އިންޑިޔާ ސަރުކާރުން ދިވެހި ރާއްޖޭގެ އާ ވެރިކަމާ އެކު މަސައްކަތްކުރަން ތައްޔާރަށް އޮތްކަމަށް އިންޑިޔާގެ ބޮޑުވަޒީރު ޑރ. މަންމޯހަން ސިން ވިދާޅުވެއްޖެ އެވެ.

އިންޑިޔާގެ "ދަ އިންޑިއަން އެކްސްޕްރެސް" އިން މިއަދު ބުނީ "އިންޑިޔާ އާއި ދިވެހިރާއްޖެއަކީ ސަލާމަތީ ގޮތުން އެއް ކަންތައްތަކެއް ހިއްސާކުރާ ދެ ގައުމުކަން ފާހަގަކުރައްވައި، ދެ ގައުމުގެ ކުރިއެރުމާއި ރައްކާތެރިކަމަށް ޓަކައި ރާއްޖޭގެ އާ ސަރުކާރާ އެކު ގުޅިގެން މަސައްކަތްކުރަން ތައްޔާރަށް އޮތްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު އަރިހުގައި އިންޑިޔާގެ ބޮޑުވަޒީރު ޑރ. މަންމޯހަން ސިންގް ވިދާޅުވި" ކަމަށެވެ.

އެ ނޫހުގައިވާ ގޮތުން ރައީސްކަމާ ހަވާލުވެވަޑައިގެންތާ 24 ގަޑިއިރުގެ ތެރޭގައި ރައީސް ޑރ. ވަހީދު އިންޑިޔާގެ ބޮޑުވަޒީރު މަންމޯހަން ސިންގަށް ފޯނުން ގުޅުއްވައި ވާހަކަފުޅު ދެއްކެވި ކަމަށެވެ.

"ދިވެހި ރާއްޖެއާ އިންޑިޔާއާ ދެމެދު އޮންނަ ގުޅުމަކީ އިންޑިޔާ އިން އެންމެ ބޮޑަށް ސަމާލުކަންދޭ ކަންތައްތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ. އެއީ ޖަޒީރާގައުމަށް ޗައިނާގެ ސަމާލުކަން އިތުރުވެފައިވާތީ އެވެ. އަދި ރާއްޖޭގައި ކުރި މުޒާހަރާތަކުގައި މިނިވަން ހިޔާލުގެ މުޖުތަމައުގައި ތިބި ހައްދުފަހަނައަޅާފައިވާ ބައެއް މީހުންގެ ބޮޑު ދައުރެއް އޮތުމާ އެކު އިންޑިޔާ އިން ދިޔައީ ރާއްޖޭގެ ކަންތައްތައް ވަރަށް ކައިރިން ބަލަމުންނެވެ." ދަ އިންޑިއަން އެކްޕްރެސްގައިވެ އެވެ.
"އިންޑިޔާ އާއި ރާއްޖެއާ ދެމެދު އޮތް ގުޅުން އެގޮތުގައި އޮންނާނެ ކަމުގެ ޔަގީންކަމާއި ގާނޫނު އަސާސީ އާއި ގާނޫނުގެ ވެރިކަން ދަމަހައްޓަވާނެ ކަމުގެ ޔަގީންކަން، ޑރ. ވަހީދު ކުރެއްވި ކުރު ފޯންކޯލެއްގައި ދެއްވި ކަމަށް" އިންޑިޔާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީގެ ބަޔާނަކާ ހަވާލާދީ ނޫހުގައިވެ އެވެ.

ބަޔާނާ ހަވާލާދީ އެނޫހުން އަދި ބުނީ "އިންޑިޔާގެ ބޮޑުވަޒީރު ޑރ. މަންމޯހަން ސިން ރާއްޖޭގެ ރައީސަށް ހެޔޮއެދުންތައް ފާޅުކުރެއްވި ކަމަށެވެ. އަދި ދިވެހި ރައްޔިތުން ބޭނުންވެދާނެ ކޮންމެ އެހީތެރިކަމެއް ދޭން އިންޑިޔާ އަބަދުވެސް ތައްޔާރަށް އޮތް" ކަމަށެވެ.

އެނޫސް ބުނާ ގޮތުގައި ރައީސް ޑރ. ވަހީދާއި ބޮޑުވަޒީރު ސިން އިއްޔެ ފޯނުން ވާހަކަ ދެއްކެވުމުގެ ކުރިން "ދެގައުމުގެ ކުރިއެރުމާއި ސަލާމަތަށް ޓަކައި ދެގައުމު ގުޅިގެން މަސައްކަތް ކުރުމަށް އިންޑިޔާ ތައްޔާރަށް އޮތް ކަމަށް" ވިދާޅުވެ، ރައީސް ޑރ. ވަހީދަށް ސިންގް ސިޓީފުޅެއް ފޮނުއްވި ކަމަށެވެ.