09 Feb 2012, 15:29
ދިގު މުއްދަތަކަށް މެންޗެސްޓާ ޔުނައިޓެޑަށް ކުޅެ ކުލަބުގެ އެންމެ މޮޅު ގޯލްކީޕަރުންގެ ތެރޭގައި ހިމެނެން ބޭނުންވާ ކަމަށް އެކުލަބުގެ ސްޕެއިން ކީޕަރު ޑޭވިޑް ޑެހެއާ ބުނެފި އެވެ.
މި ސީޒަނުގައި މެންޔުނައިޓެޑާއި ގުޅުނު ކީޕަރަށް ގިނަ ހުރަސްތަކަކާއި ކުރިމަތިލާން ޖެހިފައިވެ އެވެ. އެގޮތުން އެންމެ ފާހަގަކޮށްލެވުނީ މުހިންމު މެޗުތަކުގައި ހެދުނު ގޯސްތަކެވެ. ނަމަވެސް ޗެލްސީ އާއި ދެކޮޅަށް ކުޅެ 3-3 ލަނޑުން މެންޔުނައިޓެޑް މޮޅުވި މެޗުގައި ދިފާއުކުރި ހަމަލާތަކާއި ގުޅިގެން އެނާގެ ނަން ވަނީ އަނެއްކާވެސް ވިދާލާފަ އެވެ.
"ދިގު މުއްދަތެއްގައި މިކުލަބުގައި މަޑުކޮށް، ކުލަބުގެ އެންމެ މޮޅު ކީޕަރުންގެ ތެރޭގައި ހިމެނެން އަހަރެން ބޭނުން. ސްޕެއިން ލީގާއި އިނގިރޭސި ލީގަކީ ދުނިޔޭގެ އެންމެ ވަރުގަދަ ދެ ލީގު. އެކަމަކު އެދެލީގުގެ ކުޅުން ވަރަށް ތަފާތު. އެހެންކަމުން އަހަރެންނަށް ގިނަ އުނދަގޫތަކަކާ ކުރިމަތިލާން ޖެހުނު." ޑެހެއާ ބުންޏެވެ.
ޑެހެއާ އަކީ ސްޕެއިންގެ އެތްލެޓިކޯ މެޑްރިޑުން މެންޔުނައިޓެޑަށް މިސީޒަން ފެށުނުއިރު ބަދަލުވި ކީޕަރެކެވެ. މެންޔުނައިޓެޑްގެ ކުރީގެ އެއް ނަންބަރު ކީޕަރު އެޑްވިން ވެންޑަސާ ކުޅުމާ ދުރަށް ދިއުމުން އެތަން ފޫބެއްދުމަށް ގެނައި ކީޕަރަކީ ޑެހެއާ އެވެ. ނަމަވެސް ޑެހެއާ އަށް ވެންޑަސާ ގެ ކާމިޔާބީ އާއި ހަމައަށް ދިއުމަށް ގިނަ ކާމިޔާބީ ތަކެއް ހޯދަން ޖެހެ އެވެ.