ކޮވިޑް19 އިން ރައްކާތެރިވުމުގެ ގޮތުން ޓެކްސީތަކުން އަމަލުކުރަންޖެހޭ މިންގަނޑަށް ނުފެތޭ ޓެކްސީތަކަށް އެއާޕޯޓު އޮންނަ ހުޅުލެ އަށް ނުވަދެވޭނެ ކަމަށް ފުލުުހުން ބުނެފި އެވެ.

އަނެއްކާ ވެސް ރާއްޖެ އިން ބަލި ފެންނަ މިންވަރު ވަނީ ވަރަށް ބޮޑުތަން އިތުރުވެފަ އެވެ. އެއާ އެކު ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން، އެއާޕޯޓަށް ދަތުކުރާ ޓެކްސީ، ވެހިކަލްތައް އެޗްޕީއޭގެ މިންގަނޑުތަކާ އެއްގޮތަށް ރައްކާތެރިކަމުގެ ފިޔަވަޅު އަޅާފައިވޭތޯ ބެލުމަށް ފުލުހުން އަންނަނީ ހަރަކާތްތެރިވަމުންނެވެ.

އެޗްޕީއޭގެ ގައިޑްލައިންގައިވާ ގޮތުން ޓެކްސީތަކުގައި ޑްރައިވަރު ޝީޓާ ފަސިންޖަރުން ތިބޭ ސީޓާ ދެމެދު ޕާޓިޝަން ހުންނަން ވާނެ އެވެ. ޑްރައިވަރުން ވެސް ފަސިންޖަރުން ވެސް ތިބެންވާނީ މާސްކު އަޅައިގެންނެވެ. ދަތުރުގައި ޓެކްސީގެ ފަހަތުގެ ކުޑަދޮރުތައް ހުންނަން ވާނީ ބިއްލޫރިގަނޑު ތިރިއަށް ކަހާލައިފަ އެވެ.

ފުލުުހުން ބުނީ ހުޅުލެއަށް ދިއުމަށް ހުއްދަދެވޭނީ މިންގަނޑަށް ފެތޭ އުޅަނދުތަކަށް އެކަނި ކަމަށެވެ. އޭގެ އިތުރުން މާލެއާއި ހުޅުމާލޭގައި ދުއްވާ ޓެކްސީ އާއި އުޅަނދުތައް ޗެކް ކުރަމުންދާނެ ކަމަށް ވެސް ފުލުހުން ބުންޏެވެ.

މާސްކް އެޅުމަށާއި ގައިދުރުކަން ބެހެއްޓުމަށް ހާއްސަ ސަމާލުކަމެއް ދީ، އެޗްޕީއޭގެ މިންގަނޑުތަކާ އެއްގޮތް ވާގޮތުގެ މަތިން އަމަލުތައް ބެހެއްޓުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފަ އެވެ.

މާލެ ސިޓީގެ ޓެކްސީ ސެންޓަރުތަކުގެ އިސްވެރިންނާއެކު ފުލުހުންގެ ޓްރެފިކް މެނޭޖްމަންޓް ޑިޕާޓްމަންޓުން ބައްދަލުވުމެއް ބާއްވައިފަ އެވެ.

އެ ބައްދަލުވުމަކީ ޓެކްސީގެ ހިދުމަތާ ގުޅޭ ގޮތުން އާންމުންގެ ޝަކުވާތައް ހައްލުކުރުމަށް މަޝްވަރާ ކުރުމަށް ކުރިއަށް ގެންދިޔަ ބައްދަލުވުމެކެވެ.

އެގޮތުން، ޓެކްސީ ޑްރައިވަރުންނާ ގުޅޭ ގޮތުން އާންމުންގެ ފަރާތުން ފުލުހުންނަށް ލިބިފައިވާ ޝަކުވާތައް ހިއްސާކޮށް އެކަންކަން ހައްލުކުރުމަށް މަޝްވަރާކޮށްފައިވެ އެވެ. އޭގެ އިތުރުން، ރަމަޟާން މަހުގައި ޓެކްސީތައް ގަވާއިދާ ހިލާފަށް ޕާކުކުރުމާއި މިސްކިތްތައް ހިމެނޭ ސަރަހައްދުތަކުގައި ޕާކުކުރަމުންދާތީ އެ ކަންކަން އެގޮތަށް ނުކުރުމަށް ޓެކްސީ ސެންޓަރުތަކުގެ ކިބައިން ވަނީ އެދިފަ އެވެ.