ކުރީގެ ރައީސުލް ޖުމްހޫރިއްޔާ މުހަންމަދު ނަޝީދުގެ އަނބިކަބަލުންނާއި ބޭފުޅުން ރޭގެ ވަގުތެއްގައި ސްރީލަންކާ އަށް ވަޑައިގެންފި އެވެ.

އެ ބޭފުޅުން ސްރީލަންކާއަށް ވަޑައިގެންނެވިކަން އޭއެފްޕީގެ ކޮރަސްޕޮންޑެންޓް ވެސް ވަނީ ސަން އޮންލައިނަށް ޔަގީންކޮށްދީފަ އެވެ.

ލަންކާގައި މިވަގުތު ތިބި ރިޕޯޓަރުން މިއަދު ބުނީ ރައީސް ނަޝީދުގެ އަނބިކަބަލުންނާއި ދެ ދަރިކަނބަލުން މިއަދު ހެނދުނު ލަންކާ އަށް ވަޑައިގެންފައިވާ ކަމަށެވެ. ސަން އޮންލައިނަށް އެނގިފައިވާ ގޮތުގައި ރައީސް ނަޝީދުގެ އާއިލާގެ މެންބަރުން ކޮލަމްބޯގައި މިވަގުތު ތިއްބެވީ ލަންކާގައި ދިރިއުޅުއްވާ ނަޝީދުގެ އާއިލާގެ ބައެއްގެ ގާތުގަ އެވެ.

ސްރީލަންކާގެ ރައީސް ރާޖަޕަކްޝާގެ ސްޕޯސްމަން ބަންދުލާ ޖަޔަސޭކަރާއާ ހަވާލާދީ އޭއެފްޕީ އިން ބުނީ ނަޝީދުގެ އަނބިކަނބަލުން ލައިލާ އަލީ އާއި ދެ ބޭފުޅުން ރޭގެ ވަގުތެއްގައި ލަންކާ އަށް ވަޑައިގަތް ކަމަށާއި އަދި އެކަމަނާ ރާޖަޕަކަޝޭއާ ފޯނުން ގުޅުއްވި ކަމަށެވެ. އަދި ނަޝީދާއި އެމަނިކުފާންގެ އާއިލާގެ ސަލާމަތާއި ރައްކާތެރިކަމަށް ޓަކައި ރާޖަޕަކަޝޭ ކަންބޮޑުވެވަޑައިގަންނަވާ ކަމަށް ވެސް ވިދާޅުވެފައި ވެއެވެ.