަށް އިސްރާއީލަށް ހަމްދަރުދީ ފާޅުކޮށް ބަޔާނެއް ނެރެފައެވެ. ނަމަވެސް އެމެރިކާއަކީ އެމެރިކާއާ އިދިކޮޅު ގައުމުތަކުގެ އިންސާނީ ހައްގުތަކަށް އިންތިހާއަށް ފާޑުކިޔައި ރިޕޯޓްތައް ނެރެމުންދާ ގައުމެވެ.
ހިއުމަން ރައިޓްސް ވޮޗް ގެ ރިޕޯޓްގައި ފަލަސްތީނު ސަރުކާރަށް ގޮވާލާފައިވަނީ ފަލަސްތީނުގެ ހުޅަނގު އައްސޭރީގެ އަމަނާބެހޭ ކަންކަމުގައި އިސްރާއީލަށް ދޭ އެހީތެރިކަމާއި އެއްބާރުލުން ވަގުތުން ހުއްޓާލުމަށެވެ. ހުޅަނގު އައްސޭރީގެ އަމަނާބެހޭ ކަންކަމުގައި ފަލަސްތީނު ސަރުކާރުން އިސްރާއީލަށް އެއްބާރުލުން ދިނުމަކީ ފަލަސްތީނު އިސްތިއްމާރުކޮށްގެން ފަލަސްތީނު ރައްޔިތުންނާ ދެކޮޅަށް އިސްރާއީލު ހިންގާ އިންސާނީ ހައްގުތަކާ ޚިލާފު އަމަލުތަކާއި ލާއިންސާނީ ޖަރީމާތަކުގައި ފަލަސްތީނު ސަރުކާރުވެސް ބައިވެރިވުމުގެ އަމަލެއްކަމަށް ބެލެވޭނެ ކަމަށް ހިއުމަން ރައިޓްސް ވޮޗް ގެ ރިޕޯޓްގައި ވަނީ ސިފަކޮށްފައެވެ. (ނޫސްއެޖެންސީތައް)