މޮނިޓަރިންގް ހާލަތުގައި އޮތް އއ. މަތިވެރިން މިއަދު އެކަނިވެސް 47 ފަރާތެއް ކޮވިޑް-19 އަށް ޕޮޒިޓިވްވެ، އެރަށުން ފެނުނު ކޭސްތަކުގެ ޖުމްލަ އަދަދު ހަފްތާއެއްތެރޭ 150 އަށް ވުރެ މައްޗަށް އަރައިފި އެވެ.

މަތިވެރިން އެންމެ ފުރަތަމަ ކޭސްއެއް ފެނި އެރަށް މޮނިޓަރިންގްއަށް ލާފައިވަނީ މިމަހުގެ 21 ވީ ބުރާސްފަތި ދުވަހު އެވެ. އޭގެ ފަހުން މިދިޔަ އެއް ހަފްތާތެރޭ އެރަށުން ޖުމްލަ 171 ކޭސް ވަނީ ފެނިފަ އެވެ.

މަތިވެރި ހެލްތު ސެންޓަރުގެ މެނޭޖަރު މުހައްމަދު މާހިދު 'ސަން' އަށް ވިދާޅުވި ގޮތުގައި ރަށު ތެރެއިން ފެނުނު ކްލަސްޓާގެ އެއްވެސް ކޭސްއެއް އަދި ބަލިން ރަނގަޅުވެފައިނުވާތީވެ، 171 ކޭސްވެސް ހުރީ މިވަގުތު އެކްޓިވް ކޭސްތަކުގެ ގޮތުގަ އެވެ. މި ކޭސްތަކުގެ އިތުރުން އެރަށުގައި ފުރަބަންދު ކަރަބްޓީނުގައި ތިބި ހުރިހާ ކޭސްއެއް ލައިގެން ފެނުނު ޖުމްލަ ކޭސްތަކުގެ އަދަދަކީ 182 ކަމަށް މާހިދު ވިދާޅުވި އެވެ.

"އެކަމަކު މި ކްލަސްޓާއިން (ރަށު ތެރެއިން ފެނުނު ކޭސްތަކުގެ އަދަދަކީ 171. އެއީ ފުރަބަންދު ނުލައި، ފުރަބަންދުން ޕޮޒިޓިވް ވި ފަރާތްތައް މިހާރު ވަނީ ބަލިން ރަނގަޅުވެސް ވެފައި، އަދިވެސް ސާމްޕަލް ނަގައި ޓެސްޓުކުރަމުން މިދަނީ ކޮންޓެކްޓް ޓްރޭސިންގް އާ އެއްކޮށް. އެކްޓިވް ކޭސްތައް 171 އެއްގައި،" މާހިދު ވިދާޅުވި އެވެ.

ރަށުން ނެގި ސާމްޕަލްތަކުގެ ތެރެއިން 36 ސާމްޕަލްއެއްގެ ނަތީޖާ އަދި ނުލިބޭކަމަށް މާހިދު ވިދާޅުވި އިރު މަތިވެރީގައި މިހާރު ވަނީ ކުޅިވަރު ހަރަކާތްތަކާއި އާންމު އެއްވުންތައް މަނާކޮށް، މާސްކު އަޅައި، ކޮންމެހެން މުހިންމު ކަމެއްގައި ނޫންނަމަ ބޭރަށް ނުދިޔުން ފަދަ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައިފައިކަމަށް މާހިދު ވިދާޅުވި އެވެ.

"ރަށަށް ބަލި އައި ގޮތް އަދިވެސް ދަނެގަނެވިފައެއް ނުވޭ. ކައުންސިލް އިންތިހާބަށްވެސް މިރަށަށް ދަތުރުނުކުރޭ އެހާ ގިނަ ބަޔަކު. ދެން ފުރަތަމަ ޕޮޒިޓިވް ކޭސްތައް ފެނުނު އިރު ޕޮޒިޓިވްވީ ހެލްތު ސެންޓަރުގެވެސް މުވައްޒަފުންތަކެއް ހިމެނޭ ގޮތަށް، އެހެންވެ ވަރަށް މަދު މުވައްޒަފުންކޮޅަކާއި އެކު މި މަސައްކަތް ކުރަން ޖެހެނީވެސް،" މާހިދު ވިދާޅުވި އެވެ.

މަތިވެރިއަކީ ރާއްޖޭގައި ލޯކަލް ޓޫރިޒަމުގެ ދާއިރާގެ އިސް ސަފުގައި އޮތް ރަށެއްކަމުގައިވާއިރު ރަށުގައި އޮތް ކޮވިޑުގެ ހާލަތާއެކު އަދިވެސް އެރަށުގެ ގެސްޓުހައުސްތައް އޮޕަރޭޓްކުރަމުންދާކަމަށް މާހިދު ވިދާޅުވި އެވެ. އެރަށް މޮނިޓަރިންގް ހާލަތުގައި އޮތް އިރު އަދިވެސް އެރަށަށް ފަތުރުވެރިން ގެނެ އެވެ. އެހެންނަމަވެސް އިތުރަށް ދެން އެރަށަށް ގެސްޓުން ގެނައުމާ މެދު ވަކި ގޮތެއް ނިންމާނެކަމުގެ މައުލޫމާތު އެޗްޕީއޭއިން މިއަދު ދީފައިވާކަމަށް މާހިދު ވިދާޅުވި އެވެ.

މިފަހަކަށް އައިސް ރާއްޖޭގެ ގިނަ ރަށްތަކަކުން ދަނީ ކޮވިޑް-19 ކޭސްތައް ފެންނަމުންނެވެ. އިއްޔެވެސް ރާއްޖެއިން 328 ކޭސް ޕޮޒިޓިވްވިއިރު އޭގެ ތެރެއިން 127 ކޭސްއެއް ފެނިފައިވަނީ މާލެއިން ބޭރުން އެހެން ރަށްރަށުންނެވެ. މިވަގުތު ރާއްޖޭގެ އެކްޓިވް ކޭސްތަކުގެ ގޮތުގައި ހުރީ 3،701 ކޭސް އެވެ.