ދިއްލީ (އޭޕްރިލް 28): އިންޑިއާއިން ކޮވިޑް-19 ޖެހިގެން މަރުވި މީހުންގެ އަދަދު ދެ ލައްކައަށް ވުރެ އިތުރުވެފައިވާ އިރު ވެރިރަށް ދިއްލީގައި މަރުވާ މީހުންގެ ހަށިތައް އަންދާނެ ޖާގައެއް ނެތުމުގެ ކަންބޮޑުވުން އިތުރުވެއްޖެ އެވެ.

އިންޑިއާގެ ހެލްތު މިނިސްޓްރީން އިއްޔެ ރިޕޯޓު ކުރި ގޮތުގައި އެގައުމުން ކޮވިޑް ޖެހިގެން ފާއިތުވި 24 ގަޑި އިރު ތެރޭ 3،286 މީހަކު ވަނީ މަރުވެފަ އެވެ. އެއީ އެގައުމުން އެ ބަލީގައި އެއް ދުވަސް ތެރޭ މަރުވި މީހުންގެ އަދަދު 3،000އަށް އެރި ފުރަތަމަ ފަހަރެވެ. އަދި އިއްޔެ އެގައުމުން ވަނީ ރެކޯޑު އަދަދަކަށް ކޮވިޑްގެ އާ ކޭސްތައްވެސް ރިޕޯޓުކޮށްފަ އެވެ. އެއީ 3،62،850 ޕޮޒިޓިވް މީހުންނެވެ.

އެހެންކަމުން އިންޑިއާއިން މިހާތަނަށް ކޮވިޑް ޖެހިފައިވާ މީހުންގެ އަދަދު ވަނީ 17،988،476އަށް އަރާފަ އެވެ. އޭގެ ތެރެއިން މިހާރު ބަލި ޖެހިފައި ތިބި މީހުންގެ އަދަދު ތިން މިލިއަނާ ގާތް ކުރެ އެވެ. އަދި ބަލީގައި މަރުވި މީހުންގެ އަދަދު ވަނީ 201،187އަށް އަރާފަ އެވެ.

އިންޑިއާގައި ކޮވިޑްގެ ކޭސްތައް އެންމެ ގިނަ ސަރަހައްދުތަކުގެ ތެރޭގައި މަހާރަޝްތުރާ، ދިއްލީ، އުއްތަރަ ޕްރަދޭޝް، މަދުޔަ ޕްރަދޭޝް އަދި ގުޖުރާތު ހިމެނެ އެވެ. އެ ސްޓޭޓުތަކުން ވަނީ ހޮސްޕިޓަލްތައް ފުރި، މެޑިކަލް އޮކްސިޖެން އާއި ބޭސް ލިބުން ދަތިވެފައިވާ ކަމަށް ރިޕޯޓުކޮށްފަ އެވެ. އަދި މަރުވާ މީހުންގެ ހަށިތައް އެންދުމުގެ ކުރިން ރައްކާ ކުރާނެ މޯގްތަކާއި ހަށިތައް އަންދާ ކްރެމަޓޯރިއަމްތައްވެސް ފުރިފައިވާ ކަމަށް އޮފިޝަލުން ދަނީ ބުނަމުންނެވެ.

ހިންދުސްތާން ޓައިމްސްއިން ރިޕޯޓު ކުރި ގޮތުގައި ދިއްލީގެ ބައެއް ކްރެމަޓޯރިއަމްތަކުގައި ކިޔޫތައް ދިގުވެ، ބައެއް ހަށިތައް އަންދަން 16 އާއި 20 ގަޑި އިރާ ދެމެދުގެ މުއްދަތެއް ނަގާފާނެ ކަމަށް އެ ފެސިލިޓީތަކުން ދަނީ ބުނަމުންނެވެ. އަދި ބައެއް އާއިލާތަކަށް ވަނީ މަރުވެފައިވާ މީހުންގެ ހަށިތައް ކާރާއި ރިކްޝޯ އާއި އެމްބިއުލާންސްތަކުގައި ބާއްވައިގެން ތިބެން މަޖުބޫރުވެފަ އެވެ.

މީގެ އިތުރުން ދިއްލީގެ ކްރެމަޓޯރިއަމްތަކުން ވަނީ މީހުން އަންދަން އިތުރު ޖާގަތައް ހެދުމަށް ޕާކުތައް ފަދަ ހުސް ތަންތަން މިހާރު ބޭނުން ކުރަން ފަށާފައިވާ ކަމަށް ބުނެފަ އެވެ.

އިންޑިއާގައި މި އަހަރު ފެށުނު އިރު ކޮވިޑްގެ ކޭސްތައް މަދުވުމުން އެގައުމުގައި ރައްކާތެރިކަމުގެ ފިޔަވަޅުތައް ލުއި ކުރުމާ އެކު ގިނަ އަދަދެއްގެ މީހުން އެއްވުންތައް ބާއްވާ، މާސްކު އެޅުން މަދު ކުރުމުން މިދިޔަ މާޗް މަހު އެގައުމުގައި ކޭސްތައް އިތުރުވާން ފެށި އެވެ. އަދި ކޮވިޑްގެ އާ ވޭރިއެންޓުތައް ފެނި، ބައެއް ސްޓޭޓް އިލެކްޝަންތަކާ ދިމާކޮށް ބޮޑެތި ކެމްޕޭން ހަރަކާތްތައް ބޭއްވުމާއި އުއްތަރަކަންދުގައި އޮތް ހިންދޫ ދީނީ ހަފްލާއެއްގައި އެތައް މިލިއަން މީހުން ބައިވެރިވުމުގެ ސަބަބުން ކޮވިޑް ކޮންޓްރޯލް ނުވެ، ފެތުރިގެން ދިޔުމަށް މަގުފަހިވި އެވެ.