28 Apr 2021, 01:23
މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ، ޖަލު ހުކުމެއް ތަންފީޒު ކުރަމުންދާ ކުރީގެ ރައީސް އަބްދުﷲ ޔާމީން ގޭ ބަންދަށް ބަދަލު ކުރުމާ މެދު އަދި މިހާތަނަށް ގޮތެއް ނުނިންމާ ކަމަށް ސަރުކާރުން ބުނެފި އެވެ.
ރައީސް ޔާމީން މަސް ދުވަހަށް ގޭ ބަންދަށް ބަދަލު ކުރަން ނިންމާފައިކަމަށް މިރޭ ބައެއް މީޑިއާތަކުން ވަނީ ރިޕޯޓުކޮށްފަ އެވެ.
އެކަމާ ގުޅިގެން ކަރެެކްޝަންސް އަދި ރައިސް އޮފީހުންވެސް މިރޭ "ސަން"އަށް ބުނީ، އެމަނިކުފާނު ގެއަށް ބަދަލު ކުރުމާ ގުޅޭ ގޮތުން އަދި މިހާތަނަށް ގޮތެއް ނިންމާފައިވާ ނުވާ ކަމަށެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކު އަޒީރު ވިދާޅުވީ، އެކަމާ ގުޅިގެން މަޝްވަރާތަައް އަދިވެސް ދަނީ ކުރިއަށް ކަމަށާއި މިހާތަނަށް އައިރު އަދި ވަކި ގޮތެއް ނިމިފައި ނުވާ ކަމަށެވެ.
"'[ރައީސް ޔާމީން] ގެއަށް ބަދަލު ކުރަން މިވަގުތު އަދި ނިންމާފައެއް ނެތް. އަދި އެކަމާ ގުޅޭ ގޮތުން އެއްވެސް ނިންމުމެއް ނެތް،" މަބްރޫކު ވިދާޅުވި އެވެ.
ރައީސް ޔާމިން ގެއަށް ބަދަލު ކުރަން ނިންމި ކަމަށް ބުނެ ބައެއް މީޑީއާތަކުން ފެތުރި ހަބަރު ދޮގު ކޮށް، ކަރެކްޝަންސްގެ މިޑިއާ އޮފިޝަލްވެސް ވިދާޅުވީ، ރައީސް ޔާމީން ގެއަށް ބަދަލު ކުރުމުގެ މަޝްވަރާތައް އަދިވެސް ހިނގަމުންދާ ކަމަށެވެ.
"އަދި ގެއަށް ބަދަލު ކުރަން ނިންމާފައެއް ނެތް،" މިޑިއާ އޮފިޝަލް ވިދާޅުވި އެވެ.
ނިމުނު ލޯކަލް ކައުންސިލް އިންތިހާބުގައި ޕީޕީއަށް ލިބުނު ކާމިޔާބާ ގުޅިގެން ރައީސް ޔާމީން މިނިވަން ކުރުމަށް އެ ކޯލިޝަނުން ވަނީ އެދިފަ އެވެ. އަދި އެމަނިކުފާނަށް މިހާރުން މިހާތަށް ލުއި ގޮތެއް ހޯދައި ދިނުމަށް ރައީސް އިބްރާޙިމް މުހައްމަދު ސޯލިހްގެ އަރިހުން ރައީސް ޔާމީންގެ އާއިލާއިންނާއި ޕީޕީއެމް/ޕީއެންސީގެ ލީޑާޝިޕުންވެސް ވަނީ އެދިފަ އެވެ.
އެކަމާ ގުޅޭގޮތުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވީ، އެކަމުގެ މަޝްވަރާތައް ކުރަމުންދާ ކަމަށާއި "ރައީސް ޔާމީނަށް ދެރަ ގޮތެއް ނުވާނެ" ކަމަށެވެ.
ރައީސް ޔާމީން މިނިވަން ކުރުމަށް ގޮވާލައި، "ދޭތިން އެކައްޗަށް" ނަމުގައި އިދކޮޅުން މިރޭ ވަނީ މާލޭގައި މުޒާހަރާވެެސް ކޮށްފަ އެވެ.